މިއަހަރު ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ބޮޑުވެއްޖެ އެވެ.
16 ސެޕްޓެމްބަރ 2024
މިއަހަރު ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ބޮޑުވެއްޖެ އެވެ.
މިއަހަރު ލޯނަށް ހުޅުވާލި 500 ފުރުސަތަށް އެދި 1،709 ދަރިވަރަކު ކުރިމަތިލި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ މި ހުރިހާ ދަރިވަރުންނަށް ލޯނު ދޭށެވެ. އޭގެ ތެރޭގައި އަމިއްލަ ހަރަދުގައި ބޭރުގައި ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ވެސް ލޯނަށް އެދި ކުރިމަތިލުމުން ޝަރުތު ހަމަވާ ކަމަށް ނިންމައި ލޯނު ދޭން އޮތީ ނިންމައިފަ އެވެ.
އެކަމަކު ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކެއްގައި ސެޕްޓެމްބަރު/ އޮކްޓޫބަރު އިންޓޭކްގެ ކިޔެވުން ފެށެން ކުޑަތަންވެފައި އޮތްއިރު ވެސް އަދިވެސް ދަރިވަރުންނަށް ފައިސާ ނުލިބެ އެވެ. ނަމަވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.
މެލޭޝިއާގައި ކިޔަވަމުން އަންނަ ދަރިވަރަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާއަކީ އަމިއްލަ ހަރަދުގައި ކިޔަވަން ގޮސް، ފަހުން ލޯނަށް ހުށަހެޅުމުން ލޯނު ލިބުނު ދަރިވަރެކެވެ. އެކަމަކު ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުން ވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ.
"ދެ ހަފްތާ ތެރޭގައި ފޮނުވާނެ ކަމަށް ގަވައިދުގައި އޮންނަ ފޯމު ލިބުނީ މަސް ދުވަސް ފަހުން. ތިން ދުވަސް ތެރޭގައި ހުރިހާ އެއްޗެއް ހަމަކޮށްފައި ފޮނުވީމާ މަސް ދުވަސްވިއިރު ވެސް ޖަވާބެއް ނައި. އެކްނޮލެޖްމަންޓް މެއިލް އެއް ނާދެ. އޭރުންތާ އެނގޭނީ އަޅުގަނޑު ހުށަހެޅި މައުލޫމާތު ރަނގަޅު ކަމެއް ވެސް. އިތުރު ލިޔުމެއް ބޭނުންވާ ކަމެއް ވެސް. އެއްކަމެއް ވެސް ނާންގާ،" އެ ދަރިވަރު ކިޔައިދިނެވެ.
"ވާނުވާގައި އަޅުގަނޑު ހުރީ. ގާތްގަނޑަކަށް 12 މެއިލް ފަހުން އަޅުގަނޑު ކުރިން ވެބްސައިޓުގައި އިން މެއިލް އަށް ޖަވާބެއް ނާދެ،" އޭނާ ބުންޏެވެ.
މިކޮޅުން ދަނީ ހަމަ ސްޓޫޑަންޓް ލޯނަށް ހޮވިފައި ތިބޭ ދަރިވަރުންނަށް ފީ ޝީޓާއި އެގްރީމެންޓް އަދި ޕޭމަންޓް މަސައްކަތް ކުރަމުން. ފައިސާ ދާނީ އަބަދުވެސް ލޯނުގެ ދަރިވަރުންނަށް ދޫކުރަމުން. އެކަމަކަށް އެއްވެސް އިރަކު ހުއްޓުމެއް ނުގެނޭ،"--- މިނިސްޓްރީގެ އޮފިޝަލް
އޭނާ ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި އެވަގުތު ހުރުމުގެ ސަބަބުން މިނިސްޓްރީގެ ނަމްބަރަށް ނުގުޅިގެން، ފަހުން އާއިލާގެ މީހުން ލައްވައި ވެސް ގުޅި އެވެ. އެކަމަކު ހަތްދިހައެއްހާ ފަހަރު ގުޅިއިރު ވެސް އެ މިނިސްޓްރީން ޖަވާބެއް ނުދޭ ކަމަށް ބުންޏެވެ.
ޔުނިވާސިޓީގެ ޗުއްޓީ ދުވަސްކޮޅެއް ކަމުން އެ ދަރިވަރު މިހާރު ހުރީ ރާއްޖޭގަ އެވެ. އަދި ފަހުން މިނިސްޓްރީއަށް ގޮސްގެން، އެކަންވީ ގޮތެއް ބެލިއިރު އެ މެއިލް ނުވެސް ހުޅުވާ ކަމަށް ބުނެ އެ ދަރިވަރު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާ ބުނި ގޮތުގައި ލޯނަށް ކުރިމަތިލީ ވެސް އަމިއްލަ ހަރަދުގައި ކިޔެވޭނެ ގޮތެއް މިވަގުތު ނެތިގެން ކަމަށެވެ.
"އެއް އަހަރުގެ ކޯސް ފީ އަމިއްލަ އަތުން ދައްކާފައި އޮންނާނީ. ދެން ކުރިއަށް އޮތް ކޯސް ފީ ދެއްކޭނެ އެއްވެސް ގޮތެއް ނެތް. ސޭވިންގައި ހުރި ފައިސާ ހުސްވެއްޖެ. އެެހެންވެ ލޯނަށް ލީ،"
އޭނާ ބުނީ ލޯނުގެ އުސޫލުތަކުގައި އޮންނަ ގޮތުން ނަމަ މިއީ ލޯނު ހަމަޖެހިފައި އޮންނަންޖެހޭ މުއްދަތެއް ކަމަށެވެ. އެކަމަކު އޭނާ ބުނީ ލޯނުގެ ފައިސާ ދޫކުރެވޭނެ ވަކި ދުވަހެއް ވެސް ނޭނގޭ ކަމަށް މިނިސްޓްރީން މިހާރު ބުނެ އެވެ.
"އަޅުގަނޑުގެ ވިސާ ހަމަވަނީއޭ އަންނަ މަހު. މި ހުރިހާ ވާހަކަތަކެއް ކިޔައިދިން އެތަނަށް ވެސް. ބުނެފިން ހަމަޖެހޭނެ ވަކި މުއްދަތެއް ބުނެދޭށޭ. އޭރުންނޭ އެނގޭނީ މީހެއް އަތުން ވިޔަސް ލޯނެއް ނަގަން ވެސް. ނޫނީ ކޯސް ހުއްޓާލާނީތޯ. މިތާ މަޑުކުރާނީތޯ، އަނބުރައި ވިސާ ރިނިއު ކުރަން ނުގޮސް. އެކަމަކު އެމީހުންނަށް ލޯނު ދެވޭނެ ވަކި ދުވަހެއް ވެސް ބުނެ ނުދެވުން،" އެ ދަރިވަރު ބުންޏެވެ.
މި ޝަކުވާތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނު ހަމަނުޖެހިގެން ދަރިވަރުން އަނބުރާ އަންނަ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި ދަރިވަރުންގެ ލޯނު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"މިކޮޅުން ދަނީ ހަމަ ސްޓޫޑަންޓް ލޯނަށް ހޮވިފައި ތިބޭ ދަރިވަރުންނަށް ފީ ޝީޓާއި އެގްރީމެންޓް އަދި ޕޭމަންޓް މަސައްކަތް ކުރަމުން. ފައިސާ ދާނީ އަބަދުވެސް ލޯނުގެ ދަރިވަރުންނަށް ދޫކުރަމުން. އެކަމަކަށް އެއްވެސް އިރަކު ހުއްޓުމެއް ނުގެނޭ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯނު ލިބުނު ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންގެ ކިޔެވުން މި މަހު ފެށޭއިރު ލޯނުގެ ފައިސާ ނުލިބިގެން އަމިއްލަ ހަރަދުގައި ބައެއް ދަރިވަރުން ވަނީ އެ ގައުމުތަކަށް ގޮސްފަ އެވެ. އެކަމަކު ސްޕޮންސާ ލެޓާ ވެސް ދަރިވަރުންނަށް ނުލިބެ އެވެ. އަދި ކޯހަށް ފައިސާ ނުދައްކައިގެން ބައެއް ދަރިވަރުންނަށް ޔުނިވާސިޓީތަކުން ފައިނަލް ނޯޓިސް ފޮނުވާފައިވާކަމަށްވެ އެވެ.
"ލޯނަށް އަލުން ހުޅުވާލާނަން، މި ފަހަރު ފަސޭހަވާނެ"
މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުން އިއުލާނުކޮށްފި
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
އެމްބީބީއެސް ކޯހުގެ 50 ދަރިވަރުންނަށް ލޯނު ދެނީ
މަތީތައުލީމުގެ ލޯނު 500 އަށްވުރެ ގިނަ ދަރިވަރުންނަށް
ދަރިވަރުންގެ ލޯނަށް ދިން 130 މިލިއަން ރުފިޔާ ނުލިބޭ
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
ލޯނު ލިބޭ ދަރިވަރުންނަށް ލިއުން ދިނުން މި ހަފުތާގައި
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި