Roadha Mihaaru
"ކްލަބް ވާދަވެރިކަމުގެ އަސަރު ގައުމީ ޓީމަށް ނުކުރާނެ"

ކްލަބް ވާދަވެރިކަމުގެ އަސަރު ގައުމީ ޓީމަށް ނުކުރާނެ: ކޭން

21 މާޗް 2019

ލަންޑަން (މާޗް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުގެ ވާދަވެރިކަން ބޮޑު ނަމަވެސް އޭގެ ސަބަބުން އިންގްލެންޑް ގައުމީ ޓީމަށް އެއްވެސް ގޯސް އަސަރެއް ނުކުރާނެ ކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކުގެ ވާދަވެރިކަން ބޮޑު ނަމަވެސް އޭގެ ސަބަބުން އިންގްލެންޑް ގައުމީ ޓީމަށް އެއްވެސް ގޯސް އަސަރެއް ނުކުރާނެ ކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.

މީގެ ކުރިން އޮތް އިންގްލެންޑްގެ ރަން ޖީލަށް ކާމިޔާބެއް ނުލިބި ކެރިއަރު ނިންމާލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ކްލަބް ލެވެލްގެ ވާދަވެރިކަމުގެ އަސަރު ގައުމީ ޓީމަށް ވެސް ކުރުން ކަމަށް އިންގްލެންޑްގެ ކުރީގެ ގިނަ ތަރިން ވަނީ ބުނެފަ އެވެ.

ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު މިއީ 1990 ވަނަ އަހަރަށް ފަހު އިންގްލެންޑަށް ވޯލްޑް ކަޕެއްގައި ލިބުނު އެންމެ ރަނގަޅު ނަތީޖާ އެވެ. އެ ފިޔަވަޅު މަތީގައި އިންގްލެންޑުން ވަނީ ޔުއެފާ އިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ. އެ މުބާރާތުގެ ފަހު ބުރު އޮންނާނީ އަންނަ ޖޫން މަހު ޕޯޗުގަލްގަ އެވެ.

ކޭން ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ކުޅެނީ ތަފާތު ރޫހެއްގައި ކަމަށާއި ކޮންމެ ސަބަބެއް މެދުވެރި ވިޔަސް އެކަމަށް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރެމެން ގައުމީ ޓީމަށް އަންނަނީ ކްލަބް ލެވެލްގެ ހުރިހާ ކަމެއް ދޫކޮށްލާފައި. ސަމާސަކޮށް ހަދާ ހުރިހާ ކަމެއް އިންގްލެންޑް ޓީމު ތެރޭގައި އޮންނާނެ. އަހަރެމެން އިންގްލެންޑް ޓީމުގައި ހުންނައިރު 100 ޕަސެންޓް ފޯކަސް އޮންނާނީ މި ޓީމަށް. މީގެ ކުރިން ވެފައި އޮތް ކަމެއް މުހިއްމެއް ނޫން،" ޔޫރޯ ކޮލިފައިންގައި މާދަމާރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޭން ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ކްލަބްތަކުގެ ވާދަވެރިކަމުގެ އަސަރު ގައުމީ ޓީމަށް ފޯރި ސީދާ ސަބަބެއް ބުނަން ނޭނގޭ ކަމަށާއި ޕްރޮފެޝަނަލުން މަސައްކަތް ކުރަން ޖެހޭނީ ޖަޒުބާތުގައި ނުޖެހި ކަމަށެވެ.

"ތެދެއް. އަހަރެމެން ވެސް ކްލަބަށް ދާއިރު ބޭނުންވަނީ އެއް ބަޔަކު އަނެއް ބަޔަކު ބަލިކުރަން. ޕްރޮފެޝަނަލް ވިސްނުމަކީ އަބަދުވެސް ކުރިއަށް އޮތް މެޗު. މާޒީ އާއި މުސްތަގުބަލަށް ތައްޔާރުވާން ޖެހޭނީ އަބަދުވެސް އެންމެ ފުރަތަމަ ކުރިމަތީގައި ކުރަން އޮތް މަސައްކަތް ނިންމާފައި،" ކޭން ބުންޏެވެ.

މާދަމާރޭ ޗެކް ރިބަޕްލިކާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ ހޯމަ ދުވަހު އިންގްލެންޑް ދެން ނުކުންނާނީ ރަށުންބޭރުގައި މޮންޓަނެގްރޯއާ ދެކޮޅަށެވެ.