Roadha Mihaaru
އޯލެވެލް ފާސް ޕަސެންޓު އަދިވެސް 50 ޕަސެންޓަށް ނާރާ

އޯލެވެލް އަދި އޭލެވެލްގެ ފާސް ޕަސެންޓު އަދިވެސް 50 ޕަސެންޓަށް ނާރާ: މިނިސްޓަރު

22 އޯގަސްޓް 2024

އޯލެވެލް އަދި އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ފާސްވާ ޕަސެންޓު އަދިވެސް 50 ޕަސެންޓަށް ނާރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޯލެވެލް އަދި އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ފާސްވާ ޕަސެންޓު އަދިވެސް 50 ޕަސެންޓަށް ނާރާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

"ތައުލީމަށް އިންގިލާބީ ބަދަލެއް" އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ތައުލީމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު ފާސްވާ ދަރިވަރުންގެ އަދަދު މިހާ ހިސާބުގައި ހުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"ބޮޑު ހޭދައެއް ކުރެވި އެތައް އިންވެސްޓްމެންޓެއް ކުރެވި ރާއްޖެއިން ބޭރުގެ އެޖެންސީތައް، ހާއްސަކޮށް ޔުނިސެފް، ވޯލްޑް ބޭންކުން ކެނޑިނޭޅި އެހީތެރިވަމުންދާއިރު ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ އަދަދު 50 ޕަސެންޓާ ހަމައިގައި 2023 އަދި 2024 ގައި ހުރުމަކީ އެއީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ، އިސްމާއިލް ޝަފީއު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭލެވެލް ނިންމާ ދަރިވަރުން ޔުނިވާސިޓީ ތައުލީމާ ގުޅޭ އަދަދު ވެސް ވަރަށް ދަށްކަމަށާއި އެ ދަރިވަރުންގެ ފާސް ޕަސެންޓު ވެސް ދަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"މި މައްސަލަ ފެށިގެން އަންނަނީ 2015 އިން 2024 އާ ހަމައަށް. އަޅުގަނޑުމެން ބަލާއިރު ގްރޭޑް ތިނެއްގެ އިނގިރޭސި ފިޔަވައި އެހެން މާއްދާތައް ހުރީ ދަށްކޮށް. ދަރިވަރުންގެ ހިސާބާއި ލިޓްރެސީ މާއްދާއިން ފާސްވާ އިންސައްތަ ނުހިފެހެއްޓޭ ނަމަ އޭގެ އަސަރުކުރާނީ ސާނަވީ މަރުހަލާގެ ނަތީޖާއަށް. ޕްރިމައިރީގެ ނަތީޖާ ރަނގަޅުކޮށްގެން ނޫނީ ސާނަވީ މަރުހަލާގެ ނަތީޖާ ރަނގަޅު ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ ފެންވަރު މަތިކޮށްގެން ނޫނީ ސަރުކާރުން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލް ނުވެވޭނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއަށް 2،700 އަށްވުރެ ގިނަ ޓީޗަރުން ބޭނުންވާކަމަށެވެ.

މިހާރު ލިބިފައިވާ ހިލޭ އެހީގެ ދަށުން ކުރަން ނިންމާފައިވާ ކަންކަން ނިމުމުން ޓީޗަރުންގެ މައްސަލަ ވެސް ހައްލުވެ، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.