Roadha Mihaaru
ޔޫއޭއީގެ ޕްރޮޓޮކޯލާހެދި ދަގަނޑޭއަށް މެޗުތައް ގެއްލޭނެ؟

ޔޫއޭއީގެ ޕްރޮޓޮކޯލާ ހެދި ދަގަނޑޭއަށް މެޗުތައް ގެއްލޭނެ؟

06 ޖޫން 2021

ގައުމީ ޓީމުގެ ފޯވަޑް، އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އިން ރިކަވާވި ނަމަވެސް، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ކޮވިޑް ޕްރޮޓޮކޯލާ ހެދި އޭނާ ޓީމާ ގުޅުން އިތުރަށް ލަސް ވުމުން ދުބާއީގައި ކުޅޭ ކޮލިފައިންގެ އެއްވެސް މެޗެއްގައި އޭނާ ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ޓީމުގެ ފޯވަޑް، އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑް-19 އިން ރިކަވާވި ނަމަވެސް، ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ކޮވިޑް ޕްރޮޓޮކޯލާ ހެދި އޭނާ ޓީމާ ގުޅުން އިތުރަށް ލަސް ވުމުން ދުބާއީގައި ކުޅޭ ކޮލިފައިންގެ އެއްވެސް މެޗެއްގައި އޭނާ ކުޅެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

މިދިޔަ ހުކުރު ދުވަހު، ދަގަނޑޭ ސޯޝަލް މީޑިއާގައި ލިޔެފައި ވަނީ، އޭނާ ކޮވިޑުން ރަނގަޅު ވެފައިވާ ކަމަށާއި ހޮނިހިރު ދުވަހު ޓީމާ ގުޅޭނެ ކަމަށެވެ.

އެހެން ނަމަވެސް، ޔޫއޭއީގެ ކޮވިޑް ޕްރޮޓޮކޯލްގެ ދަށުން ދަގަނޑޭއަށް ޖެހިފައި ވަނީ އިތުރު 10 ދުވަސް މަޑު ކުރުމަށެވެ.

"މިކޮޅުގެ [ޔޫއޭއީގެ] ގައިޑްލައިންގެ ދަށުން ނެގެޓިވް ވިޔަސް 10 ދުވަސް ކަރަންޓީންގައި މަޑުކޮށްފައި އިތުރު ޓެސްޓެއް ހައްދަން ޖެހޭ،" ޔޫއޭއީގައި ހުރެ "މިހާރު" އާ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ބުންޏެވެ. "ކަރަންޓީންގެ 10 ދުވަސް ފަހުން އޭނާ [އަޝްފާގް] އަށް ޓީމާ ގުޅުމުގެ ފުރުސަތު ލިބޭނީ."

ޔޫއޭއީގެ ޕްރޮޓޮކޯލްގެ ދަށުން ދަގަނޑޭއަށް ކަރަންޓީނުން ސަލާމަތް ވެވޭނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ދުބާއީގައި ރާއްޖެ ކުޅޭ ކޮލިފިކޭޝަންގެ ފަހު މެޗުގައި އެ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. އެހެންވެއްޖެނަމަ އޭނާއަށް އެ މެޗުގައިވެސް ބައިވެރި ނުވެވުމުގެ ބިރު އެބައޮތެވެ.

ޔާމީން ބުނީ ޔޫއޭއީއަށް ދިޔަ ފަހުން ކޮވިޑް ޕޮޒިޓިވްވި ޑިފެންޑަރު އަލީ ޝާމިސް އާއި ދަގަނޑޭއަށް އެ މެޗުގައި ކުޅެވޭނެތޯ ބަލަމުން އަންނަ ކަމަށެވެ.

އެ ދެ ކުޅުންތެރިން ވެސް ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ ޗައިނާއަށް ދިއުމަށް ކޮވިޑް ޓެސްޓް ހެދުމުންނެވެ. އެ ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވް ވުމުން، ސްކޮޑުގެ އެހެން މެންބަރުން ވެސް ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުނެވެ. އެހެންވެ އޭއެފްސީން ނިންމީ ކޮލިފިކޭޝަން މެޗުތައް ޔޫއޭއީއަށް ބަދަލު ކުރުަމަށެވެ.

ދުބާއީގައި ކުރިއަށްދާ ގުރޫޕް އޭގެ ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ސީރިއާ އަތުން ވަނީ 4-0 އިން ބަލިވެފަ އެވެ.