Roadha Mihaaru
ޑީބަލާ ހޯދަން ލިވަޕޫލުން މަސައްކަތް ކުރަނީ

ޑީބަލާ ހޯދަން ލިވަޕޫލުން މަސައްކަތް ކުރަނީ

21 މާޗް 2019

ޓިއުރިން (މާޗް 21) - ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި ތަރި ޕައޮލޯ ޑީބަލާ ހޯދަން އިނގިރޭސި ގަދަބާރު ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (މާޗް 21) - ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި ތަރި ޕައޮލޯ ޑީބަލާ ހޯދަން އިނގިރޭސި ގަދަބާރު ލިވަޕޫލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޕަލާމޯ އިން 2015 ވަނަ އަހަރުގެ ޖޫން މަހު ޑީބަލާ ޔުވެންޓަސް އަށް ވިއްކާލީ 32 މިލިއަން ޔޫރޯ އަށެވެ. އޭރު ވެސް އަދި ފަހުން މިހާރު ޑީބަލާ ދައްކާ ކުޅުމާ އެކު އޭނާ ގެންދަން ވަރަށް ގިނަ ކްލަބްތަކުން ބޭނުންވެ އެވެ.

ޔުވެންޓަސް އިން މި ސީޒަނުގައި ރެއާލަށް ބޮޑު އަގެއް ދިނުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިޔަ ފަހުން ޑީބަލާ އަށް ޓީމުގެ ފުރަަތަމަ އެގާރައިން އެންމެ ރަނގަޅަށް ފުރުސަތު ލިބުން ވަނީ ދަތިވެފަ އެވެ. ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބޭނުންކުރާ ޓެކްޓިކްސްގައި ރޮނާލްޑޯ އަށް އިސް ރޯލެއް ލިބޭގޮތަށް ޓީމު ރާވާތީ ޑީބަލާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ސީޒަނަށް ފަހު ލިވަޕޫލުން ޑީބަލާ ގެންނަން ކުރާ މަސައްކަތް ވަރުގަދަކުރާނެ އެވެ. އަދި ޓީމުގެ ކުރިއަށް ކުޅޭ ބައެއް ކުޅުންތެރިން ވިއްކާލުމަށް ފަހު ޑީބަލާ ގަންނަން ފަންޑު ހޯދާނެ ކަމަށްވެ އެވެ. އެ ގޮތުން މި ސީޒަނަށް ފަހު ލިވަޕޫލުން ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ޑިވޮކް އޮރީގީ އާއި ޑެނިއަލް ސްޓަރިޖްގެ އިތުރުން އެޑަމް ލަލާނާ އަދި އަލްބާޓޯ މޮރޭނޯ ހިމެނެ އެވެ.

ޔުވެންޓަސް އިން އަންނަނީ އިންޓަގެ ފޯވާޑް މައުރޯ އިކާޑީ ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ޑީބަލާ އާއި އިކާޑީ ބަދަލު ކުރުމުގެ ވިސްނުމެއް ވެސް ޔުވެންޓަސް އިން ގެންގުޅެ އެވެެ.

ޑީބަލާ ހޯދުމުގެ ރޭހުގައި ލިވަޕޫލްގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި މެންޗެސްޓާ ސިޓީން ވާދަކުރެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޔުވެންޓަސް އިން ޑީބަލާ ވިއްކާލާނަމަ 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ޑިމާންޑްކުރާނެ އެވެ.