Roadha Mihaaru
ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި

ޓެލެގްރާމްގެ ސީއީއޯ ފްރާންސުން ހައްޔަރުކޮށްފި

25 އޯގަސްޓް 2024

މަޝްހޫރު މެސެޖިން އެޕް ޓެލެގްރާމް ހިންގާ ކުންފުނީގެ ސީއީއޯ ޕަވެލް ޑްރޯވް ފްރާންސްގެ އެއާޕޯޓަކުން އިއްޔެ ހައްޔަރުކޮށްފި އެވެ.

މަޝްހޫރު މެސެޖިން އެޕް ޓެލެގްރާމް ހިންގާ ކުންފުނީގެ ސީއީއޯ ޕަވެލް ޑްރޯވް ފްރާންސްގެ އެއާޕޯޓަކުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފްރާންސާއި ރަޝިޔާގެ ރަށްވެހިކަން ވެސް އޮންނަ ބިލިއަނަރު ޕްރައިވެޓް ޖެޓެއްގައި ފްރާންސަށް ވަޑައިގަތުމާ އެކު ހައްޔަރުކުރީ ޓެލެގްރާމާ ގުޅޭ ގޮތުން ބަލަމުން ގެންދާ މައްސަލަތަކެއްގެ ތަހުގީގަށް ކަމަށް، އޭއެފްޕީއާ ވާހަކަ ދެއްކެވި ފްރާންސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އުމުރުން 39 އަހަރުގެ ޑްރޯވް މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ ކަމަށްވެ އެވެ.

ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފްރާންސްގެ އިދާރާއެއް ކަމަށްވާ "އޮފްމިން" އިން މީގެ ކުރިން ވަނީ މަކަރާއި ހީލަތާއި ޑްރަގް ޓްރެފިކިން އާއި ސައިބަ ބުލީން އަދި ރާވައިގެން ޖަރީމާތައް ހިންގުމާއި ޓެރަރިޒަމް ޕްރޮމޯޓްކުރުން ފަދަ މައްސަލަތަކުގެ ތަހުގީގަށް ޑްރޯވް ހައްޔަރުކުރުމަށް އަމުރު ނެރެފަ އެވެ.

ފްރާންސުން ތުހުމަތުކުރާ ގޮތުގައި ކުށުގެ އަމަލުތައް ހިންގުމަށް ޓެލެގްރާމް ބޭނުންކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި ޑްރޯވް ވަނީ އިހުމާލުވެފަ އެވެ.

ތަހުގީގު ޓީމުގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ޑްރޯވް އަކީ ފްރާންސުން ހައްޔަރުކުރަން ބޭނުންވާ މީހެއްކަން އެނގި ހުރެ އޭނާ އެ ގައުމަށް ވަޑައިގަތުމުން އެކަމާ "ހައިރާންވާ" ކަމަށް ވިދާޅުވެފަ އެވެ. ޖަރީމާތަކުގައި ޓެލެގްރާމް ބޭނުންކުރަމުން ދާއިރު އެ އެޕްގެ ފަރާތުން ޖަވާބުދާރީނުވާ ކަމަށާއި ހުރިހާ ކަމަކު ރެކިގެން އެޕްގެ ވެރިންނަށް މިހާރު "ލައްކަ ދުވަހު އުޅެވިއްޖެ" ކަމަށާއި އެކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ފްރާންސުން ވަނީ ބުނެފަ އެވެ.

ފްރާންސްގައި ހުންނަ ރަޝިޔާ އެމްބަސީން ބުނީ ޑްރޯވް ހައްޔަރުކުރި ސަބަބާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިން އަދި ސޮވިއެޓްގެ ކުރީގެ ގައުމުތަކުގައި ވަރަށް މަގުބޫލު އެޕެއް ކަމަށްވާ ޓެލެގްރާމް ބޭނުންކުރުން 2018 ވަނަ އަހަރު ރަޝިޔާގައި މަނާކުރި އެވެ. އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ދިނުމަށް އިންކާރުކުރުމާ ގުޅިގެން ރަޝިޔާގައި އެޕް މަނާކުރި ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ނިންމުން 2021 ވަނަ އަހަރު ބަދަލުކޮށްފަ އެވެ.

ޑްރޯވް 2013 ވަނަ އަހަރު އުފެއްދި ޓެލެގްރާމް ހިންގުމުގައި ރަޝިޔާ ސަރުކާރުގެ އުސޫލުތަކަށް ބޯނުލަނބަން 2014 ވަަނަ އަހަރު ރަޝިޔާ ދޫކޮށް ވަޑައިގަތެވެ. އޭރު ރަޝިޔާ ސަރުކާރުން އެދެމުން ދިޔައީ ސަރުކާރާ ދެކޮޅަށް ހިންގާ ގްރޫޕްތައް ޓެލެގްރާމްގައި ބަންދުކުރުމަށެވެ.

ޓެލެގްރާމަކީ ފޭސްބުކް، ޔޫޓިއުބް، ވަޓްސްއެޕް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ވީޗެޓަށް ފަހު އެންމެ މަގުބޫލު އެއް މެސެޖިން އެޕެވެ.