Roadha Mihaaru
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"

ބޭރުގައި ކިޔަވާކުދިންގެ ކާޑު ލިމިޓު ބޮޑުކުރުމަކީ ފުރަތަމަ މަރުހަލާ: ސަރުކާރު

25 ޑިސެމްބަރ 2023

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުގެ ލިމިޓު އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަތި ކުރުމަކީ އެކަމުގެ ފުރަތަމަ މަރުހަލާ ކަމަށާއި ދެން ބާކީ ތިބި މީހުން ވެސް އެ ކަން ފަހިކޮށްދޭން މަޝްވަރާކުރެވި ގޮތްތަކެއް ނިންމޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުގެ ލިމިޓު އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަތި ކުރުމަކީ އެކަމުގެ ފުރަތަމަ މަރުހަލާ ކަމަށާއި ދެން ބާކީ ތިބި މީހުން ވެސް އެ ކަން ފަހިކޮށްދޭން މަޝްވަރާކުރެވި ގޮތްތަކެއް ނިންމޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހަކު 750 ޑޮލަރު ނެގޭތީ އެކަމުގެ ދަތިކަމާއި ކަންބޮޑުވުން ބޮޑު ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން، ކެބިނެޓުުގައި އިއްޔެ މަޝްވަރާކޮށް، އެ ލިމިޓު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން މަހަކު 1،200 ޑޮލަރަށް ބޮޑުކުރަން ނިންމަވާފައިވާ ކަން ނާޒިމް ހާމަކުރެއްވި އެވެ.

ޑޮލަރުގެ ލިމިޓު އުވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ އިރު، ދަރިވަރުން ނޫން އެހެން ފަރާތްތަކަށް އެ ފުރުސަތު ލިބުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން ކާޑުގެ ޑޮލަރުގެ ލިމިޓުގެ ދަތިކަން ހައްލުކުރަން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ކެބިނެޓުގައި މަޝްވަރާ ކުރި ކަމަށެވެ.

ސަރުކާރުގެ ސްކޮލާޝިޕްތަކާއި އަމިއްލަ ގޮތުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓު ބޮޑުކޮށްދިނުމަކީ ފުރަތަމަ މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"...ދެން ހުރި ފަރާތްތަކަށް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދެވި ގޮތްތަކެއް ނިންމޭނެ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ކުދި ވިޔަފާރިތަކަށް ވެސް ޑޮލަރުގެ މުއާމަލާތްތައް ކުރުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ ލުއި ހުރިހާ ދިވެހިންނަށް ވެސް ސަރުކާރުން ދޭން ބޭނުންވާ ކަމަށާއި ނަމަވެސް އިގުތިސޯދާއި ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ރިއާޔަތްކޮށް ކެބިނެޓުން ނިންމީ މަރުހަލާތަކަކަށް ބަހާލައިގެން މިކަން ކުރުމަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ހިންގޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކާޑު ލިމިޓު ދެ ގުނަ ބޮޑުކުރައްވާނެ ކަމަށެވެ. އެގޮތަށް މަތިކުރަމުން ގޮސް، ކާޑު ލިމިޓު އެކީގައި އުވާލައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.