Roadha Mihaaru
ކުޅުންތެރިންގެ ޕްރޮފައިލް: ހެރީ ކޭން

ކުޅުންތެރިންގެ ޕްރޮފައިލް: ހެރީ ކޭން

10 ޖޫން 2021

ޕްރިމިއާ ލީގު ގޯލްޑަން ބޫޓް، ޕްރިމިއާ ލީގު ޓީމު އޮފް ދަ ސީޒަން، އިންގްލެންޑް ބެސްޓް ޕްލޭއާ އެވޯޑް - އިންޑިވިޖުއަލް އެވޯޑްތަކުން ކޭންގެ ޕާސަނަލް ޓްރޮފީ ހަރުގަނޑު ފުރިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރިމިއާ ލީގު ގޯލްޑަން ބޫޓް، ޕްރިމިއާ ލީގު ޓީމު އޮފް ދަ ސީޒަން، އިންގްލެންޑް ބެސްޓް ޕްލޭއާ އެވޯޑް - އިންޑިވިޖުއަލް އެވޯޑްތަކުން ކޭންގެ ޕާސަނަލް ޓްރޮފީ ހަރުގަނޑު ފުރިއްޖެ އެވެ.

ނަމަވެސް އިންޑިވިޖުއަލް އެ ވޯޑަކީ އޭނާ އެހާ ސަމަލުކަން ދޭ ކަމެއް ނޫނެވެ. އެ އެވޯޑްތައް ލިބުނަސް ހާއްސަ އުފަލެއް އޭނާ އަށް ނުލިބޭ ކަމަށް މެއި މަހު ކޭން ވަނީ ބުނެފަ އެވެ.

"ޓީމެއްގެ ގޮތުގައި ހޯދާ ކާމިޔާބު އަހަންނަށް މާ ހާއްސަ،" މިދިޔަ މަހު ކޭން ބުނެފައި ވެއެވެ.

ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވަޑުގެ ތަށި ހަރުގައި މަދުވާނީ ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދައިގެން ލިބޭ ޗެމްޕިއަނެއްގެ މެޑަލް އެވެ. ފަހަރުގައި މިފަހަރުގެ ޔޫރޯ އަކީ އެކަން ހާސިލުވުމުގެ ފަހަރެއް ކަމަށް ބެލެވެ އެވެ.

ޔޫރޯ ކާމިޔާބު ކުރާނެ ގައުމުތަކުގެ އެންމެ ކުރީ ސަފުގައި މިހާރު އިންގްލެންޑް ހިމެނެ އެވެ. ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރު ކުރުމުން، އެ ޓީމާ މެދު އުންމީދު ކުރަން ފަށައިފި އެވެ. ވޯލްޑް ކަޕްގައި އިންގްލެންޑް އެހާ ހިސާބަށް ދަތުރު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކޭން އެވެ.

މިފަހަރު ޔޫރޯގައި ފެންނާނެ އެންމެ މޮޅު ސެންޓަ ފޯވަޑުންގެ ތެރޭގައި އެއް ވަނަ ލިބެނީ ކޭން އަށެވެ. އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓަށް އޮތް އެންމެ ބޮޑު އިތުބާރަކީ ގޯލާ ރަށްޓެރި ކުޅުންތެރިޔަކަށް ކޭން ވުމެވެ. "ގޯލް މެޝިން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު، ޔޫރޯ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހީ ކޭން އެވެ. އެހެން ނަމަވެސް ލަނޑު ޖެހުން އެއީ އޭނާގެ ހުރި ހަމައެކަނި ކޮލިޓީއެއް ނޫނެވެ.

ރިޕަބްލިކް އޮފް އަޔަލޭންޑަށް ކޭންގެ ބައްޕަ، ޕެޓް ކޭން އުފަންވެފައި ވުމުން، އެ ގައުމުގެ ގައުމީ ޓީމަށް ކުޅުމުގެ ޝަރުތު ކޭންގެ ކިބައިގައި ހަމަވެ އެވެ. ނަމަވެސް އިންގްލެންޑްގެ ގައުމީ ޓީމަށް އިސްކަން ދިން، ކޭންގެ އަނެއް ކޮލިޓީ އަކީ ދަނޑުމަތީގައި އޭނާ ދައްކާ ނަމޫނާ އެވެ.

އިންގްލެންޑްގެ ކޯޗުކަމާ، ސައުތުގޭޓް ހަވާލުވެ، ޓީމުގެ ކެޕްޓަން ބޭންޑް ކޭން އަށް ދިނީ އޭނާ އަށް ވުރެ ގިނަ ދުވަހު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ވެސް ތިއްބަ އެވެ. ނަަމވެސް ސީނިއާ އެހެން ކުޅުންތެރިންނަށްވުރެ ކޭން މެޗުއާ ވެފައި ލީޑާޝިޕް ރަނގަޅެވެ.

ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް ކޭން ވަނީ ބުނެފަ އެވެ. އިނގިރޭސި ޓްރާންސްފާ ބާޒާރުގައި މިފަހަރު އެންމެ އަގުބޮޑުކޮށް ކްލަބު ބަދަލު ކުރާނެ އެއް ކުޅުންތެރިޔަކަށް ކޭން ވުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ގެންދަން މެންޗެސްޓާ ސިޓީ އާއި ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ.