Roadha Mihaaru
ސްޓެލްކޯއިން 35 ރަށެއްގައި 3،000 ގަސް އިންދައިފި

ސްޓެލްކޯގެ ހިދުމަތްދޭ ހުރިހާ ރަށެއްގައި 3،000 ގަސް އިންދައިފި

15 ފެބުރުއަރީ 2020

ސަރުކާރުގެ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ސްޓެލްކޯ އިން ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގައި، އެ ކުންފުނިން ޚިދުމަތް ދޭ 35 ރަށެއްގައި 3،000 ގަސް މިއަދު އިންދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުގެ "ރަށްފެހި" ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ސްޓެލްކޯ އިން ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގައި، އެ ކުންފުނިން ޚިދުމަތް ދޭ 35 ރަށެއްގައި 3،000 ގަސް މިއަދު އިންދައިފި އެވެ.

ގަސް އިންދުމުގެ ދެވަނަ ބުރު ފެށުމުގެ ގޮތުން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ބައިވެރިވެވަޑައިގެން ތިލަފުށީގައި މިއަދު ޚާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ޕްރޮގްރާމްގެ ދަށުން ސިނާއީ ރަށް ތިލަފުށީގައި ދެ ގަސް އިންދަވައި ދެއްވައިފަ އެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭ މައި ކުންފުނި، ސްޓެލްކޯ އިން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މުޅި އަހަރަށް ބަހާލައިގެން ބާއްވާ މުބާރާތެއްގެ ގޮތުގަ އެވެ. މި މުބާރާތުގައި އެންމެ ރީތި ގަހާއި އެންމެ ރީއްޗަށް ބަލަހައްޓާ ގަހާއި އެންމެ ބޮޑު ގަސް އަދި އެންމެ ގިނަ ގަސް އިންދާ ޑިޕާޓްމަންޓެއް ހޮވާނެ އެވެ. އެ މުބާރާތް ބާއްވަނީ ސްޓެލްކޯގެ މުވައްޒަފުންގެ މެދުގަ އެވެ.

ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އާޒިމް (ކަނާތް ފަރާތުން ދެ ވަނައަށް) އާއި ސްޓެލްކޯގެ އެމްޑީ މުޣުނީ (ކަނާތް ފަރާތުން ތިން ވަނައަށް) އަދި ސްޓެލްކޯގެ ބައެއް އެހެން ވެރިން

ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އާޒިމް (ކަނާތް ފަރާތުން ދެ ވަނައަށް) އާއި ސްޓެލްކޯގެ އެމްޑީ މުޣުނީ (ކަނާތް ފަރާތުން ތިން ވަނައަށް) އަދި ސްޓެލްކޯގެ ބައެއް އެހެން ވެރިން

މުޣުނީ ވިދާޅުވީ މުބާރާތެއްގެ ގޮތުގައި ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ކާމިޔާބު ޕްރޮގްރާމަކަށް އެކަން ހެދުމަށް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޕްރޮގްރާމް ވެސް ކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

މުޣުނީ ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ސްޓެލްކޯގެ ކޮންމެ މުވައްޒަފަކަށް ދެ ގަސް އިންދި އެވެ. އޭގެ މާނަ އަކީ 2،000 ގަސް، މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ސްޓެލްކޯ އިން އިންދުމެވެ.

"މި އަހަރުގެ އަމާޒަކީ މި އަދަދު އިތުރުކޮށް މީހަކަށް ތިން ގަސް އިންދުން. އަޅުގަނޑުމެން ބޭނުންވަނީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް އަޅުގަނޑުމެންގެ ކުންފުނިން ކުރަމުން އަންނަ ކަމަކަށް ހެދުން،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި ތިލަފުށީގައި މެމްބަރު އާޒިމް ގަސް އިންދަވަނީ -- ފޮޓޯ: މިހާރު

ސްޓެލްކޯގެ ގަސް އިންދުމުގެ ޕްރޮގްރާމްގައި ތިލަފުށީގައި މެމްބަރު އާޒިމް ގަސް އިންދަވަނީ -- ފޮޓޯ: މިހާރު

އާޒިމް ވިދާޅުވީ ސްޓެލްކޯ އަކީ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކަށް ނަމޫނާ ކުންފުންޏެއް ކަމަށެވެ. އެގޮތުން، އެ ކުންފުނިން ކުރިއަށް ގެންދާ ސޯލާ ޕަވާ ޕްރޮޖެކްޓަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާ ބޮޑު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ކުރިއަށްގެންދާ މަސައްކަތް އެހެން ކުންފުނިތަކުން ވެސް ކުރަން ޖެހެ އެވެ.

"އަޅުގަނޑުމެންގެ ތިމާވެއްޓަށް، ރައްޔިތުންނާއި ކުޑަކުދިން ހޭލުންތެރި ކުރުމުގެ ގޮތުން މިފަދަ ޕްރޮގްރާމްތައް ތަކުރާރުކޮށް ސަރުކާރު ހިއްސާވާ އެކިއެކި ކުންފުނިތަކުން ހިންގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ސްޓެލްކޯއިން މިއަންނަނީ ގަސް އިންދުމުގެ އިތުރުން ވެސް ތިމާވެށި ރައްކާތެރި ކުރުމަށް އަދާކުރަން ޖެހޭ ޒިންމާ ވަރަށް ފުރިހަމައަށް އަދާ ކުރަމުން،" އާޒިމް ވިދާޅުވި އެވެ.

ސްޓެލްކޯގެ އަމާޒަކީ އެ ކުންފުނިން އުފައްދާ ހަކަތައިގެ 50 ޕަސެންޓް އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމެވެ. އޭގެ ސަބަބުން ދުމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަވެ، ކަރަންޓުގެ ހަރަދު ވެސް ކުޑަވެގެންދާނެ އެވެ.