Roadha Mihaaru
މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް

މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި

03 ސެޕްޓެމްބަރ 2024

ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.

ޔޫއެމްއެސް ވެބްސައިޓަކީ އެމްޕީއެލްއިން އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް ދޭން ހަމަޖެހިފައި ވަނީ މި ނަމުގައި ކަމަށް ވާތީ އެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ލޯންޗުކުރި ވެބްސައިޓެކެވެ. ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުންނާއި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް އިންޓަނޭޝަނަލް މާކެޓަށް މި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

ވެބްސައިޓު ލޯންޗުކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ މި ވެބްސައިޓަކީ ރާއްޖޭގެ އެންމެ އުތުރުގައި ފަށާ މެރިޓައިމް ހިދުމަތްތައް ބޭރުގެ މާކެޓަށް ފޯރުކޮށްދީ، ބޭރުގެ ފަރާތްތަކަށް އެތަނުން ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތު ލިބޭނެ ވެބްސައިޓެއް ކަމަށެވެ. އަދި އެމްޕީއެލް އަކީ ރާއްޖޭގައި ފަށާ މެރިޓައިމް ހިދުމަތްތައް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏަށް ވާއިރު، ބަންކަރިންއާއެކު އެކި ކުންފުނިތަކާއި ގުޅިގެން އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެރިޓައިމްގެ ހިދުމަތްތައް ބަންކަރިންއާ އެކު ފެށުމުން ބަންކަރިންއަށް ނުވަތަ އެހެން ކަމަކު އަންނަ ބޯޓަކަށް ބޭނުންވާ މެއިންޓަންނަސް ފަދަ ހިދުމަތްތަކާއި އަޑީ ތެޔޮ ބަދަލު ކުރުމާއި މިފަދަ އެކި ހިދުމަތްތައް ފޯރުކޮށްދޭނަން. އަދި އެކި އިދާރާތަކާ ގުޅިގެން ފެނުގެ ހިދުމަތާއި ކުނި މެނޭޖުކުރުން ފަދަ ހިދުމަތްތައް ވެސް ކުރާނަން." އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އެ ކުންފުނިން މެރިޓައިމް ހިދުމަތްތައް ވަށާ ޖެހޭ ގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ފިއުލް ބަންކަރިންގެ ހިދުމަތް މި މަހުގެ މެދު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހިދުމަތަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ މިންވަރު އިތުރުކުރެވިގެން ދާނެ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ޝިމާދު ވިދާޅުވީ އެމްޕީއެލްއާ ގުޅިގެން ތެޔޮ ބަންކަރިންގެ ހިދުމަތްތައް ދޭން އެސްޓީއޯއިން ތައްޔާރުވާއިރު، އެތަނަށް އަންނަ އުޅަނދުތަކަށް ބޭނުންވާ އިތުރު ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށެވެ. އަދި އެ ކުންފުންޏާއި އެކު ފުޅާ ދާއިރާއެއްގައި މި ހިދުމަތްތައް ދެވުމަކީ އެ ދާއިރާ އިތުރަށް ތަރައްގީ ކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

އުތުރުގައި އިންޓަރނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތާއި އެކު ސްޕީޑް ބޯޓާއި ޕައިލަޓޭޖްާއި ވޯޓާ ބަންކަރިންގެ އިތުރުން ކްރޫ ޗޭންޖް އަދި މެއިންޓަނަސްންސް ފަދަ ހިދުމަތްތައް ފެށުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.