Roadha Mihaaru
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދަން އިއުލާނުކޮށްފި

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހޯދަން އިއުލާނުކޮށްފި

05 ޑިސެމްބަރ 2019

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހު ބުނާގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުވި އަދި އާ ޑީޖޭއޭއެއް އެ އިސްލާހާ އެކު އުފެދޭނެ އެވެ. އެކަމަކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ޖޭއެސްސީން އާ ބޭފުޅަކު އައްޔަން ކުރަންދެން އެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަސްއޫލިއްޔަތު އަދާ ކުރަންވާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ.

ޖޭއެސްސީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ފަސް އަހަރަށް އައްޔަންކުރާ އެ މަގާމުގެ ޝަރުތަކީ އިދާރީ ހިންގުމުގެ ދާއިރާ އިން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.