Roadha Mihaaru
ރާއްޖޭގެ ސުކޫކުގެ އަގު ދަށަށް!

ރާއްޖޭގެ ސުކޫކުގެ އަގު ދަށަށް!

04 ސެޕްޓެމްބަރ 2024

މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާކެޓުގައި ރާއްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

މީގެ ކުރިން ސުކޫކް ނުވަތަ އިސްލާމިކް ބޮންޑެއް ޑިފޯލްޓްވެފައި ނުވާއިރު ރާއްޖޭގެ ސްކޫކާ މެދު ޔަގީންކަން ކުޑަވީ ދަރަނީގެ މައްސަލަ އާއި ޑޮލަރުގެ ދަތިކަމާ ހެދި އެވެ.

ކުރީ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ. މަޝްހޫރު ވިޔަފާރި ނޫސް "ބްލޫމްބާގް" ގައިވާ ގޮތުން ސުކޫކުގެ އަގު ވެއްޓުނީ ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވުމުންނެވެ.

ސުކޫކުގެ އަގު ހުރީ ޑޮލަރަކަށް 70 ސެންޓުގަ އެވެ. އެއީ މި މަހު ޑަބަލް ޑިޖިޓުގެ ވެއްޓުމެކެވެ. މިއީ ސުކޫކު ލިސްޓު ކުރި ފަހުން އޭގެ އަގު އެހާ ބޮޑަށް ވެއްޓުނު ފަހަރެވެ. މީގެ ކުރިން ސުކޫކުގެ އަގު އެންމެ ބޮޑަށް ވެއްޓުނީ 2022 ވަނަ އަހަރު އެވެ.

ޑޭންސްކް ބޭންކްގެ ޕޯޓްފޯލިއޯ މެނޭޖާ ސޯރެން މޮއާޝް ވިދާޅުވީ، އެހާ ބޮޑަށް ސުކޫކުގެ އަގު ވެއްޓުނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވް ދަށްވުމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ސުކޫކް ނުވަތަ އިސްލާމިކް ބޮންޑެއް ޑީފޯލްޓް ނުވާ ކަމަށާއި އެހެންވެ، މުސްލިމް ގައުމުތަކުން އެކަން އެގޮތަށްވާން ދޫކޮށްލާނެތޯ އެއީ އުފެދޭ އެންމެ ބޮޑު ސުވާލު ކަމަށެވެ.

މިދިޔަ ހަފްތާގައި ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ތިން މަހުން ތިން ދަރަޖައަށް ދަށްކޮށްފަ އެވެ. އެއީ "ސީސީސީ" އިން "ސީސީ" އަށެވެ.

ސުކޫކު އެއްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ މަހު ކޫޕަން ޕޭމަންޓް ނުވަތަ އިންޓްރެސްޓުގެ ގޮތުގައި އިންވެސްޓަރުންނަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި އަންނަ އަހަރު ކޫޕަން ޕޭމަންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރާއި އޭގެ އަނެއް އަހަރު ވެސް ކޫޕަން ޕޭމެންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިޒާވްގައި މިވަގުތު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރެވެ. އެމްއެެމްއޭ އިން ބުނެފައި ވަނީ މިދިޔަ މަހުގެ ޔޫޒަބްލް ރިޒާވް ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ސަރުކާރުން އަންނަނީ އިންޑިއާގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގްރީން ބޮންޑެއް ވިއްކުމުގެ މަސައްކަތް ވެސް ކުރެ އެވެ.