Roadha Mihaaru
ނުރުހުމާއި ނަފުރަތުގެ ނަތީޖާ ރަނގަޅު، ގޭމްތައް ސަޅި

ނުރުހުމާއި ނަފުރަތުގެ ނަތީޖާ ރަނގަޅު، ގޭމްތައް ސަޅި

14 ސެޕްޓެމްބަރ 2024

ކޮންމެ ކޯޗަކު ވެސް ވަރަށް ފަސޭހައިން އަޑަށް ބާރުލާފައި ބުނެ އެވެ. ހަމަ އެއް ވެސް ކުޅުންތެރިއަކަށް "ޓީމަށް ވުރެ ބޮޑެއް ނުވެވޭނެ" އެވެ. އެއްވެސް ކުޅުންތެރިއަކަށް "ކޯޗުގެ ބޮލަށް ނޭރެވޭނެ" އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮންމެ ކޯޗަކު ވެސް ވަރަށް ފަސޭހައިން އަޑަށް ބާރުލާފައި ބުނެ އެވެ. ހަމަ އެއް ވެސް ކުޅުންތެރިއަކަށް "ޓީމަށް ވުރެ ބޮޑެއް ނުވެވޭނެ" އެވެ. އެއްވެސް ކުޅުންތެރިއަކަށް "ކޯޗުގެ ބޮލަށް ނޭރެވޭނެ" އެވެ.

އެކަމަކު ބުނަން ހެއްޔެއްވެ. އެއީ ގިނަ ފަހަރަށް ހުސް ވާހަކަ އެކެވެ. ކަން ހިނގަނީ އެއާ ދެކޮޅަށެވެ. ޓީމުގައި ގިނަ އަހަރުތަކެއް ހޭދަކުރާ ކުޅުންތެރިން، ޓީމު ތެރޭގައި ފަތުރާލާ ގަދަ ނުފޫޒުގެ ވާހަކައަކީ، ރާއްޖޭގެ ގިނަ ކުޅިވަރުގެ ގައުމީ ޓީމުތަކުގައި އޮތް ހަގީގަތެކެވެ. އެއީ ނުރަނގަޅު ސަގާފަތެކެވެ.

އެކަމަކު، ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު އެ މަގާމާ ހަވާލުވީ އެ ހުރިހާ ކަމެއް ބަދަލުކޮށް، ރާއްޖޭގެ ވޮލީގެ ފެންވަރު މައްޗަށް ޖައްސާލުމުގެ ވަރުގަދަ އަޒުމުގަ އެވެ. އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕުގެ ފައިނަލުގައި މިދިޔަ ބުދަ ދުވަހުގެ ރޭ، ވަރުގަދަ ކިރިގިސްތާނާ ދެކޮޅަށް ދިވެހި ޓީމު އެ ކުޅުނު މެޗާ އެކު، ސޮފްވާން އިށީނދެގެން އެ ހުރީ މިވަގުތު ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ގޮނޑީގަ އެވެ.

ރާއްޖޭގެ ވޮލީގެ ތަޖުރިބާކާރުން ބުނާގޮތުގައި، އެއީ މި ފަހަކަށް އައިސް ދިވެހި ވޮލީގައި ފެނުނު އެންމެ މޮޅު މެޗެވެ. ދިވެހި ޓީމެއްގެ ފަރާތުން އެންމެ ދިގު ރެލީތައް ފެނުނީ ވެސް އެ މުބާރާތުގަ އެވެ. ގުރޫޕް ސްޓޭޖުގައި ކިރިގިސްތާނު އަތުން ސީދާ ތިން ސެޓުން ބަލިވި އެވެ. އެކަމަކު ފައިނަލްގައި ދިވެހި ޓީމު އެ ނެރުނު ހިތްވަރާއި ދެއްކި ކުޅުމަކީ ރާއްޖޭގެ ވޮލީ ބަދަލު ކޮށްލެވޭނެ ކަމުގެ އުންމީދެކެވެ. ގޭމް ހަލުވި ވެއްޖެ އެވެ. މިއިން ދުވަހަކު ނުފެންނަ ވަރުގެ ރީތި ކުޅުމެއް ކުޅޭ މަންޒަރު ވެސް އެ މުބާރާތުން ފެނުނެވެ.

ތަށި ނުލިބުނަސް، ދިވެހި ޓީމަށް ސޯޝަލް މީޑިއާގައި ތައުރީފް ބަންޑުންކޮށްލީ އެ މެޗުތަކުގެ ރީތިކަމުންނެވެ. ދިވެހި ކުޅުންތެރިންގެ ރީތި ކުޅުމުންނެވެ. ހަލުވި ގޭމެއް ފެނުމުންނެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން (ކ) އަހްމަދު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން (ކ) އަހްމަދު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފައިނަލް މެޗުގައި ކެޕްޓަން ފާތިމަތު ޖޫޒާން ޒަރީރު އަތުން ޕޮއިންޓްތައް ދޫވާން ފެށުމުން ގެނައީ ބެންޗަށެވެ. އާއިޝަތު މާޖިދާ އަތުން ވެސް ތިން ބޯޅައެއް ނެޓަށް ދިއުމުން ޖެހުނީ ފައިބާށެވެ. މިއީ ޓީމުގައި ނަގާ ކިޔަން ތިބި އެންމެ މުހިންމު ދެ ކުޅުންތެރިންނެވެ.

އެއީ އަދި ކުދިކުދި ކަންކަމެވެ. އެ އަށް ވުރެ ބޮޑެތި ނިންމުންތައް ގައުމީ ޓީމަށްޓަކައި ސޮފްވާން ނިންމި އެވެ. ސޮފްވާން ބުނާ ގޮތުގައި، އޭނާ މަސައްކަތް ކުރަނީ ކުޅުންތެރިންގެ ނުރުހުން އަމާޒުވިޔަސް ޓީމަށް ޓަކަ އެވެ.

ނުރުހުނަސް އެ ކުޅުންތެރިއެއްގެ ފަރާތުން ޓީމަށް ގެއްލުންވާ ގޮތަށް އަމަލު ނުކުރާހާ ހިދަކު، ސޮފްވާންގެ ޓީމުން ޖާގަ ދޭނެ އެވެ. އެކަމަކު، އެއީ ގައުމީ ޓީމަށް އެރުމަށް އޭނާ ކަނޑައަޅާފައިވާ މިންގަނޑަށް ވެސް އެ ކުޅުންތެރިޔަކު ފެތޭ ނަމަ އެވެ.

"އަޅުގަނޑު ޓީމާ ހަވާލުވިއިރު ބައެއް ކުޅުންތެރިން ތިބީ ހަމައެކަނި އެ ކުޅުންތެރިންގެ ކޮމިޓްމެންޓް ރަނގަޅު ވެގެން. އެޓެންޑެންސް ރަނގަޅު ވެގެން ޓީމުން ޖާގަ ދީފައި. އެކަމަކު އަޅުގަނޑު ބޭނުންވީ އެކަން ބަދަލުކުރަން،" ޅ. ނައިފަރަށް އުފަން ސޮފްވާން ބުންޏެވެ.

"ގައުމީ ޓީމަކީ ހަމައެކަނި ކޮމިޓްމެންޓަށް، އެޓެންޑެންސަށް ބަލައިގެން ނޭގެނެ ޓީމެއް ނޫން. ހަމައެކަނި ކޮމިޓްމެންޓަށް ބަލައިގެން ގައުމީ ޓީމުން ޖާގަ ދީފަ ތިބި ކުޅުންތެރިން ތިބި. އަޅުގަނޑު އޭތި ނައްތާލިން. އަޅުގަނޑު ބުނިން ޕާފޯމަންސް ކޮމިޓްމެންޓް، ޑިސިޕްލިން މި ތިން ސިފަ ހުންނަ ކުޅުންތެރިންނަށޭ ގައުމީ ޓީމުގައި ތިބެވޭނީ."

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕުގައި ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރި މެޗު .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕުގައި ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރި މެޗު .-- ފޮޓޯ: ނިޝާން އަލީ | މިހާރު

މުބާރާތަށް ޕްރެކްޓިސް ފަށަން އެކުލަވާލީ 30 ކުޅުންތެރިންގެ ސްކޮޑުން، މިދިޔަ އަހަރު ވެސް ގައުމީ ޓީމުން ޖާގަ ދިން ބައެއް ކުޅުންތެރިން އޭނާ އުނި ކުރި އެވެ. ފުރަތަމަ އުނިކުރި ކުޅުންތެރިޔާ ސްކޮޑްގައި ނުޖެހުމުން، ސޮފްވާނަށް ފާޑުކިޔުން އަމާޒުވި އެވެ. އެ ކުޅުންތެރިޔާގެ ނަން އާންމުންގެ ބަހުސަކަށް ދޫކޮށްލަން ކޯޗު ބޭނުމެއް ނޫނެވެ. ސޮފްވާން ބުނީ އޭނާގެ ނިންމުމުގެ ސަބަބުން، އެ ކުޅުންތެރިއަކު ވެސް ސޯޝަލް މީޑިއާގައި އޭނާ އަށް ފާޑުކިޔައި ޝުއޫރު ފާޅުކުރި ކަމަށެވެ.

"އެ ކުޅުންތެރިޔަކު އަޅުގަނޑު އުނިކުރީ. [އެ ކުޅުންތެރިޔާ] 30 ކުޅުންތެރިންގެ ސްކޮޑަށް ނޭރީމާ ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި،" ސޮފްާވްން ބުންޏެވެ.

"އޭގައި އަޅުގަނޑު ބެލީ އެ ކުޅުންތެރިޔާ ކުޅޭ މަގާމަށް އަރާ ކުޅުންތެރިންގެ އުމުރަކީ 20 އަހަރުން ދަށް، އެ ކުޅުންތެރިޔާގެ އުމުރަކީ އެބަވް 30. އެ ކުދިން [20 އަހަރުންދަށުގެ ކުޅުންތެރިން] މިހާރު ވެސް ތިބީ މި ބުނި ކުޅުންތެރިޔާގެ ލެވަލްގައި. މި އޮތް 10 އަހަރު ތެރޭ މި ކުދިންގެ ފައިދާ ގައުމީ ޓީމުން ފެންނާނެ."

އެހެން ކޯޗުން ވެސް ގައުމީ ވޮލީ ޓީމާ ހަވާލުވި އެވެ. ރާއްޖޭގައި ވެސް މުބާރާތް ކުޅުނެވެ. މެޗުތައް ވެސް ކުޅުނެވެ. އެކަމަކު ކާވާ ޗެލެންޖް ކަޕުގައި އެ ފެނުނު ކުޅުމެއް އޭރު ނުދެއްކެ އެވެ. އެހެންވެ، އެހެން ކޯޗުންނާ ސޮފްވާނާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ.؟

ސޮފްވާން ބުނީ އެހެން ކޯޗުން ވެސް ޓީމުގެ މުސްތަގުބަލަށްޓަކައި ކަންކަން ބަދަލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު "ބޯލްޑް" ނިންމުންތައް ނިންމާލެވޭ ވަރުގެ ހިތްވަރެއް އެ ކޯޗުންނަށް ނުލިބެނީ އެވެ.

"އެ އުއްމީދު އޮންނާނެ ކޮންމެ ކޯޗެއްގެ ވެސް ޓީމު މުސްތަގްބަލަށް މަސައްކަތް ކުރުމުގެ. އެކަމަކު ގިނަ ކޯޗުންނަކަށް ނުކެރޭ ބޮޑު ބަދަލެއް ގެންނާކަށް. އަޅުގަނޑަށް ހީވަނީ އެ ގަޓްސް ނެތީ ކަން ނޭނގޭ،" ސޮފްވާން ބުންޏެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަހްމަދު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު ސޮފްވާން އަހްމަދު --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް ބައެއް އެހެން ކޯޗުންގެ ދަށުން ސޮފްވާން މަސައްކަތް ކުރި އެވެ. ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ލަތީފް، އެ އެސޯސިއޭޝަންގެ ރައީސްކަމާ ދެވަނަ ފަހަރަށް ހަވާލުވެ، ގައުމީ ޓީމުގެ ހެޑް ކޯޗުކަން ސޮފްވާނާ ހަވާލު ކުރިއިރު އޭނާ ހުރީ އެކަމަށް ވަރަށް ރަނގަޅަށް ފައްކާ ވެފަ އެވެ. ޓީމުގެ އެތެރޭގައި އުފެދިފައި އޮންނަ "ފެކްޝަން" ތަކާއި ކޯޗުގެ ޕްލޭނުގެ މައްޗަށް ގަދަވެގަނެ ބަސްކިޔާ ކުޅުންތެރިން ކަންކަން ކުރާ ގޮތް އޭނާ އަށް އޮތީ ވަރަށް ރަނގަޅަށް އޮޅުން ފިލައި، ސާފު ވެފަ އެވެ.

މީގެ ކުރިން ކަންކަން ހިނގާފައި އޮންނަ ގޮތް އަހަރެމެންނަށް އޭނާ ތިލަކޮށްލި އިރު، ސޮފްވާން މި އޮތީ ހަމަ ހުރިހާ އެންމެންނާ ދެކޮޅަށް މަސައްކަތް ކޮށްފަ އެވެ. "އަން ޓަޗަބަލް" ބައެއްގެ ގޮތުގައި ތިބި ބައެއް ކުޅުންތެރިން ކޯޗުގެ "ބޮލަށް އަރަން" ކުރާ މަސައްކަތް ސޮފްވާން އޮތީ ހުއްޓުވައިފަ އެވެ. ފިޔަވަޅުތައް ވެސް އަޅައިފަ އެވެ. މިއީ މީގެ ކުރިން ޓީމުގެ ތެރެއިން އޭނާ އަށް ސީދާ ފެނުނު މަންޒަރުތަކުގެ ތަޖުރިބާގައި އެޅި ވަރުގަދަ، ކެރޭ ފިޔަވަޅުތަކެވެ.

ސޮފްވާން ބުނިގޮތުގައި އެއީ "ގައުމީ ޓީމަށް ހަގީގީ ޕާފޯމަންސެއް ނުނެރެވޭ" އެއް ސަބަބެވެ.

"ކޮންމެ ކޯޗެއްގެ ވެސް އޮވޭ ޕްލޭނެއް، އެކަމަކު ސީނިއާކޮށް ތިބޭ ބައެއް ކުޅުންތެރިން އެބަ ބޭނުންވޭ އަމިއްލަ ކަންކަން ކޮށްލަން. މިސާލަކަށް މިއަދަކީ ބްލޮކަށް ފޯކަސްކޮށްގެން ބްލޮކް ޓްރޭނިން ދުވަހެއް. އެކަމަކު ސީނިއާ ކުޅުންތެރިޔަކު އައިސް ބުނެފާނެ މިއަދަކު ނުއެއް ފުންމޭނެއޭ،" އޭނާ އަށް މީގެ ކުރިން ފެނުނު ކަންކަމުގެ ތަޖުރިބާއިން ސޮފްވާން ވާހަކަ ދެއްކި އެވެ.

"ދެން ބްލޮކް ޓްރޭނިން ރިވިއުކޮށް، ސްޓަޑީ ކޮށްގެން އަންނަ އެއްކަލަ ކޯޗަށް އޭތި އެ ދުވަހު އެޕްލައި ނުކުރެވޭ. އެއްކަލަ ސީނިއާ ކުޅުންތެރިޔާގެ މައްޗަށް ބަހެއް ބުނަން ނުކުރޭ."

ސޮފްވާން ބުނިގޮތުގައި މި ފަހަރުގެ މުބާރާތުގައި އޭނާ "ދުއްވާލީ" ޓީމުގެ ތެރެއިން ކުރިމަތިވާ އެ އުނދަގުލެވެ. ވަކި ކުޅުންތެރިއަކު ބޭނުން ވެގެން ކަންކަން ނުކުރެވޭނެ ކަމެވެ.

"އެހެން ބުނާ ކުޅުންތެރިއެއްގެ ކައިރީ އަޅުގަނޑު ބުނަން މަޑުކޮށްލާށޭ. ފުންމެން ނެތިއްޔާ މަޑުކޮށްލާށޭ. ނެޝަނަލް ޓީމު ޓްރޭނިން ކުރިއަށް ގެންދަން ޖެހޭނެ. އެންމެ ފަހުން ހިތްވަރު ކޮށްފައި އެންމެ ކުރީގައި އުޅެނީ އެ ޕްލޭޔަރު،" އޭނާ ގޮތް ދޫނުކުރުމުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރަމުން ކޯޗު ސޮފްވާން ބުންޏެވެ.

ސޮފްވާން ބުނީ ބައެއް ކޯޗުން ދޫ ދެނީ ކުޅުންތެރިންގެ "ބްލެސިން" ހޯދުމުގެ ގޮތުން ކަމަށެވެ.

"ބައެއް ކޯޗުން ބޭނުންވޭ ކުދިން އޯން ކުރަން. ކުދިންގެ ބްލެސިން. އެ ކުޅުންތެރިން އެ ކޯޗަކަށް ވަރަށް ތައުރީފު ކުރަން ބޭނުން ވާނެ. އެ ކޯޗުންނަށް ބައެއް ކުޅުންތެރިންނަށް ފޭވާ ކުރެވޭ. އެހެންވީމާ ގައުމީ ޓީމަށް ހަގީގީ ޕާފޯމަންސެއް ނުނެރެވޭ،" ޓީމުގެ ކުޅުމަށް މައްސަލަ ދިމާވާ އެއް ސަބަބު ސޮފްވާން ބުންޏެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިން އަޅުގަނޑަކަށް ނުކުރާނެ ތައުރީފެއް. ސަބަބަކީ އަޅުގަނޑު ވޯކް ކުރާނީ އަޅުގަނޑު ހިފައިގެން ދާ ޕްލޭނަކަށް. ކުދިން ބުނާހާ ގޮތަކަށް ހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެ."

އެކަމަކު، އެހާ ފަސޭހަ ކަމަކަށް ނުވެ ދިޔަ ވަގުތުތައް ވެސް ދިޔަ އެވެ. ސޮފްވާން އަޅަން ފެށި ބައެއް ފިޔަވަޅުތައް ބާރުގަދަ ބައެއް މީހުންނަށް ވެސް ކަމުނުދިޔަ އެވެ. އެކަން ބަލައި ގަންނަން ރާއްޖޭގެ ވޮލީގައި މަސައްކަތް ކުރާ މީހުންނަށް ފަސޭހަ ކަމަކަށް ނުވި އެވެ. ބައެއް ފަހަރު ސޮފްވާނަށް ކަންކަން ވިޔަ ނުދޭން މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ ވަރަށް ގިނަ މީހުން ނަފުރަތުކުރާ މީހެއް. ސަބަބަކީ އެއްވެސް މީހަކަށް ޑިޕެންޑެއް ނުވަން. މިހެން ކުޅެލަން އުޅޭ ކުޅުންތެރިން އަމިއްލަ އަމިއްލަ އަށް ނެރެގެން ޓީމުތައް ހަދައިގެން މަސައްކަތް ކޮށްގެން ކުރިއަށް ދިޔަ މީހެއް އަޅުގަނޑަކީ،" ކުރިން ވޮލީ ރެފްރީކަން ވެސް ކުރި ސޮފްވާން ބުންޏެވެ.

"ﷲ އިރާދަކުރެއްވިޔާ އެގޮތަށް ކުރެވުނު މަސައްކަތުން ރަނގަޅު ނަތީޖާތަކެއް ވެސް ނެރެވިފައި އެބަހުރި. އަމިއްލަ އަށް ކުރެވޭ ކަމެއް ކޮށްގެން ކުރިއަރާ ތަން ފެނުނީމާ ބައެއް އެހެން ކޯޗުންނަށް އެކަން ބަލައިގަންނަށް އުނދަގޫވޭ."

ހުރިހާ ގޮންޖެހުމަކާ އެކު ވެސް ސޮފްވާން ހުރީ ގޮތެއްގަ އެވެ. ނުރުހުން ވިޔަސް ރުހުނަސް އަދި ތައުރީފް ލިބުނަސް، ނުލިބުނަސް އޭނާގެ ފަރުވާލެއް ނެތެވެ. ވީއޭއެމްގެ ރައީސް ލަތީފު ވެސް ވިދާޅުވީ ރާއްޖޭގެ އަންހެން ވޮލީ ޓީމު ލީޑް ކުރަން ސޮފްވާނު ވަރުގެ އެހެން ކޯޗެއް މި ވަގުތު ރައްޖޭގައި ނެތް ކަމަށެވެ. އޭނާ މަސައްކަތުގައި ވީއޭއެމްގެ އެހީ އާއި އެއްބާރުލުން އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެހެންވެ، ސޮފްވާނަށް އަދި އޮތީ ރަނގަޅު ކުރިމަގެކެވެ.