Roadha Mihaaru
އެމްޕީއެލްގެ ސީއީއޯ ޖުނެއިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯ ޖުނެއިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު ދެންމެ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮންނަ ޖުނެއިދު "މިހާރު" އަށް ވިދާޅުވީ އެމްޕީއެލްގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވީ އަމިއްލަ ވިޔަފާރި އަށް ވަގުތު ދެއްވަން ބޭނުންވާތީ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މަގާމަކަށް ދިއުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މައްސަލައެއް އޮވެގެން ނޫން އިސްތިއުފާ ދިނީ. މިހާރު އަޅުގަނޑުގެ އާއިލާއިން ކުރަމުން އަންނަ ވިޔަފާރިއަށް ވަގުތު ދޭން ޖެހިގެން މަގާމުން ވަކިވާން ނިންމީ،" ޖުނައިދު ވިދާޅުވި އެވެ.

ޖުނައިދު އެމްޕީއެލްގެ ސީއީއޯގެ މަގާމާ މިދިޔަ އަހަރުގެ އޭޕްރިލް މަހު ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ. އަދި ކޮމިޝަނާގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް އެމްޕީއެލްގެ ސީއީއޯގެ މަގާމާއި ޗެއާމަންގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

ވެރިކަންކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ މެރީޑިއަމުން އެމްޕީއެލް އަށް ތެޔޮ ސަޕްލައިކުރުމުގައި ޖެހުނު މައްސަލައެއްގައި ޖުނައިދު އާއި ސިޔާސީ ބައެއް ބޭފުޅުންނާ މެދު ހިތްހަމަނުޖެހުންތަކެއް މީގެ ދުވަސްކޮޅެއް ކުރިން އުފެދުނެވެ.

މީގެ އިތުރުން އެމްޕީއެލް އަށް ޓަގު ބޯޓެއް ބަނުމަށް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކޮށް އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމްޕީއެލް އިން 160 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ހުކުމެއް ކޮށްފައި ވާއިރު އެ މައްސަލައިގެ ގާނޫނީ ފީއަށް ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައި ހުންނަވާ އިބްރާހިމް ރިޒާގެ ލޯ ފާމަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލައެއްގައި ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އެ ނޫނަސް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ބައެއް ކަންތައް އެމްޕީއެލް ތެރޭގައި ހިންގާފައިވާ ކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ކޮށްފައިވެ އެވެ.

ނަމަވެސް ޖުނައިދު އިސްތިއުފާ ދެއްވުމާ މިއިން އެއްވެސް ކަމަކާ ގުޅުމެއް ހުރި ކަމެއް ނޭނގެ އެވެ.