Roadha Mihaaru
ޖޫނިއާ ރިލޭ ޓީމުތަކުން ބްރޯންޒް މެޑަލް ހޯދައިފި

ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް: 100 މީޓަރު ރިލޭ އިން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް ބްރޯންޒް މެޑަލް

14 ސެޕްޓެމްބަރ 2024

އިންޑިއާގެ ޗެންނާއީގައި އިއްޔެ ނިމުނު ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

އިންޑިއާގެ ޗެންނާއީގައި އިއްޔެ ނިމުނު ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 4 ގުނަ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ތިން ވަނަ ހޯދި އަންހެން ޓީމުގައި ހިމެނެނީ ހައްވާ މުޒްނާ ފާއިޒް، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު އަދި މަރިޔަމް ރޫޔާ އަލީ އެވެ. މި ޓީމުގެ ޓައިމިންއަކީ 48.04 ސިކުންތެވެ. ދެ ވަނަ ހޯދީ 46.48 އިން ރޭސް ނިންމި ސްރީ ލަންކާ އެވެ.

ލަންކާގެ 20 އަހަރުން ދަށުގެ ޓީމުން 2018 ވަނަ އަހަރު 46.23 ސިކުންތުން ދުވެގެން ހެދި ރެކޯޑް މުގުރާލައި، 45.08 ސިކުންތުން ރޭސް ނިންމައިގެން ރަން މެޑަލް ހޯދީ އިންޑިއާ އެވެ.

މެޑަލް ހޯދި ފިރިހެން ރިލޭ ޓީމުގައި ހިމެނެނީ ހުސެއިން ޒީކް ސުއާދު، އިބްރާހިމް ނާހިލް ނިޒާރު، މުހައްމަދު ޒުއިޒް ސުއާދު އަދި މުހައްމަދު މިންހާލް ޝާމިން އެވެ. މި ޓީމް ބްރޯންޒް މެޑަލް ހޯދީ 41.98 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ދެ ވަނަ ހޯދި އިންޑިއާ އާއި އެއް ވަނަ ހޯދި ލަންކާ ޓީމުން ވެސް ނިންމާލީ ކުރިން އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ރެކޯޑް މުގުރާލައިގެންނެވެ. އިންޑިއާ އިން 40.76 ސިކުންތުން ރޭސް ނިންމިއިރު ލަންކާ ވަނީ 40.28 ސިކުންތުން ދުވެގެން ރަން މެޑަލް ހޯދައިފަ އެވެ. ކުރިން މި ރެކޯޑް އޮތީ 2007 ވަނަ އަހަރު 41.27 ސިކުންތުން ދުވި ލަންކާ ޓީމު އަތުގަ އެވެ.

ރާއްޖޭގެ ޓީމުތަކުން 4 ގުނަ 400 މީޓަރު ރިލޭގެ ފައިނަލްތަކުގައި ވާދަކުރި އެވެ. އަންހެން ޓީމުގައި ހިމެނެނީ މުޒްނާ، ޒީކް އަޝްރަފް ރަޝީދު، ޒިވާ އަދި އަހްނާ އެވެ. ފިރިހެން ޓީމުގައި ހިމެނުނީ ޒީކް، ޒުއީޒް، ޔޫސުފް އާއިޝް މުހައްމަދު އަދި އިކްރާމް އަބްދުﷲ އެވެ.

އަންހެން ޓީމުން، 4 މިނިޓް 08.07 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން ނިންމީ ހަތަރު ވަނައިގަ އެވެ. ތިން ވަނަ ހޯދި ބަންގްލަދޭޝްގެ ޓައިމިން އަކީ 3 މިނިޓް 57.37 ސިކުންތެވެ. ދެ ވަނަ ހޯދީ 3 މިނިޓް 49.99 ސިކުންތުން ރޭސް ނިންމި ލަންކާ އެވެ. އިންޑިއާ އެއް ވަނަ ހޯދީ 3 މިނިޓް 44.35 ސިކުންތުން ދުވެގެންނެވެ.

ރާއްޖޭގެ ފިރިހެން ޓީމުން 3 މިނިޓް 25.47 ސިކުންތުން ދުވެގެން ނިންމީ ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި ނިންމީ 3 މިނިޓް 22.39 ސިކުންތުން ދުވި ޕާކިސްތާނެވެ. ބަންގްލަދޭޝް އިން ތިން ވަނަ ހޯދީ 3 މިނިޓް 21.50 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ ލިބުނީ 3 މިނިޓް 11.14 ސިކުންތުން ދުވި އިންޑިއާ އަށެވެ. އެއް ވަނަ ހޯދި ލަންކާގެ ޓައިމިންއަކީ 3 މިނިޓް 09.27 ސިކުންތެވެ.

މިދިޔަ ބުދަ ދުވަހު ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ފެށި ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ މެޑަލް ހޯދީ އިންޑިއާ އެވެ. އިންޑިއާ އިން 21 ރަން މެޑަލް އާއި 22 ރިހި މެޑަލް އަދި ފަސް ބްރޯންޒް އާއެކު ޖުމްލަ 48 މެޑަލް ހޯދި އެވެ. ލަންކާ ވަނީ ނުވަ ރަން މެޑަލް އާއި ރިހި މެޑަލްގެ އިތުރުން 17 ބްރޯންޒް އާއެކު 35 މެޑަލް ހޯދައިފަ އެވެ. ބަންގްލަދޭޝް އަށް ތިން ބްރޯންޒް މެޑަލް ލިބުނުއިރު ނޭޕާލުން ވެސް ވަނީ ބްރޯންޒް އެއް ހޯދައިފަ އެވެ.

މި ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 16 އެތުލީޓުން ވާދަކުރި އެވެ. ފިރިހެން އެތުލީޓުންނަކީ، މިންހާލް، ނާހިލް، ޒުއިޒް، ޒީކް ސުއާދު، އާއިޝް، އިކްރާމް، މުހައްމަދު އަޔާން ޝަފީއު އަދި އައިދު އަބްދުﷲ ރިފާއު އެވެ. އަންހެން އެތުލީޓުންނަކީ، ރޫޔާ، އަހްނާ، ޒިވާ، މުޒްނާ، އައިޝަތު ޝައިމް އަޒީޒް، ޒީކް އަޝްރަފް، ޝަލް ޝަލް މުބީން ޖަލީލް އަދި އައިޝަތު ޝާޔާ ޝަފީއު އެވެ.