Roadha Mihaaru
އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނަށް ގޮނޑިއެއް

އދ.ގެ މެންބަރަކަށް ނުވިޔަސް އާންމު މަޖިލީހުގައި ފަލަސްތީނަށް ގޮނޑިއެއް

15 ސެޕްޓެމްބަރ 2024

އދ.ގެ މެންބަރު ގައުމެއްގެ ދަރަޖަ ފަލަސްތީނަށް ނުލިބުނަސް އދ.ގެ އާންމު މަޖިލީހުގައި މެންބަރު އެހެން ގައުމުތަކާ އެކު ބައިވެރިވުމަށް ފަލަސްތީނަށް ގޮނޑިއެއް ދީފި އެވެ.

އދ.ގެ މެންބަރު ގައުމެއްގެ ދަރަޖަ ފަލަސްތީނަށް ނުލިބުނަސް އދ.ގެ އާންމު މަޖިލީހުގައި މެންބަރު އެހެން ގައުމުތަކާ އެކު ބައިވެރިވުމަށް ފަލަސްތީނަށް ގޮނޑިއެއް ދީފި އެވެ.

އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މެއި މަހު ވަނީ އދ.ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ވޯޓު ދީފަ އެވެ. ފަލަސްތީނަށް މި ހައްގު ދޭންޖެހޭނެ ކަމަށް ދުނިޔޭގެ ހުރިހާ ގައުމަކުންހެން އެއްބަސްވެ ވޯޓު ދިން ނަމަވެސް އިޒްރޭލުގެ އެކުވެރި އެމެރިކާއިން ވަނީ ވީޓޯގެ ބާރުގެ ބޭނުންކޮށް އެ ނިންމުން ފެއިލްކޮށްލައިފަ އެވެ.

އެހެން ކަންތައް ވެފައި ވަނިކޮށް އާންމު މަޖިލީހުން ފަލަސްތީނަށް އާ ހައްގުތަކަކާ އެކު ގޮނޑިއެއް ލިބުނީ އާންމު މަޖިލީހުން ފާސްކުރި ގަރާރަކުންނެވެ. މި ގޮނޑި ލިބުނު ކަމުގައި ވިިޔަސް އާންމު މަޖިލީހުގެ ނިންމުންތަކުގައި ވޯޓު ދިނުމާއި ސަލާމަތީ މަޖިލީހުގެ މެންބަރަކަށްވުމުގެ ހައްގެއް ނުލިބޭނެ އެވެ.

އަންގާރަ ދުވަހު ފެށި 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާއިން ފެށިގެން ފަލަސްތީނަށް ހުށަހެޅުންތަކާއި އިސްލާހުތައް ހުށަހަޅައި މެމްބަރު އެހެން ގައުމުތަކާ އެކު އާންމު މަޖިލީހުގައި ބައިވެރިވެވޭނެ އެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޟް މަންސޫރު އަންގާރަ ދުވަހު ވަނީ ސްރީ ލަންކާ އާއި ސޫދާނުގެ ގޮނޑީގެ ދެމެދުގައި "ސްޓޭޓް އޮފް ފަލަސްތީން" ޖަހާފައިވާ މޭޒު ދޮށުގައި އިންނަވައި ފަލަސްތީނުގެ ދައުލަތް ތަމްސީލްކުރައްވައިފަ އެވެ.

"މިއީ ހަމައެކަނި އިޖުރާއީ ކަމެއް ނޫން. މިއީ ތާރީހީ ވަގުތެއް،" މިސްރުގެ ސަފީރު އުސާމާ މަހްމޫދު އަބްދުލްހާލިގް ވިދާޅުވި އެވެ.

އިޒްރޭލުން ވަނީ ފަލަސްތީނަށް ދިން މި ކުރިއެރުމަށް ދެކޮޅު ހަދައި ފާޑު ކިޔައިފަ އެވެ.

"ފަލަސްތީނުގެ ހައިސިއްޔަތަށް އެއްވެސް ކުރިއެރުމެއް ލިބޭ އދ. އިން ނުވަތަ ގައުމަކުން މި ވަގުތު ކުރި ކަމުގައި ވިޔަސް އެއީ ޓެރަރިޒަމަށް ވާގިވެރިވުން. ޖުމްލަ ގޮތެއްގައި ހަމާސްގެ ޓެރަރިޒަމަށް،" އިޒްރާއިލުން އދ. އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ސަފީރު ޖޮނަތަން މިލާ ބުންޏެވެ.

ޣައްޒާގައި މިފަހަރު އިޒްރޭލުން ހަމަލާތައް ދޭން ފެށުމާ އެކު، ފަލަސްތީނުން ވަނީ 2012 ވަނަ އަހަރުން ފެށިގެން އޮތް "ނޮން މެމްބަ އޮބްޒާވަ ސްޓޭޓް"ގެ ދަރަޖަ ބަދަލުކޮށް ފުރިހަމަ މެންބަރަކަށް ވުމަށް ހުށަހަޅައިފަ އެވެ.

އެކަމަކު އެއީ އާންމު މަޖިލީހުން ވޯޓެއް ނެގުމުގެ އިތުރުން ސަލާމަތީ މަޖިލީހުގެ ރުހުން ވެސް ބޭނުންވާ ކަމެކެވެ. ފަލަސްތީނުގެ އެ ހުށަހެޅުން އާންމު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ސަލާމަތީ މަޖިލީހުގެ ވޯޓުގައި އެ ފެއިލްކޮށްލީ އެމެރިކާއިން ވީޓޯގެ ބާރު ބޭނުންކޮށް އޭޕްރީލް 18 ވަނަ ދުވަހު އެވެ. -- އޭއެފްޕީ