Roadha Mihaaru
"އިބްތިހާލް މަރުވި ސަބަބު ޔަގީންކަމާއެކު ބުނަން ދަތި"

ޕޯސްޓްމޯޓަމް ނަހަދާތީ އިބްތިހާލްގެ މަރުގެ އަސްލު ސަބަބު ބުނަން ދަތި: ޑޮކްޓަރު

02 މާޗް 2017

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ ޕޯސްޓްމޯޓަމް ހަދާފައި ނެތުމުން އޭނާގެ މަރުގެ އަސްލު ސަބަބު ޔަގީންކަމާ އެކު ދެނެނުގަނެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރަކު ކޯޓުގައި މިއަދު ވިިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ ޕޯސްޓްމޯޓަމް ހަދާފައި ނެތުމުން އޭނާގެ މަރުގެ އަސްލު ސަބަބު ޔަގީންކަމާ އެކު ދެނެނުގަނެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރަކު ކޯޓުގައި މިއަދު ވިިދާޅުވެއްޖެ އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ އަހުމަދު އަނިޔާކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ އައިޖީއެމްއެޗްގައި އޭނާ ބެއްލެވި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އައްބާސާ އަބްދުލްހަމީދެވެ.

އިބްތިހާލް ބެލި އެހެން ޑޮކްޓަރުންނެކޭ އެއްފަދައިން އައްބާސާ ވެސް ވިދާޅުވީ އިބްތިހާލް މަރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ އޭނާގެ ކަރުގައި ހިފުމުން ނޭވާ ހާސްވެގެން ނުވަތަ އޭނާގެ ބަނޑަށް ގިނަ އަދަދަކަށް ލޭ ޖަމާވެފައި ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު މަރުވުމުގެ އަސްލު ސަބަބު (ކޯޒް އޮފް ޑެތް) ހޯދޭނީ ޕޯސްޓްމޯޓަމެއް ހަދައިގެން ކަމަށާއި އެކަން ނުކުރާތީ އަސްލު ސަބަބު ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް އައްބާސާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ އިބްތިހާލްގެ ހަށިގަނޑުގެ ބެލިއިރު އޭނާގެ ބަރުދަނާއި އިސްކޮޅު ވެސް ބެލި ކަމަށާއި އެ އުމުރުގެ ކުއްޖަކާ ބަލާއިރު ބޮޑުވާން ޖެހޭ މިންވަރަށް ބޮޑުވެފައި ނެތް ކަމަށެވެ. އިބްތިހާލް މަރުވިއިރު އޭނާގެ ބަރުދަނުގައި ހުރީ އެންމެ ނުވަ ކިލޯ ކަމަށާއި އެކަމަކު ސިއްހީ މިންގަނޑުތައް ބަލާ ގޮތުން އެ އުމުރުގެ ކުއްޖެއްގެ ބަރުދަނުގައި މަދުވެގެން 12 ކިލޯ ހުންނަންވާނެ ކަމަށް އައްބާސާ ވިދާޅުވި އެވެ. އަދި އިބްތިހާލްގެ އިސްކޮޅު ބެލިއިރު ވެސް އާންމުކޮށް ހުންނަންޖެހޭ މިންވަރަށް ވުރެ އޭނާ ކުރު ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އިބްތިހާލާ މެދު އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްތިހާލަށް ލިބިފައި ހުުރި އަނިޔާތައް ފާހަގަ ކުރައްވަމުން އައްބާސާ ވިދާޅުވީ އިބްތިހާލްގެ މޭމަތިން ކަށިގަނޑެއް ބިންދައިގެން ގޮސްފައި ހުރި ކަމަށާއި އަދި ބަނޑަށް ލޭ އެޅި ކުރިމަތި ފަރާތާއި ބަނޑަށް ގިނަ އަދަދަކަށް ލޭ ޖަމާވެފައި ހުރި ކަމަށެވެ. އާންމުކޮށް އެފަދަ ކަމެއް ދިމާވާނީ ބޮޑު އަނިޔާއެއް ލިބުމުން ކަމަށާއި އިބްތިހާލްގެ ކުރިމަތިފަރާތް ދުޅަވެފައި ހުރީ ވެސް އެހެންވެ ކަމަށް ބެލެވޭ ކަމަށް އައްބާސާ ވިދާޅުވި އެވެ.

މީގެ އިތުރުން އިބްތިހާލްގެ އަނގައިގެ ތެރޭގައި ވެސް ގެއްލުންތަކެއް ހުރި ކަމަށާއި އަނިޔާއެއް ނުލިބެނީސް އެފަދަ ގެއްލުންތައް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ކަރުގައި ހިފާފައި ހުރިކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިބްތިހާލް ބެއްލެވި އެހެން ދެ ޑޮކްޓަރަކު ވެސް ކުރިން ކޯޓުގައި ބުނެފައިވަނީ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ހުރި ކަމަށާއި އޭނާ މަރުވި ކަމަށް ބެލެވެނީ ކަރުގައި ހިފުމާއި ބަނޑަށް ލޭ އެޅުމުން ކަމަށް ބެލެވޭ ކަމަށެވެ.

އައްބާސާގެ ވާހަކަތަކާ ގުޅިގެން ސުވާލުކުރަން ފުރުސަތު ދިނުމުން، ޖަލު ހެދުމުގައި ފުރަގަހަށް ބިޑި އަޅުވާފައި ހުރި އާފިޔާ ބުނީ ކުރާނެ ސުވާލެއް ނެތް ކަމަށެވެ.

އެ މައްސަލާގައި އިތުރު ދެ ހެއްކަކު މިއަދު ހާޒިރުކުރަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެކަން ނުވީ ކަމަށް މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވިދާޅުވި އެވެ. އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އިބްތިހާލްގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުގެ ފަސް މުވައްޒަފަކަށް ވަނީ ދައުވާކޮށްފަ އެވެ.