Roadha Mihaaru
ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި

ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި

25 އޯގަސްޓް 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓަށް އެ ބޭންކުން މިއަދު ގެނައި ބަދަލުތައް ދެންމެ އުވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓަށް އެ ބޭންކުން މިއަދު ގެނައި ބަދަލުތައް ދެންމެ އުވާލައިފި އެވެ.

"25 އޯގަސްޓް 2024 ގައި އިއުލާންކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފަ އެވެ،" ބީއެމްއެލުން ނެރުނު ނެރުނު ކުރު ބަޔާނެއްގައި ވެ އެވެ.

މިހާރު ދޫކޮށްފައިވާ، ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބަދަލު ގެނެސް މިއަދުގެ ހެނދުނު 10:30 ހާއިރު އެ ބޭންކުން އެކަން އާންމުކޮށް އިއުލާންކުރި އެވެ.

އެކަން އިއުލާން ކުރުމާ އެކު، ގިނަ ބަޔަކު ސޯޝަލް މީޑިއާ އާއި އެހެން ބައެއް ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅު ކުރަމުން ދިޔަ އެވެ. އަދި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު، ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ މިއަދުގެ މެންދުރު އެކެއް ޖަހާކަންހާއިރު ނުކުމެވަޑައިގެންނެވި ތަން ނޫސްވެރިންނަށް ފެނިފައި ވެ އެވެ.

ބީއެމްއެލް އިން ބުނެފައި ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބަދަލު ގެންނަން ކުރިން ނިންމީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ވާތީ އެވެ.

ބީއެމްއެލް އިން ކުރިން ނިންމި ގޮތުން ނަމަ މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ އެވެ.

ބީއެމްއެލްގެ ކްރެޑިޓް ކާޑުން ކެނޑޭ ލިމިޓު 90 ޕަސެންޓަށް ކުޑަކުރަން އެ ބޭންކުން މިއަދު ނިންމި އެވެ. އެކަމަކު، މަރުކަޒީ ބޭންކް އެމްއެމްއޭގެ ލަފާގެ މަތިން މިއަދުގެ ހެނދުނުގެ ހުރިހާ ނިންމުންތައް އަނބުރާ ގެންދިއުމުން ކްރެޑިޓް ކާޑުގެ ލިމިޓް ކުޑަކުރުން ވެސް އުވުނީ އެވެ.