Roadha Mihaaru
ޓޫރިޒަމްގެ ޕީކް ސީޒަނަށް އެމްއޭސީއެލްއިން ތައްޔާރުވަނީ

ޓޫރިޒަމްގެ ޕީކް ސީޒަނަށް އެމްއޭސީއެލްއިން ތައްޔާރުވަނީ

01 ސެޕްޓެމްބަރ 2024

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވާން އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަނުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވާން އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް އެންޑް ޔުޓިލިޓީސް ޑިވިޝަނުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ކުރިއަށް އޮތް ވިންޓާ ނުވަތަ ޑިސެމްބަރުން ފެށިގެން އެޕްރީލްގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރެ އެވެ. މި ދުވަސްވަރަކީ ޓޫރިޒަމްގެ ޕީކް ސީޒަނެވެ.

"ވިންޓާ ޕްރެޕް ކިކްއޮފް 2024"ގެ ނަމުގައި އެމްއޭސީއެލް އިން ބޭއްވި ހަރަކާތުގައި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަން މެނޭޖްމެންޓާ ހިއްސާކުރި އެވެ. މުވައްޒަފުން ވަނީ ކުންފުނީގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ރާވައި އިންތިޒާމްކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، އެންމެ ބޮޑު ސަމާލުކަމެއް ދެނީ ފުރާ ފަސިންޖަރުންނާއި އެއާލައިންތަކަށް ފަސޭހަ އަދި ރަނގަޅު ހިދުމަތްތަކެއް ދެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށެވެ.

އޭގެ ތެރޭގައި، ޓާމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫބޮޑުވުމުގެ މައްސަލަ ހައްލުކުރާނެ އެވެ. މުޅި ފެސިލިޓީގައި ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާ އެކު ޓާމިނަލް ރީތިކުރުމަށް ފެސިލިޓީސް މެނޭޖްމެންޓުން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

ޕީކް ސީޒަނަށް ތައްޔާރުވާން ބޭއްވި ހަރަކާތުގައި އެމްއޭސީއެލްގެ މުވައްޒަފުން ބައިވެރިވަނީ.

ޕީކް ސީޒަނަށް ތައްޔާރުވާން ބޭއްވި ހަރަކާތުގައި އެމްއޭސީއެލްގެ މުވައްޒަފުން ބައިވެރިވަނީ.

މި އިވެންޓުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އެ އިވެންޓްއަކީ ކުރިއަށް އޮތް ސީޒަނަށް ރާވާފައިވާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އަދި ކުންފުނީގެ އެތެރޭގައި ކުރާ މަސައްކަތްތައް، މުވައްޒަފުންގެ މެދުގައި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަކީ ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ޝަރީފު ވަނީ އަންނަ އަހަރުގެ ސީޒަނަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި، އަމާޒުތަކަށް ވާސިލުވުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ކަމުގެ ޔަގީންކަން ވެސް މުވައްޒަފުންނަށް ދެއްވައިފަ އެވެ.

މި އިވެންޓްގައި އެފްއެމްޔޫޑީގެ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކެއް ވެސް ހުށަހެޅި އެވެ. އަދި ޑިޕާޓްމަންޓްތައް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.