Roadha Mihaaru
ނޭޕާލްގައި ފެންބޮޑުވެ، 170 މަރު

ނޭޕާލްގައި ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 170 އަށް

30 ސެޕްޓެމްބަރ 2024

ނޭޕާލަށް ބޯކޮށް ވާރޭވެހި، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ނޭޕާލަށް ބޯކޮށް ވާރޭވެހި، ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 170 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ނޭޕާލްގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ އިތުރުން ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.

އާންމުކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ވިއްސާރާ މޫސުމާ ކުރިމަތިލާން ޖެހުނަސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކޮޅިގަނޑުގެ ބާރުގަދަވެ، އަވަސްވަމުންދާ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ނޭޕާލްގެ ހޯމް މިނިސްޓްރީން ބުނީ، މި ހާދިސާގައި މިހާތަނަށް 170 މީހުން މަރުވެފައިވާ ކަމަށާއި އިތުރު 42 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ބިންގަނޑު ކަނޑައިގެންގޮސް، ނޭޕާލްގެ ބައެއް ހައިވޭތައް ބްލޮކުވެ، އެތައް ސަތޭކަ ބަޔަކު ހައިވޭތަކުގައި ތާށިވެފައިވާ ކަމުގެ ރިޕޯޓުތައް ވެސް ދަނީ ލިބެމުންނެވެ. ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑޮމެސްޓިކް ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ.

ހޯމް މިނިސްޓްރީގެ ތަރުޖަމާނު ރިޝީ ރާމް ތިވާރީ އޭއެފްޕީ އަށް ވިދާޅުވީ، ހައިމާކުތައް ބޭނުންކޮށްގެން ހައިވޭތައް ސާފުކޮށް، އަލުން ހުޅުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ރެސްކިއު އޮޕަރޭޝަންތަކުގައި 3،000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ނޭޕާލްގެ މޫސުމާބެހޭ އޮފީހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް 24 ގަޑިއިރު ތެރޭގައި ނޭޕާލްގެ ތަފާތު 14 ސަރަހައްދަކަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ނޭޕާލަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި 220 މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.