Roadha Mihaaru
ދަރިފުޅު މެރި މަންމަގެ ކިބައިން މަރަށްމަރު ބޭނުމެއްނުވި

ދަރިފުޅު މެރި މަންމަ މަރަން އަދި މަރުގެ ދިޔަ ވެސް ބޭނުމެއް ނުވި

01 ޖޫން 2022

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކުއްޖާގެ މަންމަގެ މައްޗަށް ކުށް ސާބިތުވިޔަސް އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކުއްޖާގެ މަންމަގެ މައްޗަށް ކުށް ސާބިތުވިޔަސް އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސުން ބުނެފި އެވެ.

ފުނަދޫ، ދިނަށަ އާއިމިނަތު ޝާހިދު، އޭނާގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ ފެބްރުއަރީ، 2016 ގަ އެވެ. ކުއްޖާ ނިދާފައި އޮއްވައި އެ ކުއްޖާ މަރާލިކަމުގެ ތުހުމަތު އޭނާގެ މައްޗަށްކޮށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހަ އަހަރު ވަންދެން ސިއްރުކޮށްގެން ކުރިއަށް ގެންގޮސް، ކްރިމިނަލް ކޯޓުން ވަނީ ދަރިފުޅު މަރާލިކަން ޝާހިދާގެ މައްޗަށް ޝާބިތުވާ ކަމަށް މިދިޔަ މަހުގެ 22 ގައި ނިންމައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ވާރިސުންގެ ބަސް ހޯދުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، ކުއްޖާގެ ހުރި ހަމައެކަނި ވާރިސް ބުނެފައި ވަނީ މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުންނުވާ ކަމަށެވެ.

ކުއްޖާގެ ހަމައެކަނި ވާރިސަކީ ކާކުކަމެއް ކޯޓަކުން ނުބުނެ އެވެ.

އެއަށްފަހު ކޯޓުގައި ދައުލަތުންނާއި ދިފާއުން ވަނީ އަދަބާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ.

މައްސަލަގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ހޯމަ ދުވަހަށެވެ.