Roadha Mihaaru
ސްޓެލްކޯގެ "ސްކާޑާ" އިން އަވަސް ހައްލާއި ފަސޭހަކަން

ސްޓެލްކޯގެ ސެންޓްރަލް ސްކާޑާ: މެދުނުކެނޑި ކަރަންޓް ފޯރުކޮށްދެވި، ހަރަދުކުޑަ ކުޑަކުރަން ލުޔެއް

21 ސެޕްޓެމްބަރ 2024

ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތް، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމަކީ ސްޓެލްކޯ އިން އެންމެ އިސްކަންދޭ ކަންތަކެވެ. މި އަމާޒުގައި ދެމިތިބިއިރު، ސްޓެލްކޯ އަށް އަބަދުވެސް އޮންނަ ޝަކުވާއަކީ ކަރަންޓް ބިލް ބޮޑުވުމާއި ހިދުމަތް ދޭތެރެއަކުން މެދުކެނޑުމުގެ މައްސަލަތަކެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތް، އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ކުރުމަކީ ސްޓެލްކޯ އިން އެންމެ އިސްކަންދޭ ކަންތަކެވެ. މި އަމާޒުގައި ދެމިތިބިއިރު، ސްޓެލްކޯ އަށް އަބަދުވެސް އޮންނަ ޝަކުވާއަކީ ކަރަންޓް ބިލް ބޮޑުވުމާއި ހިދުމަތް ދޭތެރެއަކުން މެދުކެނޑުމުގެ މައްސަލަތަކެވެ.

ކޮންމެ ގެއެއްގައި ކަރަންޓް ބޭނުންކުރާ މިންވަރު ފެންނަން ހުންނަ އިރު، ކަރަންޓް ބިލް ކުޑަކުރާނެ ގޮތްތައް ސްޓެލްކޯ އިން ކިޔައިދީ، އަބަދުވެސް އިރުޝާދު ދެ އެވެ. އެކަމަކު އެކަން ކުރާނެ ފަސޭހަތަކެއް ނެތް ކަމުގެ ޝަކުވާ ވެސް ސްޓެލްކޯ އަމާޒުވެ އެވެ.

މީގެ އިތުރުން ސްޓެލްކޯ އަށް ހައްލު ކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ކަރަންޓް ކެނޑުމުން، މައްސަލަ ހައްލުކުރަން ވަގުތު ނެގުމެވެ. މިކަމުގައި އެންމެ އުނދަގޫވަނީ، ރަށެއްގައި އިންޖީނަކަށް މައްސަލައެއް ދިމާވެ ނުވަތަ ނަރެއް ބުރިވެގެން ވިޔަސް އެ ދިމާވި މައްސަލަ ހޯދައި ހައްލުކުރަން ހޭދަވާ ވަގުތެވެ.

މި ކަންކަން ވީހާވެސް އަވަހަށް ހައްލުކޮށް، ހިދުމަތް ފަސޭހަވާނެ ގޮތްތަކެއް ސްޓެލްކޯ އިން އަންނަނީ ހޯދައި ދެމުންނެވެ. އެ ހައްލުތަކުގެ ތެރެއިން، ސްޓެލްކޯގެ މައި އިމާރާތުގައި މިހާރު ފަރުމާކުރަމުން އަންނަ "ސެންޓްރަލް ސްކާޑާ ސިސްޓަމް" ވެގެންދާނީ މިފަދަ ހުރިހާ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް އެހީތެރިވެދޭނެ އަގުހުރި ވަސީލަތަކަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސެންޓްރަލް ސްކާޑާ އަކީ ސްޓެލްކޯގެ ހިދުމަތްދޭ 35 ރަށުގެ ކަރަންޓު ހިދުމަތް، އެއް ވިއުގައަކުން ގުޅާލަން ސްޓެލްކޯއިން ދީފައިވާ ނަމެކެވެ.

ސްޓެލްކޯގެ މުވައްޒަފަކު މަސައްކަތުގައި: ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން ވަނީ އެދިފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓެލްކޯގެ މުވައްޒަފަކު މަސައްކަތުގައި: ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން ދާތީ ސަމާލުވާން އެ ކުންފުނިން ވަނީ އެދިފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓެލްކޯގެ ރީޖަނަލް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޔާސިރު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ "ސެންޓްރަލް ސްކާޑާ ސިސްޓަމް" ގާއިމް ކުރުން ކަމަށެވެ. އެ މަސައްކަތް ނިމުމުން ރައްޔިތުންނަށް ކަރަންޓް އިގްތިސޯދު ކުރެވި، މައްސަލައެއް ދިމާވެ ކަރަންޓު ކެނޑުމުން ވެސް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެ އެވެ.

ކުއްލި ހާލަތުގައި ވެސް މެދު ނުކެނޑި ކަރަންޓު ދެވޭނެ ކަމުގެ ޔަގީންކަން

"އަޅުގަނޑުމެން މިހާރު މި ޖެހެނީ ރަށެއްގައި ކަރަންޓަށް ކަމެއް ދިމާވިޔަސް އެ ރަށަކަށް ގުޅައިގެން އެ އެއްޗެހި ބަލައިގެން މޮނިޓާ ކޮށްގެން އެކަން ހައްލު ކުރަން. ވަރަށް ޗެލެންޖިން ކަންކަން ހުރޭ. ކޮވިޑް ތެރޭގައި ހިދުމަތް މެދުކެނޑޭ ހިސާބަށް ވެސް ދިޔަ،" ޔާސިރު ވިދާޅުވި އެވެ.

ކުއްލި ހާލަތަކަށް ތައްޔާރުވާން ސްޓްލެކޯއިން އެންމެ ފުރަތަމަ ކުރި ކަމަކީ ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމެވެ.

ޔާސިރު ވިދާޅުވި ގޮތުގައި އެ މަސައްކަތުން ނެރެވުނު ހައްލަކީ، އެއް ތަނަކުން ކަރަންޓު މޮނިޓާކުރާ ގޮތަށް ސިސްޓަމެއް ތަރައްގީ ކުރަން ޖެހޭ ކަމެވެ.

އެ މަސައްކަތް ފަށައި، ރީޖަނަލް ޑިޕާޓްމަންޓަށް ފެންނަ ގޮތަށް މިހާރު ތައްޔާރު ކޮށްފައިވާ އެ ސިސްޓަމްގެ އެންމެ ބޮޑު ބޭނުމަކީ އެ ކުންފުނިން ހިދުމަތް ދޭ ހުރިހާ ރަށްތަކަކުން ވަގުތުން ވަގުތަށް ހުރިހާ ޑޭޓާއެއްގެ މައުލޫމާތު ނެގި މޮނިޓާކުރެވުން ކަމަށް ޔާސިރު ވިދާޅުވި އެވެ.

ސްޓެލްކޯ މުވައްޒަފަކު މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓެލްކޯ މުވައްޒަފަކު މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑުމެން [ސްޓެލްކޯއިން] ބޭނުންވެއްޖެ ހާލަތެއްގައި އެ ސިސްޓަމް މެދުވެރިކޮށް ރަށްރަށުގައި އިންޖީނު ހިންގުން ފަދަ ކަންކަންވެސް ކުރެވޭނެ. ރަށަކަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެ ރަށަކަށް ސްޓެލްކޯގެ މުވައްޒަފަކު މާލެއިން ދަތުރުކޮށްފައި ދިއުމުގެ ބަދަލުގައި މި ސިސްޓަމް މެދުވެރިކޮށް އެ މައްސަލަ ބަލައި ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު އިންޖީނުގެތައް ހިންގޭނެ މާލޭގައި ތިބެގެން ވެސް. ކުއްލި ހާލަތުގައި ވެސް މެދު ނުކެނޑި ކަރަންޓު ދެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެވޭނެ މި ސިސްޓަމާ އެކު. މާލޭގައި ހުރެގެން އަޅުގަނޑުމެންނަށް ބަލާލެވޭނެ އެ ރަށަށް މި ދިމާވީ ކޮން މައްސަލައެއްކަން. އެ ރަށުގައި ތިބި ސްޓާފުންނަށް ކިޔާދީފައި، ރަނގަޅު ނުކުރެވިއްޖެ ނަމަ ދެން މިކޮޅުން މުވައްޒަފުން ދާނީ."

ސެންޓްރަލް ސްކާޑާ ސިސްޓަމްގެ މަސައްކަތް ކުރިއަށް ގެންދަން އޮތީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހުރިހާ ރަށްތަކެއްގެ ލޯޑު ނުވަތަ އެ ރަށަކުން ކަރަންޓު ބޭނުންކުރާ މިންވަރު ރަށްރަށުގައި ބަހައްޓާފައި ހުރި "ފީޑާ" ތަކުން ބެލޭނެ ގޮތް ހެދުމެވެ.

މީގެ އިތުރުން އެ ވަގުތަކު ހިންގާފައި ހުރި ހުރިހާ އިންޖީނުތަކެއްގެ ހުރިހާ "ޕެރެމިޓާސް"ތައް ވަގުތުން ވަގުތަށް ސިސްޓަމަށް ނެގި މޮނިޓާ ކުރެވޭނެ ގޮތް ހެދުން ކަމަށް ވެސް ޔާސިރު ވިދާޅުވި އެވެ.

"އެ ފީޑާތަކުން ވަގުތުން ފެންނާނެ ރަށުގެ ކިހާ ހިސާބަކުން ކަން ލޯޑު ބޮޑުވަމުން ދަނީ. ނޫނީ އެ ބޭނުންކުރާ މިންވަރު ދަށަށްވަމުން ކަން އެ ދަނީ އެނގޭނެ. ފޯކާސްޓު ކުރެވޭނެ މިތާ (މާލޭގައި) ތިބެގެން. އެ ތަނަށް ދާކަށް ނުޖެހޭނެ، ރިއަލް ޓައިމް ޑޭޓާ އަޅުގަނޑުމެންނަށް ލިބޭނެ." އޭނާ ވިދާޅުވި އެވެ.

"އޭރުން މިސާލަކަށް ވިލިނގިލީގައި ބަހައްޓާފައި ހުރި ޖެނަރޭޓަރު އޮޕަރޭޓް ކުރެވިދާނެ ކ. މާފުށިން ވެސް. ވ. ރަކީދޫ އިންޖީނުގެ އޮޕަރޭޓް ކުރެވިދާނެ އެ އަތޮޅު ފެލިދޫ އިންޖީނުގެއިން ވެސް، ސްޓެލްކޯއިން ބޭނުން ވެއްޖެނަމަ އެއީ."

ކުޅުދުއްފުށީ ކަރަންޓަށް ދިމާވި މައްސަލައަކުން ކަރަންޓު ކެނޑުމުން ސްޓެލްކޯގެ މުއައްޒަފުން ކުޅުދުއްފުށި ފެނަކަ ބްރާންޗުގައި. --ފޮޓޯ | ސްޓެލްކޯ

ކުޅުދުއްފުށީ ކަރަންޓަށް ދިމާވި މައްސަލައަކުން ކަރަންޓު ކެނޑުމުން ސްޓެލްކޯގެ މުއައްޒަފުން ކުޅުދުއްފުށި ފެނަކަ ބްރާންޗުގައި. --ފޮޓޯ | ސްޓެލްކޯ

ކޮވިޑް ކަހަލަ ބަލިމަޑުކަމެއް ނުވަތަ ކާރިސާއެއް ދިމާވެއްޖެނަމަ ވެސް އެ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މާލޭގައި ތިބި މުވައްޒަފުންނަށް އެކަން ހައްލުކުރެވޭނެ ގޮތް ހެދުން ނުވަތަ މައްސަލަ ހައްލުކުރަންވާ ގޮތް ރަށުގައި ތިބި ސްޓާފުންނަށް ބުނެދިނުމަކީ ސްކާޑާގެ އެންމެ ބޮޑު ބޭނުމެވެ.

އެ ޑޭޓާތަކަށް ބެލުމަށް ފަހު ކުރިއަށް އޮތް އަހަރުތަކަށް ޕްލޭން ހެދުން ފަދަ ކަންކަން ކުރަން ސްޓެލްކޯއިން ވަނީ ނިންމައިފަ އެވެ.

ހަމަ އެކަނި ދިވެހި މުވައްޒަފުން މަސައްކަތްކުރާ ސްޓެލްކޯގެ ސެންޓްރަލް ސިސްޓަމަކީ އެ ކުންފުނިން ތަމްރީން ލިބިފައިވާ އިންޖިނިއަރުން އަމިއްލައަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ސިސްޓަމެކެވެ.

ސްކާޑާއިން ރަށުގެ ހުރިހާ މައުލޫމާތެއް

ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ ހުރިހާ ރަށެއްގެ ގިނަ މައުލޫމާތުތަކެއް ސްކާޑާ މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ރަށުގެ އާބާދީގެ މައުލޫމާތާއި ރަށުގެ ކުޑަ ބޮޑު މިނާއި ރަށުގައި ހިންގޭ ތަރައްގީގެ މަޝްރޫއު ތަކުގެ މައުލޫމާތާއި އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތުތަކުގެ އިތުރުން ވިޔަފާރިތަކުގެ މައުލޫމާތު ވެސް އެނގޭނެ ގޮތަަށް އެ ސިސްޓަމް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޔާސިރު ވިދާޅުވި އެވެ.

ސްޓެލްކޯގެ ސެންޓްރަލް ސްކާޑާގެ ސަބަބުން ވަގުތު ސަލާމަތްވެ، މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް ރައްޔިތުންނަށް ކަރަންޓު ދޫކުރެވޭނެ ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ.

ސްޓެލްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށެއްގެ ގޭގޭގައި ސްމާޓް މީޓަރު ހަރުކުރަން ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ބަދަލަށް ގެނައުމަކީ ސްޓެލްކޯގެ އަމާޒެކެވެ. މިއާ އެކު ސްކާޑާގެ ބޭނުން ފުރިހަަމަވެ، ހިދުމަތް ހޯދުމުގައި އާއްމުންނަށް އިގްތިސާދު ކުރަން ފަސޭހަވެ، ހިދުމަތް ދިނުމުގައިސްޓެލްކޯ އަށް ވަރަށް ބޮޑު ލުއި ކަމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.