Roadha Mihaaru
އިންޑިއާގެ ސްޓޭޓެއްގައި ދީނީ "ހަނގުރާމަ" އެއް

އިންޑިއާގެ ސްޓޭޓެއްގައި ހިންދޫންނާއި ކްރިސްޓިއަނުން "ހަނގުރާމަ" ކުރަނީ

12 ސެޕްޓެމްބަރ 2024

އިންޑިއާގެ މަނިޕޫރް ސްޓޭޓްގައި ހިންދޫންނާއި ކްރިސްޓިއަނުންނާ ދެމެދު ޒަމާނުންސުރެ އޮންނަ މައްސަލަތައް އަނެއްކާވެސް ބޮޑުވެ ހަނގުރާމައެއް ގޮތަށް ހަމަނުޖެހުންތައް ހިންގަން ފެށުމާ އެކު ފުލުހުން ނުކުމެ 33 މީހަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ މަނިޕޫރް ސްޓޭޓްގައި ހިންދޫންނާއި ކްރިސްޓިއަނުންނާ ދެމެދު ޒަމާނުންސުރެ އޮންނަ މައްސަލަތައް އަނެއްކާވެސް ބޮޑުވެ ހަނގުރާމައެއް ގޮތަށް ހަމަނުޖެހުންތައް ހިންގަން ފެށުމާ އެކު ފުލުހުން ނުކުމެ 33 މީހަކު ހައްޔަރުކޮށްފި އެވެ.

އެ ސްޓޭޓްގައި މިހާރު ވަނީ އިންޓަނެޓް ކަނޑާލައި މީހުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށްފަ އެވެ.

ހިންދޫންގެ މެއިޓީ ގަބީލާގެ މީހުންގެ އަޣުލަބިއްތު އޮންނަ މަނިޕޫރްގައި މެއި 2023 ގައި ކްރިސްޓިއަނުންގެ ކޫކީ ގަބީލާގެ މީހުންނާ ދެމެދު ހަމަނުޖެހުންތައް އުފެދި 200 ވަރަކަށް މީހުން މަރުވި އެވެ. އިންޑިއާގެ އިރުއުތުރުގައި، މިއަންމާ ކައިރީގައި އޮންނަ މި ސްޓޭޓްގައި އޭގެ ފަހުން ހަމަނުޖެހުންތައް ހުއްޓިފައި އޮތުމަށް ފަހު މި މަހު މާ ވަރުގަދަކޮށް ދަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

ފުލުހުން ބުނީ މި ފަހަރު ހަމަނުޖެހުންތައް ފެށުނު ފަހުން 11 މީހަކު މަރުވެފައިވާ ކަމަށާއި ހަތިޔާރާ އެކު އުޅޭ ގްރޫޕްތަކުން ރޮކެޓުން އަދި ޑްރޯންގައި ބޮން ހަރުކޮށްގެން ވެސް ހަމަލާ ދެމުންދާ ކަމަށެވެ.

"މި ހަމަނުޖެހުންތަކުގައި މަނިޕޫރް ފުލުހުން ވަނީ 33 މީހަކު ހައްޔަރުކޮށްފައި. އޭގެތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނޭ،" ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކޫކީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ފިޔަވަޅު އެޅުމަށް ގޮވާލައި މެއިޓީ ގަބީލާގެ މީހުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މީހުން ބުނަނީ މިފަހަރު ހަމަނުޖެހުންތައް ފެށުނީ ކޫކީންގެ ސަބަބުން ކަމަށެވެ.

މި ދެބައި މީހުންގެ މެދުގައި އޮންނަ ދެކޮޅުވެރިކަމުގެ މައިގަނޑު ސަބަބަކީ ވަޒީފާ އާއި ބިމުގެ މިލްކުވެރިކަމުގެ މައްސަލަތަކެވެ. މިދިޔަ އަހަރުގެ ހަމަނުޖެހުންތަކުގައި ވެސް 60،000 މީހެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހުނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީގެ ވެރިކަމެއް އޮންނަ މި ސްޓޭޓްގައި ހަމަނުޖެހުންތައް ބޮޑުވަނީ ސިޔާސީ ވެރިން އެ މީހުންގެ މަންފާއަށް ހަމަނުޖެހުންތަކަށް ހިތްވަރުދޭތީ ކަމަށް، ހައްގުތަކަށް ވަކާލާތުކުރާ މީހުން ތުހުމަތުކުރެ އެވެ. -- އޭއެފްޕީ