Roadha Mihaaru
ޓެލެގްރާމަށް އިތުރު ފަސޭހައެއް ލައިފި

ޓެލެގްރާމަށް އިތުރު ފަސޭހައެއް ލައިފި

13 ޑިސެމްބަރ 2016

އެހެން އެޕްލިކޭޝަންތަކުގައި ނެތް ފަސޭހައެއް، ޓެލެގްރާމްގައި އެބަ ހުރި ހެއްޔެވެ؟ ޓެލެގްރާމާ އެއް ގިންތީގައި ދަރަޖަކުރެވޭ ހުރިހާ އެޕްލިކޭޝަނެއްގެ އަސާސަކީ މައިގަނޑު އެކައްޗެކެވެ. ޓެކްސްޓް މެސެޖް ފޮނުވުމާއި، ފޮޓޯ، ވީޑިއޯ، އޯޑިއޯ އަދި އެހެނިހެން ފައިލްތައް ހިއްސާކުރުމެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެހެން އެޕްލިކޭޝަންތަކުގައި ނެތް ފަސޭހައެއް، ޓެލެގްރާމްގައި އެބަ ހުރި ހެއްޔެވެ؟ ޓެލެގްރާމާ އެއް ގިންތީގައި ދަރަޖަކުރެވޭ ހުރިހާ އެޕްލިކޭޝަނެއްގެ އަސާސަކީ މައިގަނޑު އެކައްޗެކެވެ. ޓެކްސްޓް މެސެޖް ފޮނުވުމާއި، ފޮޓޯ، ވީޑިއޯ، އޯޑިއޯ އަދި އެހެނިހެން ފައިލްތައް ހިއްސާކުރުމެވެ.

އެކަމަކު ޓެލެގްރާމަށް ދާދި ފަހުން ގެނައި އަޕްޑޭޓެއްގައި އެހެން ފަސޭހަތަކެއް ވަނީ ހިމަނާފަ އެވެ. ވާދަވެރި ސޯޝަލް އެޕްލިކޭޝަންތަކާ އަޅާބަލާއިރު، ބޭނުންކުރާ މީހުން އެދޭ ފަސޭހަތައް ޓެލެގްރާމްގައި ހިމަނާލެއް އަވަހެވެ. ތަފާތު ވައްތަރުގެ ފައިލްތައް އެންމެ ފުރަތަމަ ސަޕޯޓްކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ޓެލެގްރާމް ހިމެނެ އެވެ. އެ ބީދައިން ބަލާއިރު ވައިބާ އުޅެނީ ތަންކޮޅެއް ފަހަތުގަ އެވެ. އެކަމަކު ޓެލެގްރާމަށް ވުރެ ވައިބާ ބޭނުންކުރާ މީހުން އަހަރެމެންގެ ތެރޭގައި ގިނަ އެވެ.

ކިޔަވާ ކުދިން ގެންގުޅޭ ޑޮކިއުމަންޓްތަކާއި، "ޕީޑީއެފް" ފައިލްތައް ރައްކާކުރެވޭ ނިޒާމެއް ޓެލެގްރާމްގައި މިހާރު ވަނީ ހިމަނާފަ އެވެ. އަމިއްލަ ފައިލްތައް ޓެލެގްރާމް ކްލައުޑް ސްޓޯރޭޖްގައި ބަހައްޓާލުމުން ހަމަޖެހުނީ އެވެ. ޓެލެގްރާމަށް ގެންނަ ކުރިއެރުންތަކަށް ބަލާއިރު، ވިޔަފާރި ބޭނުންތަކަށް ޓެލެގްރާމް ފައްކާކުރަނީ ބާވައޭ ވެސް ހިތަށް އަރަ އެވެ.

ހަނދާނުގައި ބަހައްޓަން އެދެވޭ "ޗެޓް ކޮންވަޒޭޝަންތައް" އިންބޮކޮސްގެ ކުރީގައި ޕިން ޖަހާފައި ހަރުކޮށްލެވޭ ގޮތް ވަނީ ހަދާފަ އެވެ. އެ ގޮތުގައި މުހިންމު ފަސް ކޮންވަޒޭޝަނެއް ޕިންކޮށް، އިންބޮސްގެ މަތީގައި ހަރުކޮށްލެވެ އެވެ. ޕިންކުރުމަށްޓަކައި ކޮންވަޒޭޝަނަކަށް އޮބާލުމުން އެ ކަމަށް ބޭނުންވާ މެނޫ ދައްކާނެ އެެވެ.

ޓެލެގްރާމް ކްލައުޑް ސްޓޯރޭޖްގެ ބޭނުންހިފަން އެންމެ ފަސޭހަ ގޮތަކީ އަމިއްލަ ނަފުސާ ކުރެވޭ ކޮންވަޒޭޝަނެއް ފަށުމެވެ. އެ ކޮންވަޒޭޝަންގައި ހިމެނޭ ހުރިހާ ލިޔެކިޔުމެއް، ޓެލެގްރާމް ރެޖިސްޓްރީކުރާއިރު ބޭނުންކުރާ އީމެއިލްއާ ލިންކްކުރެވި، އިންބޮސް ތެރޭގައި ފެންނަން ހުރެ އެވެ. މިއީ ފަސޭހައިން އަތުޖައްސަން ބޭނުންވާ ނޯޓް، އައިޑީ ކާޑު، ޕާސްޕޯޓް ކޮޕީ އަދި ޑޮކިއުމަންޓްތައް ހިފަހައްޓާލަން ވަރަށް ފަސޭހަ ގޮތެކެވެ.

ޓެލެގްރާމް ކްލައުޑްގައި ހުންނަ ފޮޓޯ، ވީޑިއޯ، އޯޑިއޯ އަދި އެހެނިހެން ފައިލްތަކާއި ޗެޓްތައް ފެންނަން ހުންނާނީ، ޗެޓް ކޮންވަޒޭޝަނެއްގެ ގޮތަށެވެ. ގޫގުލް ޑްރައިވްގައި ހުންނަ ގޮތަށް، ފައިލް އަދި ފޯލްޑާ ސިސްޓަމެއް ގޮތަކަށެއް ނޫނެވެ.