Roadha Mihaaru
އަލިފާން ރޯވި ކެފޭ ތަޅާލުމުގެ މަސައްކަތް ފަށައިފި

އަލިފާނުގެ ހާދިސާ ހިނގި ކެފޭ ތަޅާލުމުގެ މަސައްކަތް ފަށައިފި

10 ސެޕްޓެމްބަރ 2024

މާލޭގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހިންގި އިމާރާތް ތަޅާލުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގި ގާމަގު ކެފޭ ހިންގި އިމާރާތް ތަޅާލުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް މިނިސްޓްރީން ފަށައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު "އެކްސް" ގައި ވިދާޅުވީ އިއްޔެގެ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ހ. ދޫހިމިރިގޭގައި ހުންނަ ގާމަގު ކެފޭ ހުންނަ އިމާރާތުގައި ތިން ފްލޯ ހުރެ އެވެ. އެ އިމާާރާތުގެ މަތީ ދެ ފްލޯ ހަދާފައި ހުރީ ޑެކު އަޅައި ވަށައިގެން ޓިނު ޖަހައިގެންނެވެ. ރޯވި އަލިފާންގަނޑުގައި އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެތަނަކީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ.

އިއްޔެ ހަވީރު 3:00 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން ގަޑިއެއްހާއިރު ފަހުންނެވެ. އެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހުނެވެ.

މިނިސްޓްރީން މީގެ ކުރިން ވަނީ މާލޭގައި ފަޅަށް ހުރި އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ ވެސް ތަޅާލައިފަ އެވެ.