Roadha Mihaaru
ކުޑަކުއްޖާ މަރާލި މައްސަލާގެ ޝަރީއަތް ސިއްރުކޮށްފި

ކުޑަކުއްޖާ މަރައިލި މައްސަލާގެ ޝަރީއަތް ސިއްރުކޮށްފި

26 އޯގަސްޓް 2021

ހުޅުމާލޭގައި މަރައިލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިބްރާހިމް ޒިހާންގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި މަރައިލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިބްރާހިމް ޒިހާންގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

މިދިޔަ ޖޫން މަހު ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު، މަރާލައިފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ނ. ލަންދޫ ބަގީޗާގޭ، ޒިހާންގެ މައްޗަށް 13 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ޖިންސީ ނިޔަތެއް އޮޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ފަސް ދައުވާ އަކާއި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ ތިން ދައުވާ އަކާއި މަސްތުވާއެއްޗެއް ދީގެން ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ކުޑަކުއްޖަކަށް ޖިިންސީ ގޯނާ ކުރުމަށްޓަކައި ގްރޫމް ކުރުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ.

އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، އެ މައްސަލަތަކުގެ ބާވަތުން އެ ޝަރީއަތް ކުރިއަށް ގެންދާނީ ސިއްރު ކޮށްގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ގާނޫނުއަސާސީ ބުނާގޮތުން އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ޝަރީއަތް ސިއްރު ކުރެވިދާނެ އެވެ. އެހެންވެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކުގެ ޝަރީއަތް އަބަދުވެސް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ޒިހާންގެ މައްޗަށް ކުރާ އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ މައްސަލައިގައި ޒިހާންގެ އިތުރުން އިތުރު ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާ ކުރެ އެވެ. އެ ކުއްޖާގެ މައްޗަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

ކުޑަކުއްޖާ މަރައިލުމަށް ފަހު ފޮށްޓަކަށް ލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްއާ ދިމާލު މޫދުންނެވެ. އެ ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވެެސް ހަދާފައިވެ އެވެ.