Roadha Mihaaru
އެންމެން ބުނި އެތި ކެންސަލް: ކާއްޓޭ މިހާރު އުދުހެނީ

އެންމެން ބުނި އެތި ކެންސަލް: ކާއްޓޭ މިހާރު އުދުހެނީ

03 އޮކްޓޯބަރ 2024

އެކަމަކު އަދި މަޑުކޮށްބަލާށެވެ؛ މި އިންޓަވިއު އަހަރެމެން ފަށާނީ މި ކޮމީޑިއަންގެ ނަމުގައި އަޅުގަނޑަށް އެރި އޮޅުން ފިލުވައިގެންނެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

އެކަމަކު އަދި މަޑުކޮށްބަލާށެވެ؛ މި އިންޓަވިއު އަހަރެމެން ފަށާނީ މި ކޮމީޑިއަންގެ ނަމުގައި އަޅުގަނޑަށް އެރި އޮޅުން ފިލުވައިގެންނެވެ.

ކާއްޓޭ އަކީ ކާޝިފެއް ނޫނެވެ. އަމުދަކުން 'ވާންޗޯ' އަކަށް އޭނާގެ ނަން ނުވާނެކަން ދެން މަށަށް ވެސް އެނގެ އެވެ. ނަމަވެސް 'މަތީނު' އާ އަރައި ހަމަވުމުން އޭނާ އަރުވަމުން ގެންދިޔަ މަޖާގަނޑުގެ ތެރޭގައި ހަމަ ރަނގަޅަށް ވެސް އަސްލު އޮޅިއްޖެ އެވެ.

"ކާއްޓޭގެ އަސްލު ނަމަކީ މަތީނުތަ؟،" މި ސުވާލާ އެކު އޭނާ އެންމެފަހުން ކޮށި އަރައިގަތެވެ.

"ނޫނެކޭ. ވަރަށް ގިނަ މީހުންނަށް ހީވަނީ އަޅުގަނޑަށް ކިޔަނީ މަތީނުހެން. މަގުމަތިން ފެނިގެން ވެސް ވަރަށް ގިނަ މީހުން ގޮވާނެ މަތީނުއޭ ކިޔާފައި. އަނެއް ބަޔަކު ގޮވާނެ ވާންޗޯއޭ ވެސް. ކާއްޓޭ އަކީ ވެސް އާންމުކޮށް އެގޮތަށް ގޮވައި އުޅޭ ނަމެއް."

އެހެންވީމާ އެ ހުރިހާ ނަމަކާ އެކު މުޅި ރާއްޖެ ހެއްވަމުން، ބަނޑުގައި ގޮށްލައްވަމުން ގެންދާ މި ކޮމީޑިއަންގެ ފުރިހަމަ ނަމަކީ ކޮބައި ހެއްޔެވެ؟

"މައި ނޭމް އިޒް ނާޒިރު ޝިހާމް،" އެކަމަކު މިފަހަރު ވެސް ހީވީ ސޯޝަލް މީޑިއާގައި އޭނާ ހިންގާ 'ވާންޗޯ އެންޓަޓެއިންމަންޓް' ގެ އެޕިސޯޑަކުން 'މަތީނު' ނުކުމެގެން އައިސް 'އަޅި ބުރުވަން' ފެށި ހެންނެވެ.

އެހެންވެ މި ހިސާބުން އޭނާގެ ވާހަކަ ކިޔައިދެމުން ދާނީ 'ކާއްޓޭ' ގެ ގޮތުގަ އެވެ.

"ކާއްޓޭ އަކީ ކ. ކާށިދޫ އަށް ނިސްބަތްވާ މީހަކަށް ވީމަ އަޅުގަނޑަށް ލިބުނު ނަމެއް. ކާށިދޫ އަށް ނިސްބަތްވާ މީހުން އެއް ތަނަކަށް ވަޒީފާއަކަށް ގޮސްފިއްޔާމު ކޮންމެވެސް އެކަކަށް ކިޔަން ފަށާނެ ކާއްޓޭއޭ. އެގޮތަށް އަޅުގަނޑަށް ކާއްޓޭ ކިޔަން ފެށުނީ،" ރަށުގައި އެކުގައި ކިޔެވި ރައްޓެހިންނާ އެކު ގޮސް މާފުށީ ޖަލުގައި ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރަން ފަށައިގެން ލިބުނު ވަނަމުގެ އަސްލު އޭނާ ކިޔައިދިނީ މިހެންނެވެ.

"ސްކޫލްގައި އެކުގައި އުޅުނު އެންމެންގެ މެދުގައި އޮތް އެކުވެރިކަން ނުގެއްލި އެކުގައި ދެން ވެސް އުޅެވޭނެ ތަނަކަށް ވަޒީފާ އަށް ދާން އެންމެން ވެސް ބޭނުންވީ. ރަށުން ކިޔަވައިގެން އެންމެން އެކައްޗެއް ކިޔައިގެން ދެން ދިޔައީ މާފުށީ ޖަލަށް."

ކާއްޓޭގެ ކޮންމެ ވާހަކައެއް ވެސް ވަނީ މިކަހަލަ ފޮނިތޮށިކާފޫރުތޮޅި ލައިގެން މީރުކޮށް މަޖާކޮށްފަ އެވެ. އަދި އޭނާ ކިތަންމެ ސީރިއަސް ވާހަކައެއް ކިޔައިދިނަސް އެ ވާހަކައެއް ނުކުމެގެން އެ އަންނަނީ ސީދާ 'މަތީނު' ގެ އަނގައިންނެވެ. ނަމަވެސް މިއަދު މި ފެންނަ ހަގީގަތަކީ ކާއްޓޭ އަށް ހަގީގަތުގައި ވެސް ހުވަފެނެކެވެ. އަސްލު މީހާ އާއި އާންމު ދިރިއުޅުން އޮތްތާނގައި ބާއްވާފައި ސްކްރީނުން ފެންނަ ކޮމެޑީ ކެރެކްޓާއެއްގެ ގޮތުގައި މުޅި ރާއްޖެ އަށް މަޝްހޫރުވެ މި ވަރުގެ މަގްބޫލުކަމެއް ލިބުމަކީ ހަގީގަތުގައި ވެސް އޭނާ އަށް ހުވަފެނީ އިހުސާސެކެވެ.

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހިތަކަށް ވެސް ނާރާ މިހާރު މި އާދެވިފައި ހުރި ހިސާބަކަށް އާދެވިދާނެކަމަކަށް،" ކާއްޓޭ ބުނެލި އެވެ.

'ކޮމީޑިއަން ކާއްޓޭ' ގެ ގޮތުގައި އޭނާ އަށް ލިބުނު މަގްބޫލުކަމާ އެކު ކުރީގެ ރަސްމީ ވަޒީފާ ދޫކޮށްލާފައި މިއަދު އޭނާގެ ފުލްޓައިމް ހުސްކޮށްފައި ވަނީ 'ވާންޗޯ އެންޓަޓެއިންމަންޓް' ހިންގުމުގެ މަސައްކަތަށެވެ. އިސްޓޭޖު ޝޯތަކާއި ހިތާނީ ޝޯތަކުން ފަށައިގެން ގޮސް ސޯޝަލް މީޑިއާގައި ކޮމެޑީ ސްކެޗް ގެނެސްދޭ މަގްބޫލު ބްރޭންޑަކަށް އޭނާ ބަދަލުވެފައިވާއިރު އޭނާ އަކީ ބޮޑު އިސްކިރީނުގައި ވެސް އާންމުންގެ އެ ލޯތްބާއި ތަރުހީބު ތަކުރާރުކޮށްފައިވާ ހުނަރުވެރިއެކެވެ.

އެހެންވީމަ، 'ވާންޗޯ' ނުވަތަ މި 'ކާއްޓޭ' އަކީ ހަމައެކަނި 'ފިލްޓަރެއް' ގެ 'ނާޖާއިޒު ފައިދާ' ނަގައިގެން މަޝްހޫރުވި ތަރިއެކޭ ބުނެވޭކަށް ނެތެވެ. އެކަމަކު މީގެ ހައެއްކަ އަހަރު ކުރިން ސްނެޕް ޗެޓުގެ 'ބިގް މައުތު' ފިލްޓަރާ އެކު ރާއްޖެ ހެއްވަން ފެށި ޒުވާނާއާ ދިމާލަށް އޭރު ވަރަށް ގިނަ މީހުން ބުނަމުން ގެންދިޔައީ 'ފިލްޓަރާ އެކު ކަލޭ ވެސް ފިލްޓާ' ވެގެން ދާނީ ކަމަށެވެ.

"މީހުން ކިޔަން ފެށީ ފިލްޓާ އިނީމައޭ އޭނަ އެހާ މަޖަލީ. އެކަން އެހާ މަޖާކޮށް އެ ކުރެވެނީ ވެސް. މާދަން ވެސް އެ ފިލްޓާ ދިޔައީމަ އޭނަ ވެސް ދިޔައީއޭ. ހަމަ އެއްވެސް މީހެއް ނޫނޭ ފިލްޓަރާ ނުލައި އޭނަ އަކީ،" އެއްވެސް ފިލްޓަރެއް ނެތި ކާއްޓޭ ކިޔައިދިނެވެ.

އެއަށް ފަހު ބުނެލީ މިހެންނެވެ.

ކުޑައިރު ވެސް އަޅުގަނޑު ބޭނުންވީ މީހުން ހެއްވަން. އެކަމަކު އެންމެން ވެސް ބުނީ ފިލްޓަރާ ނުލައި އެކަން ނުކުރެވޭނެއޭ. ދެން ބޭނުންވީ ފިލްޓަރާ ނުލައި ވެސް މީހުން ހެއްވަން: ކާއްޓޭ
ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ރާއްޖޭގައި އުޅޭނެ ދޯ މީހަކު (ކުރި) އަރައިގެން ދާން ބޭނުންނުވާނެ މީހުން. ވަރަށް ބައިވަރު އުޅޭ. އެ ހިސާބުން އަޅުގަނޑު ބޭނުންވީ މިއީ ހަމައެކަނި ފިލްޓާގެ މޮޅުކަމެއް ނޫންކަން ސާބިތުކޮށްދޭން. މަތިން ދެއްވި ދުލާއި ސިކުނޑިއޭ މިކަމުގައި އެއްޗަކީ"

"އެހެންވީމަ ފިލްޓަ މަދުކޮށްފަ، މީހުންނަށް ދައްކާނަމޭ ފިލްޓާއާ ނުލައި އަދި އޭނަކަން މީހަކީ. ފިލްޓާ އަކީ މޫނުމަތީގައި ހުންނަ ހަމައެކަނި ސެލޯފިން ކޮޅެކޭ. ފިލްޓާ ނެގިޔަސް އޭގެ އަޑީގައި ހުރި މީހާ އެބަހުއްޓޭ. މީހަކާ ދިމާލަކަށް ނުބުނަން އެހެން. އެކަމަކު އަޅުގަނޑު އަމިއްލަ އަށް ވިސްނައި ނިންމީ އެގޮތަށް."

އެ ފިލްޓަރާ އެކު ކާއްޓޭ ވައިރަލްވެގެން ދިޔައީ 'ރާއްޖެ އަށް ސުޕާރީ އެތެރެކުރުން މަނާކުރަން އުޅޭ ޚަބަރު' ލިބިގެން އޭނާ ދިން ވަރަށް ހާއްސަ މަޖާ ކޮމެންޓްރީއަކާ ގުޅިގެންނެވެ. ނަމަވެސް އެ ވައިރަލް ޝަހުސިއްޔަތު އުފަންކުރުވި ފިލްޓަރު ދޫކޮށްލުމަށް ފަހު ކާއްޓޭ ނެގީ އޭނާގެ ހަޔާތުގައި ވެސް ނެގި އެންމެ ބޮޑު ރިސްކެވެ. ފިލްޓަރާ ނުލައި ވެސް މީހުން ހެއްވިދާނެ ކަމުގެ ޔަގީންކަން އޭނާ އަށް އަބަދުވެސް އޮތީމަ އެވެ. އަދި ފާޑުކިޔުންތެރިންގެ ހުރިހާ ފާޑެއް 'ކެންސަލް' ކޮށްލެވޭނެކަމުގެ ޔަގީންކަން ވެސް އޮތީމަ އެވެ.

"ކުޑައިރު ވެސް ވަރަށް ކަންތައްތަކާ ދިމާވެފައި ހުރި މީހެއް އަޅުގަނޑަކީ. ނުފޯރުމާއި ފަގީރުކަމާއި ހިތާމައިގެ ތެރޭގައި މާ ބޮޑު އުފާވެރިކަމެއް ނެތި އުޅެ ބޮޑުވި މީހެއް އަޅުގަނޑަކީ. އެކަމަކު އެންމެ ކުޑައިރުވެސް، އަޅުގަނޑު ބޭނުންވެފައި ހުރީ މީހުން ހެއްވާލަން،" ކާއްޓޭ މިފަހަރު ކިޔައިދިނީ ނާޒިރު ޝިހާމުގެ ހިތުގެ ފުންމިނުންނެވެ.

ސްނެޕް ފިލްޓަރާ އެކު މުޅި ރާއްޖޭގައި ވައިރަލްވުމުގެ ކުރިން ވެސް ކާއްޓޭ އަށް އޭނާގެ އެކުވެރިންނާއި ހަފުލާތަކަށް އެއްވި މީހުންނާއި ހިތާނީ ޕާޓީތަކަށް ދިޔަ މީހުންގެ ސަމާލުކަން ލިބިއްޖެ އެވެ. އަދި އެކްޓަރެއްގެ ގޮތުގައި ބޮޑު ސްކްރީނާ ހަމަ އަށް ދިއުމުގެ ފުރުސަތު ވެސް ލިބިއްޖެ އެވެ.

"އޭރަކު އަޅުގަނޑަކަށް ނޭނގޭ އެކްޓިންގެ އޭ ވެސް. ޑައިލޮގްގެ ޑީ ވެސް. ދެން ފިލްމީ ދާއިރާގެ ވަރަށް ބޮޑު ސްޓާރަކު އައިސް އަޅުގަނޑު އަތަށް ޑައިލޮގް ދީފައި ބުނެފި ކިޔާބަލާށޭ. އަދި ބުނެފި ކަލެއަކަށް ނުކިޔޭނޭ ޑައިލޮގެއް،" ކާއްޓޭ ކިޔައިދިނެވެ.

"އޭނަ ބުނީ އަޅުގަނޑު ޑައިލޮގް ތި ކިޔަނީ އަންހެނަކު ޑައިލޮގްކިޔާހެންނޭ. އެކަމަކު އެންމެފަހުން ފިލްޓަރުގައި މުޅި ރާއްޖެ އަށް މަޝްހޫރުވިއިރު ވެސް ހުރީ އަންހެން އަޑެއްނުން؟"

"ދެން ޓިކްޓޮކްތަކާ އެއްޗެހި ކުޅެން ފެށީމަ ބުނީ ކަލޭމެން ތިއީ ޓިކްޓޮކް ސްޓާރުންނެއް ނޫން ހެއްޔޭ. އޮލިމްޕަސް ސިނަމާ އަކީ ކަލޭމެންގެ ފެންވަރެއް ނޫނޯ."

ކާއްޓޭ ބުނީ އޭނާ އާއި އޭނާގެ ކޮމެޑީ ސްކެޗްތަކުން އާންމުކޮށް ފެންނަ އަނެއް ކޮމީޑިއަން މަޓޭއާ އެކު 'ވަނާޖުބޭސާ' ނަމަކަށް ކިޔާ ފިލްމެއް ކުޅެން ހިތްވަރު ލިބުނީ އެ ފާޑުކިޔުންތަކާ ހެދި ކަމަށެވެ.

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޮންމެއަކަސް ކާއްޓޭގެ ވާހަކަ މިހިސާބަށް އައި މަޑުކޮށްލާއިރު އޭނާއާ ދިމާލަށް 'ކުރިން ކީހާ އެއްޗެއްސެއް' މިއަދު އެ ވަނީ ކެންސަލްވެފަ އެވެ. އޭނާގެ ކޮމެޑީ ވީޑިއޯތައް ހަތުރުންގެ ހިތަށް ފިނިކަމެއް ހޯދައިދޭއިރު ބަލި އެނދުގައި އޮންނަ މީހާގެ މޫނު މައްޗަށް ގެނެސްދޭ ހިނިތުންވުމުގެ ސިއްރަކަށް ވެސް ވެފައި ވަނީ ކާށިދޫ އަށް ނިސްބަތްވާ މި ޒުވާނާ މަޝްހޫރުކޮށްފައިވާ ކޮމެޑީ ސްކެޗްތަކެވެ. އަދި އެންމެ އަނގަމަތީ ޒުވާބާއި ފްރޭޒަކީ ވެސް އޭނާގެ މި ކޮމެޑީ ސްކެޗުތަކުން އުފެދިފައިވާ ހަގީގަތެވެ.

ކާއްޓޭ ބުނީ މިއަދު އޭނާ އެންމެ އުފާވަނީ އޭނާގެ ކޮމެޑީން އެހެން މީހުންނަށް އުފާވެރިކަން ގެނެސްދެވޭތީ ކަމަށެވެ.

"މިހާރުގެ މި މަސައްކަތުގައި އުފާވާ ކަހަލަ ކަންތަކާ ވެސް ދިމާވޭ. މިސާލަކަށް ހޮސްޕިޓަލެއްގައި އޮންނަ ވަރަށް ބަލި މީހަކު ވެސް ނުވަތަ ބަލިކޮށް ހިތާމަތަކެއްގެ ތެރޭގައި އުޅޭ މީހުން ވެސް ގުޅާފާނެ، ސޯޝަލް މީޑިއާ އިން މެސެޖުކޮށްފާނެ އަދި ތަނަކުން ފެނުނީމަ ވެސް ބުނެފާނެ އެމީހުންނަށް މި ކޮމެޑީ ގެނެސްދޭ އުފާވެރިކަމުގެ ވާހަކަ،" އެއީ ވަރަށް ހާއްސަ އިހުސާސްތަކެއް ކުރެވޭ ތަޖުރިބާތަކެއް ކަމަށް ބުނެ ކާއްޓޭ ކިޔައިދިނެވެ.

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެއްފަހަރަކު އެގޮތަށް ދިމާވި އަންހެނަކު އަޅުގަނޑު ކައިރީގައި ބުނީ އެނގޭ ހެއްޔޯ ތިމަންނަގެ ފިރިމީހާ އަކީ ކަލޭގެ ވަރަށް ބޮޑު ފޭންއެކޭ. ފިރިމީހާ ކޮބައި ހެއްޔޭ ސުވާލުކޮށްލީމަ ބުނީ އެއްފަޅިން ވާގިނެތިފައޭ އޮތީ. އެކްސިޑެންޓަކަށް ފަހު ކޯމާއެއްގައޭ"

"އޭނަގެ މޫނުމަތިން ހިނިތުންވުމެއް ކިރިޔާ ފެންނަނީ ވެސް ކާއްޓޭގެ ވީޑިއޯތައް ބަލައިގެންނޭ. އެހެންވީމަ ކާއްޓޭ ނުފެނިގެން އުޅެނިކޮށޭ މި ބައްދަލުވީ"

ކާއްޓޭ ބުނީ އޭނާގެ ކޮމެޑީގެ ސަބަބުން އެހެން މީހުންނަށް އުފާވެރިކަން ލިބުމަކީ މިއަދު އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

"އެގޮތަށް ބަލި މީހުންނަށް އެހާ ބޮޑަށް އަޅުގަނޑުގެ ކޮމެޑީ ކަމުދިޔައީމަ އޭރު ވިސްނިން ހޮސްޕިޓަލަކަށް ގޮސް ކޮމެޑީ ސްޓޭންޑް އަޕްއެއް ޖައްސަން ވެސް. ހޮސްޕިޓަލެއްގެ ވޯޑެއްގައި،" މިހާރު ވެސް ފުރުސަތެއް ލިބިއްޖެ ނަމަ އެކަން ކުރަން ތައްޔާރަށް ހުރި ކަމަށް ކާއްޓޭ ބުންޏެވެ.

ކުރުކޮށް ބުނަނީ ނަމަ ކާއްޓޭ ހަމަ އުދުހެނީ އެވެ. އޭނާގެ ކޮމެޑީގައި އެންމެން ގޮށްޖެހެނީ އެވެ. ހީހީ ހަލާކުވަނީ އެވެ. އަދި އެންމެން ކުރިން ބުނި އެތި ކެންސަލްވީ އެވެ.