Roadha Mihaaru
ކޭން އަށް ޔޫރޯ ގެއްލުމުގެ ބިރު އެބައޮތް

ކޭން އަށް ޔޫރޯ ގެއްލުމުގެ ބިރު އެބައޮތް

14 ޖެނުއަރީ 2020

ލަންޑަން (ޖެނުއަރީ 14) - އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އަށް މި އަހަރު ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 14) - އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އަށް މި އަހަރު ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ކޭންގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ މި މަހުގެ ކުރީކޮޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. ޓޮޓެންހަމުން އޭރު ބުނީ އޭޕްރީލް މަސް ތެރޭގައި ކޭން އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެކަމަކު އެފްއޭ ކަޕްގެ ރީޕްލޭގައި މިޑްލްސްބަރާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކޭން އަށް ލިބިފައިވާ އަނިޔާ ހީކުރި ވަރަށް ވުރެން ގޯސްވުން އެކަށީގެންވާ ކަމަށެވެ.

"ހެރީ ކޭންއާ ބެހޭ މާ ބޮޑު މައުލޫމާތެއް ނެތް. އަހަރެން މިތަނަށް އަންނަ ކޮންމެ ދުވަހަކު ކޭންގެ ސުވާލުކުރި ކަމުގައިވިޔަސް އަނިޔާގެ ތަފްސީލެއް އަހަންނަށް ނުދެވޭނެ. ރިކަވަރީ އަކީ ވަރަށް ތަފާތު ގޮތްގޮތަށް ދާ ކަމެއް. އަހަރެމެން އުއްމީދުކުރަނީ އޭޕްރީލްގައި ކޭން އެނބުރި އަންނާނެ ކަމަށް. ފަހަރެއްގައި މެއި މަހުގައި ވެސް އެ ނޫނީ އަންނަ ސީޒަނަށް ވެސް ވެދާނެ،" މޮރީނިއޯ ބުންޏެވެ.

ފާއިތުވި އަހަރުތަކުގައި ކޭންގެ ފަޔަށް ލިބިފައިވާ އަނިޔާތަކުން ރަނގަޅުވެ އޭނާ ވަނީ ވަރަށް އަވަހަށް ކުޅުމަށް އެނބުރި އައިސްފަ އެވެ. މިދިޔަ ސީޒަނުގައި ވެސް ކޭން ފަޔަށް އަނިޔާވެގެން މުހިއްމު މެޗުތަކެއް ގެއްލުނުއިރު، އޭނާ އެނބުރި އައިސް ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފަ އެވެ.

ޓޮޓެންހަމްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި ކޭން އަށް މި ފަހަރު ލިބިފައިވާ އަނިޔާ ކުރިން ފަހަރުތަކަށް ވުރެ ސީރިއަސް އެވެ.

ކޭން އަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަދި ޔޫރޯ ކޮލިފައިންގައި އިންގްލެންޑް ޓީމަށް އެންމެ ގިނަ ގޯލު ޖެހީ ކޭން އެވެ. އޭނާ ވަނީ ކޮލިފައިންގައި 12 ގޯލު ޖަހައިފަ އެވެ. އަންނަ ޖޫން މަހު 12 ވަނަ ދުވަހު ޔޫރޯގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.