މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނުގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ދަރިވަރުންނަށް ދިން 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
01 ޖޫން 2017
މަތީ ތައުލީމް ހާސިލް ކުރުމަށް ލޯނުގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ދަރިވަރުންނަށް ދިން 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް ނުލިބިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން ތައްޔާރު ކުރި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2014 ގެ ނިޔަލަށް 130 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި އަނބުރާ ލިބެން ޖެހޭނެ ކަމަށް ޑިޕާޓްމަންޓްގެ ރިކޯޑްސްތަކުން އެނގެން އޮތަސް، މިއީ ނުލިބި ކިހާ ދުވަހެއް ވަންދެން ހުރި ފައިސާއެއް ކަން އެނގޭނެ އެނަލިސިސްއެއް ހަދާފައި ނުވާ ކަމަށެވެ.
މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ލޯނު ދިނުމުގެ ފުރުސަތު އެންމެ ފުރަތަމަ ތައާރަފް ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އަދި އޭރު މަތީ ތައުލީމާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓެއް ވެސް އުފައްދައިފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ދަރިވަރުން ނުދައްކާ ހުރި ފައިސާގެ އަދަދުން ކޮންމެ އަހަރެއްގެ ފަހު ދުވަހު އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ތިން ޕަސަންޓު ބޭންކަށް ނެގޭ ގޮތަށް އޮތުމުން، ފީގެ ގޮތުގައި ނަގާ އަދަދު ވެސް އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން 2014 ގައި އެކަނި ވެސް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ބީއެމްއެލްއަށް ދައްކަން ޖެހޭ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން 2010 އިން 2014 އަށް ބީއެމްއެލުން ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކުރި ފައިސާގެ ތެރެއިން ކިޔަވައި ނިމިގެން ލޯނު އަނބުރާ ދައްކަން ޖެހޭ ދަރިވަރުންގެ ތެރެއިން 2014 ގެ ނިޔަލަށް 39 ޕަސަންޓު ދަރިވަރުންނަކީ ގަވާއިދުން ލޯނު ނުދައްކާ ދަރިވަރުން ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 2014 ގެ ނިޔަލަށް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބީއެމްއެލަށް ނުދައްކާ ކަމަށް ރިޕޯޓުގައިވެ އެވެ.
ލޯނުގެ ގޮތުގައި ނެގި ފައިސާގެ އަދަދު ދައްކަމުން ނުދާ ދަރިވަރުންނާ މެދު ހަޔާ އެޑިއުކޭޝަނާއި ބީއެމްއެލުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2011 އިން 2013 އަށް އިއުލާން ކުރި ބައެއް ލޯނު ސްކީމްތަކަށް ލޯނު ދޭ ދަރިވަރުން ހޮވިއިރު، ލޯނު ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ދަރިވަރުންނަށް ޕޮއިންޓް ދިނެވެ.
ލޯނު އަނބުރާ ނުދައްކާ 16 ދަރިވަރަކަށް އަލުން ލޯނު ދީފައިވާއިރު، އޭގެ ތެރެއިން ހަ ދަރިވަރުން ކުރިން ނެގި ލޯނަށް އެއްވެސް ވަރަކަށް ފައިސާ ދައްކާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ލޯނު ނެގި އެ ދަރިވަރުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ޖެހޭއިރު، ފަހުން ދަރިވަރުންނަށް ދިން ލޯނުގެ އަދަދު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ފުލް ފަންޑިން ލޯނު ސްކީމުތަކުން ލޯނު ލިބިފައިވާ 1683 ދަރިވަރުންގެ ތެރެއިން 422 ދަރިވަރުން ލޯނު ބޭނުން ކުރުމަށް ދީފައިވާ މުއްދަތު ފާއިތުވިއިރު ވެސް ލޯނު ނަގާފައި ނުވާ ކަމާއި ލޯނު ނަގާފައިނުވާ ކަމާއި އެ ދަރިވަރުންނާ މެދު ވެސް ހަޔާ އެޑިއުކޭޝަނުން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މަތީ ތައުލީމް ހާސިލް ކުރުމަށް ދަރިވަރުންނަށް ލޯނު ދިނުމާ ގުޅޭ ކަންކަން ހަޔާ އެޑިއުކޭޝަނުން ކުރިއަށް ގެންދިޔައީ ހަރުދަނާ ގޮތެއްގައި ނޫން ކަމަށެވެ. އެހެންވެ، ލޯން ސްކީމަށް އިއުލާން ކުރާއިރު، އުސޫލުތަކާ އެއްގޮތަށް ދަރިވަރުންނަށް ލޯނު ދިނުމާއި ލޯނު ނުދައްކާ ދަރިވަރުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާ ދީފަ އެވެ.
ތައުލީމީ ފަންޑުން ދޫކުރި 8 މިލިއަން ރުފިޔާ ނުލިބޭ!
ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރަން: މިނިސްޓްރީ
"ތައުލީމަށް ދޫކުރި ލޯނުގެ 114 މިލިއަން ނުލިބޭ"
"ލޯނަށް އަލުން ހުޅުވާލާނަން، މި ފަހަރު ފަސޭހަވާނެ"
ދިވެހި ޑޮކްޓަރުންނާއި ނަރުހުން މަދީ ކީއްވެ؟
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
އެމްބީބީއެސް ކޯހުގެ 50 ދަރިވަރުންނަށް ލޯނު ދެނީ
އެޑިއުކޭޝަނުން ގަވާއިދާ ޚިލާފަށް 8 ލައްކަ ހަރަދުކުރި
މަތީތައުލީމުގެ ލޯނު 500 އަށްވުރެ ގިނަ ދަރިވަރުންނަށް