Roadha Mihaaru
ބުޅާމަހުގެ މައްސަލަ ބޮޑެއް ނޫން؟

ބުޅާމަހުގެ މައްސަލަ ބޮޑެއް ނޫން؟

20 އޯގަސްޓް 2024

މި ދެތިން ދުވަހު އަހަރެމެން އެންމެން ދައްކާނީ މާލޭގައި އުޅޭ ބުޅާތައް ހިފައިގެން ބިދޭސީއަކު އޭގެ މަހުން ސަބްމެރިން އާއި ބާގާ ހެދި ކަމަށް ތުހުމަތުވާ މައްސަލައިގެ ވާހަކަ އެވެ. ގޭގެ ސިޓިންރޫމާއި ހޮޓާތަކާއި ހުރިހާ މައިޒާނެއްގައި އޮންނާނީ މި ވާހަކަ އެކެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި ދެތިން ދުވަހު އަހަރެމެން އެންމެން ދައްކާނީ މާލޭގައި އުޅޭ ބުޅާތައް ހިފައިގެން ބިދޭސީއަކު އޭގެ މަހުން ސަބްމެރިން އާއި ބާގާ ހެދި ކަމަށް ތުހުމަތުވާ މައްސަލައިގެ ވާހަކަ އެވެ. ގޭގެ ސިޓިންރޫމާއި ހޮޓާތަކާއި ހުރިހާ މައިޒާނެއްގައި އޮންނާނީ މި ވާހަކަ އެކެވެ.

ހަފުތާއެއްހާ ފަހުން، އެހެން ބޮޑެތި މައްސަލަތަކެކޭ އެއްގޮތަށް މިކަން ވެސް ބޮނޑު ނަގުލަށް ގޮސް ނިމޭނެ އެވެ. އެކަމަކު އޭގެ ކުރިން މި ވާހަކަ ދައްކަން ހިނގާށެވެ.

އިއްޔެ އަހަރެމެން އެންމެންގެ ސަމާލުކަމަށް މި އައީ އާދައިގެ ކަމެއް ނޫނެވެ. މާލޭގައި އުޅޭ ބުޅާތައް މަރައިގެން، އޭގެ މަސް ބޭނުންކޮށްގެން ބާގާ އާއި ސަބްމެރިން އަދި ޕިއްޒާ ވެސް ހަދައިގެން ވިއްކާ ބަންގްލަދޭޝް މީހެއްގެ މައްސަލަ އެވެ. ގ. ރަނައުރާގޭގައި އެ މީހާ އުޅޭ ތަނުގައި އެ ތަކެތި ހަދައިގެން ވިއްކަން އާންމުކޮށް ގެންދަނީ އެ ސަރަހައްދުގެ ބައެއް މީހުން ބުނިގޮތުގައި ލޯންޗުފަހަރުތަކަށެވެ. ބައެއް ތަކެތި ފިހާރަތަކަށް ވެސް ގެންދެ އެވެ.

ބުޅާތައް މަރައިގެން ބާގާ އާއި ސަބްމެރިން ހަދާ ކަމަށް ބުނާ ބަންގްލަދޭޝްގެ މީހާ.

ބުޅާތައް މަރައިގެން ބާގާ އާއި ސަބްމެރިން ހަދާ ކަމަށް ބުނާ ބަންގްލަދޭޝްގެ މީހާ.

ކުރީގެ ބާ އިންޖީނުގެ ހުންނަ ސަރަހައްދުން އާންމުކޮށް ރޭގަނޑު ފެންނަ މި މީހާ ދަންނަ ވަރަށް ގިނަ މީހުން އެ ސަރަހައްދުގައި އުޅެ އެވެ. އޭނާ ހަދާ ތަކެތީގެ ރަހަ ރައްޓެހި ބައެއް ދިވެހިން ވެސް ބެލި އެވެ.

ބުޅަލުގެ މަސް ބޭނުންކޮށްގެން ބާގާ އާއި ސަބްމެރިން އަދި ޕިއްޒާ ހަދާކަން އަދި ސާބިތު ނުކުރެވުނަސް ބުޅާތައް ގެއަށް ގެންގޮސް އެ މީހާ "ކޮންމެވެސް ކަންތައްގަނޑެއް" އެބަ ކުރެ އެވެ. ތުހުމަތު މި ކުރެވެނީ ކާތަކެތި ހެދުމަށް ބޭނުންކުރާ ކަމަށެވެ.

އޭނާ ބުޅާ ހިފާ ވާހަކަ ބުނާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ފިލައިފި އެވެ. ފުލުހުންނަށް އޭނާ ހޯދުނު ކަމަކަށް އަދި ނުވެ އެވެ. އެއްގޮތަކީ އެ މީހާ މާ މޮޅީ އެވެ. މި ކުޑަކުޑަ މާލޭގައި ފިލައިގެން އުޅޭނެ ތަނެއް އެ މީހާ ހޯދައިފި އެވެ. އެ މީހާ ހޯދަން ފުލުހުން ނުކުމެ ބޮޑު އޮޕަރޭޝަނެއް ޖައްސަން ޖެހެ އެވެ. އޭނާ އެކަން ކުރި ނަމަ އެ ކުޅުނީ އެތައް ބައެއްގެ ސިއްހަތާއި ފުރާނައާ އެވެ؛ އޮޅުވާލައިގެން ބުޅާ މަސް ކާން ދިނީ އެވެ.

ރާއްޖޭގައި ކާބޯތަކެތި ތަކެތި ތައްޔާރުކުރާ އިންޑަސްޓްރީތެރެއަށް ބިދޭސީން ވަދެ، މުޑުދާރުކޮށް ތަކެތި ތައްޔާރުކޮށް ދިވެހިންނަށް ކާންދެމުން ދާއިރު މިއީ އާދައިގެ ގޮތަކަށް ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ އެވެ. އެ ޒިންމާ ނަގަން ޖެހޭ އެއް ފަރާތުން އެކަން މިހާރު ކުރަމުން އަންނައިރު ހަގީގީ ބެލެނިވެރި ފަރާތް އޮތީ "ގަދަ ނިދީގަ" އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެޗްޕީއޭ ކޮބައި ހެއްޔެވެ؟

ގައިމު މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އިމިގްރޭޝަންގެ މަސައްކަތުން މިފަދަ ތިން ތަނެއް ހޯދައި އެ އިދާރާ އިން އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފި އެވެ. އެކަމަކު، ކަހާތަން ހިރުވާ ވެސް ނުލަ އެވެ. އިމިގްރޭޝަނުން ސޯޝަލް މީޑިއާއަށް ދޫކޮށްލާ "މުޑުދާރުކޮށް" ކާބޯތަކެތި ތައްޔާރުކުރާ ތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ބަލަހައްޓައިގެން ތިބެނީ ހެއްޔެވެ؟ މާލޭގައި އުޅޭ ބިދޭސީންގެ ސާފުތާހިރުކަމާއި އާންމުން ކެއުމަށް އެ މީހުން ކާބޯތަކެތި ތައްޔާރުކުރާ ގޮތް ބަލަން ނުކުމެ ބޮޑު އޮޕަރޭޝަނެއް ފަށަން ހަމަ ނުވަނީ ހެއްޔެވެ؟ އިމިގްރޭޝަންގެ ޒިންމާއަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމެވެ. ކާބޯތަކެތީގެ ސާފުތާހިރުކަން ބެލުމަކީ އެމްއެފްޑީއޭގެ މަސްއޫލިއްޔަތެކެވެ. ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާ އެވެ.

އިމިގްރޭޝަނުން އިއްޔެ އާންމުކުރި އެހެން ކޭސްއެއްގެ ފޮޓޯތައް ފެނުމުން އަހަރެމެންގެ ހާލަތު ފެނިފައި ދެރަވާވަރު ނުވޭ ހެއްޔެވެ؟ އެމްއެފްޑީއޭގެ ވެރިންގެ ހިތަށް ހަމަ އަސަރު ނުކުރަނީ ހެއްޔެވެ؟ އެ ފެންނަނީ ފޯއް ކޮށާފައި، ހެސްކިޔާފައި މުޑުދާރުކޮށް ހުރި ޓައިލްސްތަކެއްގެ މަތީގައި ބަހައްޓާފައި ހުރި ތަނެވެ. އެ ފޯއްތައް ހިއްކަން ބަހައްޓާފައި ހުރީ އެ ކޮޓަރީގެ ފާހާނާގެ ދޮރުމަތީގަ އެވެ. އެ ބިދޭސީން ދިރިއުޅެނީ ވެސް އެ ކުޑަކުޑަ ކޮޓަރީގަ އެވެ.

ބިދޭސީންތަކެއް އުޅޭ އެޕާޓްމަންޓެއްގައި ފޯއްތައް ކޮށަައި ޓައިލްސް މަތީގައި އަތުރާފައި: ފެންނަނީ މުޑުދާރުކަން.---ފޮޓޯ: އިމިގްރޭޝަން

ބިދޭސީންތަކެއް އުޅޭ އެޕާޓްމަންޓެއްގައި ފޯއްތައް ކޮށަައި ޓައިލްސް މަތީގައި އަތުރާފައި: ފެންނަނީ މުޑުދާރުކަން.---ފޮޓޯ: އިމިގްރޭޝަން

ފޯއް ކޮށުމުގެ ކަންކަން އެ ކޮޓަރީގައި އެ ބިދޭސީން ކުރިއަށް ގެންދާ "މުޑުދާރު" ގޮތް ފެނި، ދުފުމަށް ދެވި ހިފާފައި ހުއްޓަސް އެކަން ވަގުތުން ހުއްޓާލަން ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. އެއީ ކިލޯ ކިރައިގެން ވިއްކާ އެއްޗަކަށް ވުމުން އަހަރެމެން ހޮޓާ/ރެސްޓޯރަންޓުތަކަށް ގޮސް ދުފަނީ އެކަން ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެ އެވެ. ޕެކެޓުގައި ބަންދެއް ނުކުރެ އެވެ.

ރިހާކުރު ގުޅަ އާއި ކުދިގުޅަ އާއި ތެލުލިފަތާއި ފޯއްޕެކެޓާއި ކިއްލި ޕެކެޓު ބަންދުކުރާ ބިދޭސީންތަކެއް ވެސް އިމިގްރޭޝަނުން މިިދިޔަ ހަފުތާގައި އަތުލައިގަތެވެ. އެ ހުރިހާ ތަކެއްޗެއްގައި ހުރީ ފޫޖަހައިފަ އެވެ. ވީރާނާވެ، ހަލާކުވާން ކައިރިވެފައި ހުރި ގޭގެ އެތެރެ ހުރީ ވަރަށް ނުތާހިރުކޮށް، ބަލަން ނުކެރޭ ވަރަށް މުޑުދާރު ކޮށެވެ.

އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަންތަކަށް ދާ އޮފިސަރުން ބުނާ ގޮތުން ނަމަ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އަހަރެމެން އާންމު ދިވެހިންގެ ހަމަ ލޮލަށް ލައިވްކޮށް ފެންނަ ނަމަ ހޮޑުލެވޭހާ ނުތާހިރެވެ. ނޯއްދަމާލަށް ނުކެރޭ ވަރަށް މުޑުދާރެވެ. ދެ ވަނަ ފަހަރަކު އެ ފަދަ ތަނަކަށް ބޯ ދިއްކޮށް ނުލާނެ އެވެ. އެހާ ވެސް ގޯހެވެ.

ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަން..-- ފޮޓޯ: އިމިގްރޭޝަން

ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަން..-- ފޮޓޯ: އިމިގްރޭޝަން

އެންމެ ރަނގަޅުތާ އެވެ. އަހަރެމެންގެ ގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އެންމެ ރަނގަޅެވެ. މުޅި ގައުމުގައި މި ވާހަކަތައް ދައްކާއިރު ވެސް އެ ތިބެނީ ވިއްޔާ އެވެ. އެންމެ ކުޑަމިނުން ކަންބޮޑުވެގެން މީޑިއާއަކުން ސުވާލުކުރިޔަސް ޖަވާބުދާރީވާނެ ބަޔަކު ވެސް ނުވެ އެވެ. ކުޑަމިނުން، ބަޔާނެއް ނެރޭނެ ބަޔަކު ވެސް ނެތެވެ. މައްސަލަ މިހާ ބޮޑުވުމުން ވެސް ނުކުމެ ކަންކަން މޮނީޓާ ކުރަން ފަށަނީއޭ ބުނާނެ ބަޔަކު ވެސް ނުވެ އެވެ. މި ވާހަކަ ދައްކައި ކަންބޮޑުވާން ޖެހެނީ އަހަރެމެން އާންމުންނެވެ.

މާލޭގައި ނުތާހިރުކޮށް ކާބޯތަކެތި ވިއްކާ ވާހަކަ އާއި ބޭނުންކުރާ ވާހަކައަކީ އާންމު ވާހައެކެވެ. ރީޓެއިލް ވިޔަފާރި ކުރުމަށް ހުއްދަ ދީފައިވާ ކުދިކުދި ފިހާރަތައް މިހާރު ފުރާލާފައި އެ އޮންނަނީ ހެދިކާތަކުންނެވެ. ހެނދުނު ގެންދާ ހެދިކާތައް ނުވިކި، ރޭގަނޑު ވެސް ވިއްކާ ތަން އެ ފިހާރަތަކުން އެބަ ފެނެ އެވެ. ތަނުގައި އިންނަނީ ބިދޭސީ ސޭޓެކެވެ. އެ ފިހާރަތަކުގައި ވިއްކާ ރީޓެއިލް މުދަލަށް ވުރެ ގިނައިން އެ ވިއްކަނީ ބިދޭސީން ތައްޔާރު ކުރާ ހެދިކާތަކާއި ތައްޔާރީ ކާނާ އެވެ. މާލޭގެ ކުދިކުދި ގޯޅިތަކަށް ކަމާ ގުޅުން ހުރި އިދާރާތަކުން ނިކަން ވަދެ ޗެކް ކޮށްބަލާށެވެ. އެއްކޮޅުން އަނެއްކޮޅަށް އެ އޮތީ ބިދޭސީން ހިންގާ ކުދިކުދި ގޮޅިތަކެވެ. ދިވެއްސަކު އެ އިން ތަނެއްގައި ނުހުރެ އެވެ.

މިއީ އަހަރެމެން އާންމު މީހުންގެ ލޮލަށް ފެންނަ މަންޒަރުތަކެވެ. އެކަމަކު ކަމާ ގުޅުން ހުރި އިދާރާތަކުގެ ވެރިންނާއި އިންސްޕެކްޓްކުރާ މުވައްޒަފުންނަކަށް ނުފެނެ އެވެ. ނުވަތަ ފެނުނަސް ނުފެންނަ ކަމަށް ހަދާލަނީ އެވެ.

އިމިގްރޭޝަނުން ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް..-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ހައްޔަރުކުރި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ތަނެއް..-- ފޮޓޯ: އިމިގްރޭޝަން

އެމްއެފްޑީއޭގެ ވެރިންގެ ޒިންމާ އަދާކުރި ނަމަ މި ހާލަތަކަށް ނުވެއްޓުނީހެވެ. ގަވާއިދުން އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމާއި ރިޕޯޓް ކުރެވޭނެ ވަރުގަދަ މެކޭނިކަޒަމެއް ގާއިމް ކުރެވެން އޮތެވެ. މިހާރުގެ އިމިގްރޭޝަން މިހާ ބޮޑަށް އެކްޓިވް ވާން ޖެހުނީ އަހަރެން ދެކޭގޮތުގައި ރިޕޯޓިން ސިސްޓަމް ވަރުގަދަ ކުރުމުންނެވެ. ކާކުކަން ނޭނގޭ ގޮތަށް ކޮންމެ މީހަކަށް ވެސް ބިދޭސީންނާ ގުޅޭ މައްސަލަ ހުށަހެޅޭނެ މަގެއް ހުޅުވައި ދިނީމަ އެވެ. "އިމިގްރޭޝަން ވޮޗް" ކޮންމެ މީހަކަށް ރިޕޯޓް ކުރެވެނޭ ގޮތް ފަހިކޮށްދިނީމަ އެވެ. ދެން އޮތީ ވަގުތުން ފިޔަވަޅު އެޅުން ވަރުގަދަ ކުރުމެވެ.

އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަންތަކަށް ދާ އޮފިސަރުން ބުނާ ގޮތުން ނަމަ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އަހަރެމެން އާންމު ދިވެހިންގެ ހަމަ ލޮލަށް ލައިވްކޮށް ފެންނަ ނަމަ ހޮޑުލެވޭހާ ނުތާހިރެވެ. ނޯއްދަމާލަށް ނުކެރޭ ވަރަށް މުޑުދާރެވެ. ދެ ވަނަ ފަހަރަކު އެ ފަދަ ތަނަކަށް ބޯ ދިއްކޮށް ނުލާނެ އެވެ. އެހާ ވެސް ގޯހެވެ.

ކާބޯތަކެތި ޓެސްޓު ކުރުން ފަދަ ކަންކަން ކުރުމުގައި އެމްއެފްޑީއޭ އަށް ގޮންޖެހުންތައް ހުރެދާނެ އެވެ. ވަސީލަތްތަކާއި ބަޖެޓު ނުލިބޭ ވާހަކަ ވެސް ދައްކަ އެވެ. ފެންވަރު ރަނގަޅު ލެބޯރެޓަރީއެއް ނެތް ވާހަކަ ދައްކަ އެވެ. އެކަމަކު، ޔަގީނުން ވެސް ކާބޯތަކެތި ތައްޔާރުކުރަނީ ސާފުތާހިރުކޮށްތޯ ބެލުމުގެ އިންސްޕެކްޝަންތައް ވަރުގަދަކޮށް، ދާއިމީ ކުރެވޭނެ އެވެ. މި ދައްކަނީ އެތައް އިންސާނުންގެ ބަލިތަކާ ގުޅޭ ވާހަކަތަކެވެ. ބިދޭސީން ތައްޔާރުކުރާ ކާބޯތަކެތީގެ މުޑުދާރު ވާހަކަތައް އިމިގްރޭޝަނުން ތިލަ ކޮށްދިނީމާ އެމްއެފްޑީއޭ އިން ފާޅުގައި ނުކުމެ އެ ހުރިހާ ތަނެއް އިންސްޕެކްޓް ނުކުރެވެންވީ ސަބަބެއް ނުވިސްނެ އެވެ. ވަސީލަތްތައް ނެތިއްޔާ ފުލުހުން ނުވަތަ އެހެން ތަނެއްގެ އެހީއަށް ވެސް އެދެވިދާނެ ނޫން ހެއްޔެވެ؟

މިހާ ހަމަޖެހިލާފައި ތިބޭތީ މި ހިތަށް އަރަނީ އަދި މި ފެންނަނީ މައްސަލައެއް ނޫން ކަމަށެވެ. އަހަރެމެން ދެން މާ ބޮޑުކޮށްލައިގެން އުޅެނީ އެވެ. ހަފްތާއެއް ފަހުން ދެން މިހާ ވާހަކަ ނުވެސް ދައްކާނެވިއްޔާ އެވެ. ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އަޑެއް ވެސް ނީވެ އެވެ.