Roadha Mihaaru
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި

ބޭރުގައި ކިޔަވާކުދިންގެ ކާޑު ލިމިޓު 1،200 ޑޮލަރަށް ބޮޑުކޮށްދީފި

25 ޑިސެމްބަރ 2023

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން ކާޑު ލިމިޓު މަތި ކުރަން ނިންމާފައިވާ ކަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހަކު 750 ޑޮލަރު ނެގޭތީ އެކަމުގެ ދަތިކަމާއި ކަންބޮޑުވުން ބޮޑު ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން، ކެބިނެޓުން މަޝްވަރާކޮށް އެ ލިމިޓު އަންނަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން މަހަކު 1،200 ޑޮލަރަށް ބޮޑުކުރަން ނިންމަވާފައިވާ ކަން ނާޒިމް ހާމަކުރެއްވި އެވެ.

"1 ފެބްރުއަރީން ފެށިގެން ކިޔަވާ ކުދިންގެ އެ ކުއްޖެއްގެ ކާޑަކުން 1،200 އެމެރިކާ ޑޮލަރަށް ބޮޑުކުރަން އިއްޔެ ކެބިނެޓުން ނިންމަވައިފި،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ނިންމުން ތަންފީޒު ކުރުމަށްޓަކައި އެކަމާ ގުޅޭ އިދާރީ އަދި ޓެކްނިކަލް ކަންކަމެއް ފިނޭންސް މިނިސްޓްރީ، ބީއެމްއެލް އަދި އެމްއެމްއޭ އިން ކުރިއަށް ގެންދާނެ އެވެ.

ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ހިންގޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.

އެ ލިމިޓު ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ނާޒިމް މިއަދު ވިދާޅުވީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ކާޑުގެ ޑޮލަރުގެ ލިމިޓުގެ ދަތިކަން ހައްލުކުރަން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ކެބިނެޓުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ސަރުކާރުގެ ސްކޮލާޝިޕްތަކާއި އަމިއްލަ ގޮތުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓު ބޮޑުކޮށްދިނުމަކީ ފުރަތަމަ މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"...ދެން ހުރި ފަރާތްތަކަށް އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދެވި ގޮތްތަކެއް ނިންމޭނެ،" ނާޒިމް ވިދާޅުވި އެވެ.

އޮންލައިން ޓްރާންސެކްޝަންތަކުގައި ކާޑު ލިމިޓު އެއްކޮށް ކަނޑާނުލެވެނީ ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭތީ ކަމަށް ބޭންކް އޮފް މޯލްޑިވްސްފެ ސީއީއޯ ކާލް ސްޓުމްކަ މިދިޔަ ހަފްތާގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.