Roadha Mihaaru
ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ދުބާއީ ބަޔަކު ޝައުގުވެރިވޭ

ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރަން ދުބާއީ ކުންފުންޏެއް ޝައުގުވެރިވެއްޖެ

21 އޯގަސްޓް 2024

އިލެކްޓްރިކް އެއާކްރާފްޓް ނުވަތަ އެވްޓޯލް ޖެއްސުމަށް ހާއްސަ ވާޓިޕޯޓާއި ޑްރޯންޕޯޓްތަކެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް އިން ދުބާއީގެ ދެ ކުންފުންޏަކާ ގުޅިގެން ޕާޓްނަޝިޕެއް ހަދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިލެކްޓްރިކް އެއާކްރާފްޓް ނުވަތަ އެވްޓޯލް ޖެއްސުމަށް ހާއްސަ ވާޓިޕޯޓާއި ޑްރޯންޕޯޓްތަކެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް އިން ދުބާއީގެ ދެ ކުންފުންޏަކާ ގުޅިގެން ޕާޓްނަޝިޕެއް ހަދައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ، އެ ކުންފުނިން އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރީ، ދުބާއީގެ ދެ ކުންފުންޏަކާ ގުޅިގެން އެ މަސައްކަތް ކުރަން ކަމަށެެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕެއްގެ ދަށުން ރީޖަނަލް އެއާޕޯޓްސްގެ އެ ޕްރޮޖެކްޓް ހިންގަން ރާވާފައިވަނީ ދުބާއީގެ ކެޕިޓަލް ވިންގްސް އާއި އެއާ ޝެޓޯ ޑީޑަބްލިއުސީއާ އެކު އެވެ. އެ ދެ ކުންފުންޏަކީ ވެސް އެ ގައުމުގައި އޭވިއޭޝަން ދާއިރާގައި މަޝްހޫރު ދެ ކުންފުނި ކަމަށް މުބީން ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން ޝައުގުވެރިކަން މި ފާޅުކުރީ. އެއަށްފަހު ޕްރޮޕޯސަލް ހުށަހަޅަން އެދުމުން އެކަމުގެ ތަފްސީލުތަކާ އެކު ހުށަހަޅާނީ،" އޭނާ ވިދާޅުވި އެވެ.

ދުބާއީގެ ބައެއް ނޫސްތަކުގައިވާ ގޮތުން އެ ޕްރޮޖެކްޓްގެ ދަށުން އެއާ ޓެކްސީ އޮޕަރޭޝަނާއި ކޮމާޝަލް ކާގޯ އާއި ޕެސެންޖާ އޮޕަރޭޝަންސްގެ އިތުރުން އެވްޓޯލް އާއި ޑްރޯންތައް ޖެއްސުމަށް ހާއްސަ ޖާގަ ރަށްރަށުގައި ހަދާނެ އެވެ.

ވާޓިޕޯޓްސް އަކީ ހެލިކޮޕްޓަރު ފަދަ އިލެކްޓްރިކް އުޅަނދުތައް ކަމުގައިވާ އެވްޓޯލް ޖެއްސުމަށް ހާއްސަ އޭރިއާތަކެވެ. ދުބާއީގެ އެއާ ޝެޓޯ ޑީޑަބްލިއުސީއާ އެކު ހަދާ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އެއްހާ ވާޓިޕޯޓް ހަދާނެ އެވެ. އަދި ޑްރޯން ޖެއްސުމަށް ހާއްސަ 500 ޑްރޯންޕޯޓް ވެސް ހަދަން ވަނީ ރާވައިފަ އެވެ.

އެއާ ޝެޓޯގެ ޗެއާޕާސަން ޑރ. ސާމިރު މުހައްމަދު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމަށް މަގްބޫލު މަންޒިލަކަށްވާ އިރު ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ހަމަޖެހުން ވަރަށް މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނީގެ އެވްޓޯލް އާއި ހެލިކޮޕްޓަރުތަކުގެ އެހީގައި ޓޫރިސްޓުންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.