Roadha Mihaaru
ޓެލެގްރާމަށް 7 އަހަރު ފުރުމާ ދިމާކޮށް ވީޑިއޯ ކޯލް

ޓެލެގްރާމަށް 7 އަހަރު ފުރުމާ ދިމާކޮށް ވީޑިއޯ ކޯލް

17 އޯގަސްޓް 2020

މެސެޖިން އަށް ހާއްސަ ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމްގައި ވަން-އޮން-ވަން ވީޑިއޯ ކޯލް ކުރެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެސެޖިން އަށް ހާއްސަ ޕްލެޓްފޯމެއް ކަމަށްވާ ޓެލެގްރާމްގައި ވަން-އޮން-ވަން ވީޑިއޯ ކޯލް ކުރެވޭ ގޮތަށް ހަދައިފި އެވެ.

ވީޑިއޯ ކޯލްކުރެވޭ ގޮތަށް ހެދުމަށް ފަހު ޓެލެގްރާމުން ބުނީ އެ ފީޗާ މިހާރު އެންޑްރޮއިޑާއި އައިއޯއެސްގެ އަހުލުވެރިންނަށް ވެސް ލިބޭނެ ކަމަށެވެ.

އާ ފީޗާއާ ބެހޭ ގޮތުން ޓެލެގްރާމުން ބުނީ ސޯޝަލް ޑިސްޓެންސިން އަށް ތަބާވާން ޖެހޭ މިފަދަ ދަތި ވަގުތެއްގައި ވާޗުއަލްކޮށް "ފޭސް-ޓު-ފޭސްކޮށް" މުއާމަލާތްކުރެވުން ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމަށެވެ. އެހެންވެ ވީޑިއޯ ކޯލް ފީޗާ ތައާރަފުކުރުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެ ފީޗާ އިތުރަށް ޝައުގުވެރި އެއްޗަކަށް ހަދަން ވެސް މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

ޓެލެގްރާމުން ވީޑިއޯ ކޯލް ތައާރަފުކޮށްފައި ވަނީ ކޯލުގެ ތެރޭގައި ހުރެގެން ބޭނުން ވަގުތަކު ވީޑިއޯ އޮފްކޮށް، އޮން ވެސް ކުރެވޭ ގޮތަށެވެ. މީގެ އިތުރުން ކޯލްގައި ހުރެގެން ސްކްރޯލް ވެސް ކުރެވޭނެ އެވެ. ވީޑިއޯ ކޯލް ފީޗާ އަކީ އެންކްރިޕްޓް ވެސް ވާނެ އެއްޗެއް ކަމަށެވެ. އެހެންވެ އޭގެ ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވާން ނުޖެހޭނެ ކަމަށް ބުންޏެވެ. އަދި މި އަހަރުގެ ފަހުކޮޅު ގްރޫޕް ވީޑިއޯ ކޯލް ކުރެވޭ ގޮތް ވެސް ހަދާނެ ކަމަށް ޓެލެގްރާމުން ބުންޏެވެ.

މީގެ ހަތް އަހަރު ކުރިން ތައާރަފުކުރި ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 400 މިލިއަނަށް ވުރެ ގިނަ އެވެ.