Roadha Mihaaru
ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް

ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް

22 އޮކްޓޯބަރ 2024

ހިއުމަން ރިސޯސަސް (އެޗްއާރު) އަކީ މަސައްކަތުގެ ދުނިޔޭގައި އޮތް އެންމެ ފޫހި އެއް ދާއިރާއޭ ހީވެދާނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު އައު ގޮތަކަށް ތަރުތީބުވަމުންދާ ހަލަބޮލި ހަލުވި މި މާހައުލަކީ މަރިޔަމް އައްޒަގެ އެންމެ ފިނި މައިޒާނެވެ. ޝަކުވާތައް ކަންފަތަށް ލައިގެން، މައްސަލައަކަށް ފަހު މައްސަލައަކަށް ހާޒިރުވަމުން، ހައްލު ހޯދަމުން ކޮންމެ ދުވަހަކުވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާން ޖެހޭ މި ދާއިރާގެ ގޮންޖެހުމަކީ މީގެ 10 އަހަރު ކުރިން އައްޒަ ބެލި ހުވަފެނުގައި ހުރި ކަންކަމެއް ނޫނެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

ހިއުމަން ރިސޯސަސް (އެޗްއާރު) އަކީ މަސައްކަތުގެ ދުނިޔޭގައި އޮތް އެންމެ ފޫހި އެއް ދާއިރާއޭ ހީވެދާނެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު އައު ގޮތަކަށް ތަރުތީބުވަމުންދާ ހަލަބޮލި ހަލުވި މި މާހައުލަކީ މަރިޔަމް އައްޒަގެ އެންމެ ފިނި މައިޒާނެވެ. ޝަކުވާތައް ކަންފަތަށް ލައިގެން، މައްސަލައަކަށް ފަހު މައްސަލައަކަށް ހާޒިރުވަމުން، ހައްލު ހޯދަމުން ކޮންމެ ދުވަހަކުވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށް ދާން ޖެހޭ މި ދާއިރާގެ ގޮންޖެހުމަކީ މީގެ 10 އަހަރު ކުރިން އައްޒަ ބެލި ހުވަފެނުގައި ހުރި ކަންކަމެއް ނޫނެވެ.

މިއީ އަބަދުވެސް އޭނާ ކުރަން އެންމެ ބޭނުންވި ކަމެވެ. އޭނާ ބެލި އެންމެ ބޮޑު ހުވަފެނެވެ. އުމުރުން 30 އަހަރުގައި މިއަދު އޭނާ އަކީ ވެމްކޯގެ އެޗްއާރުގެ ޖެނެރަލް މެނޭޖަރެވެ.

ގއ. ކޮލަމާފުއްޓަށް އުފަން މި ޒުވާނާ އަކީ ރާއްޖޭގައި ކުނީގެ މައްސަލަ ހަރުދަނާ ނިޒާމެއްގެ ދަށުން ހައްލުކުރުމަށް 2016 ގައި އުފެއްދި ވެމްކޯއާ އެންމެ "ތިމާގެ" އެއް މެމްބަރެވެ. އެޗްއާރު މެނޭޖަރެއްގެ ގޮތުގައި އޭނާ ވެމްކޯއާ ގުޅުނު އިރު އުމުރުން 23 އަހަރެވެ. ދާއިރާ އިން މާސްޓާސްއާ ހަމައަށް ކިޔަވައިގެން ހުއްޓަސް އޭނާގެ ގާބިލުކަމާ މެދު އެންމެ ފުރަތަމަ ވެސް ސުވާލު އުފެއްދީ އޭރުގެ އުމުރަށް ބަލައިފަ އެވެ.

ނަމަވެސް ވެމްކޯއާ ގުޅުނު ފުރަތަމަ ދުވަހުން ފަށައިގެން ވެސް އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެކެވެ. ސާބިތުކޮށްދިނީ އުމުރުގައިވީ އަދަދަކުން އޭނާގެ މަސައްކަތަށް ވަޒަން ނުކުރެވޭނެ ކަމެވެ.

އައްޒަ އޭނާގެ ބައެއް މުވައްޒަފުންނާ އެކު އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޭނާގެ ބައެއް މުވައްޒަފުންނާ އެކު އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ ގޮސް ޖައްސާލައިގެން އިނީ އޭނާގެ ކުޑަކުޑަ އޮފީސް ކެބިންގަ އެވެ. އަބަދުވެސް ކޮންމެވެސް ކަމަކާ ގަޔާވެގެން، މާ ބިޒީވެގެންނެވެ. މުވައްޒަފުން ގޮވައިގެން ދަސްކޮށްދިނުމުގަ އާއި އަމިއްލަ އަށް ދަސްކުރުމުގަ އެވެ. އައްޒަ އަކީ "ވާހަކަ" ވެސް ގިނަ އަނގަ ވެސް ގަދަ އެކުވެރި ސަކަ މިޒާޖެއްގެ މީހެކެވެ. މިއީ "ހުސް ވާހަކަތަކެއް" ވެސް ނޫނެވެ. އޭނާގެ ކޮންމެ ދުވަހެއްގެ ކާމިޔާބީގެ ރެސިޕީ އެވެ.

"މީހުން ހަޔަކޮށް، ތަމްރީނުކުރުން އަޅުގަނޑުގެ ޒިންމާ އަކީ. އެ މީހުން ގޮވައިގެން އުޅުން، އެ މީހުން މޯޓިވޭޓް ކުރުން. އެ މީހުންގެ ޕްރޮޑަކްޓިވިޓީ ކުންފުނީގެ ފައިދާއަށް އިތުރުކުރާނެ ގޮތްތައް ހޯދުން. މީހަކު ވަޒީފާ އަށް ވަންނަ ހިސާބުން ފެށިގެން އެ މީހާ އެ ވަޒީފާ އިން ނުކުމެގެން ދިއުމާ ހަމަ އަށް އޭނާ ބަލައި، އޭނާ އަށް އަޅާލައި، އޭނާ ތަރައްގީކޮށް ކުރިއެރުވުން އަޅުގަނޑުމެންގެ މަސައްކަތަކީ،" އައްޒަ ކިޔައިދިނެވެ.

"މި ނަތީޖާ ނެރެވޭނީ އެންމެ ފުރަތަމަ ވެސް އެހެން މީހުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަނެގެން. އަޅުގަނޑު އަބަދުވެސް އެންމެ ކުރާހިތްވި ކަމަކީ އެއީ. މީހުންގެ އިހުސާސްތައް އަޑުއަހައި، އެ މީހުން ގޮވައިގެން އުޅުން."

އޯލެވެލްގެ ކިޔެވުމަށް ފަހު އުމުރުން 17 އަހަރުގައި އޭނާ ވަޒީފާގެ މާހައުލަށް ނުކުތީ ވެސް މީހުންނާ އެކުގައި، ޓީމެއްގައި މަސައްކަތްކުރަން ބޭނުންވެފައި ހުރި ވަރުން ކަމަށް އައްޒަ ބުންޏެވެ.

"އޭރު ވެސް އަޅުގަނޑު ނިންމައިފިން ކުރިއަށް ދާނީ މެނޭޖުމަންޓްގެ ދާއިރާ އިން ކަމަށް. ދެން އޭލެވެލްގައި ކިޔަވަން ދެ ދުވަހެއް ވަރު ގޮސްފައި ހުއްޓާލީމަ މަންމަ ބުނެފި އަވަހަށް ކޯހެއްގައި ބައިވެރިވާށޭ އޭލެވެލްގައި ކިޔަވަން ބޭނުން ނުވާ ނަމަ. ދެން ކިޔަވަން ފެށީ މި ދާއިރާއިން،" އައްޒަ ބުންޏެވެ.

ކިޔަވަމުން އޭނާ ދިޔައީ އެކި ތަންތަނުގައި ވަޒީފާ އަދާކުރަމުން، ކިޔަވަމުން ދިޔަ ދާއިރާއިން ތަފާތު އެކި ތަޖުރިބާތައް އޭނާގެ ފިޔައިގެ ދަށަށް އެއްކުރަމުންނެވެ. އެއަށް ފަހު، ވެމްކޯއާ ގުޅުމުގެ ކުރިން އެޗްއާރަށް ހާއްސަވެ އޭނާ ރަސްމީކޮށް އެންމެ ފުރަތަމަ މަސައްކަތްކުރީ އެންވަޔަރަންމަންޓް މިނިސްޓްރީގަ އެވެ. ވެމްކޯއާ އެކު އޭނާގެ ދަތުރު ފެށީ އޭގެ ތިން އަހަރު ފަހުންނެވެ.

އޭރު ވެމްކޯ އުފައްދައިގެން އޮޕަރޭޝަންސްތައް ފެށުމަށް ތައްޔާރުވަނީ އެވެ.

އައްޒަ އޭނާގެ މުވައްޒަފުންނާ އެކު އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޭނާގެ މުވައްޒަފުންނާ އެކު އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޭނާގެ މުވައްޒަފުންނާ އެކު އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޭނާގެ މުވައްޒަފުންނާ އެކު އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެކަމަކު 23 އަހަރުގައި ވެމްކޯގެ އެޗްއާރު މެނޭޖަރުކަމާ ގޮސް ހަވާލުވީމަ އަޅުގަނޑުގެ ގާބިލުކަމާ މެދު ސުވާލު އުފެއްދި ބަޔަކު ތިބި. މީހުންގެ ރެސްޕެކްޓް ހޯދުންވީ ވަރަށް ބޮޑު ޗެލެންޖަކަށް. އަނެއްކޮޅުން ފިރިހެނުން ގިނަ އޮފީސް މާހައުލެއްގައި އަންހެނަކު އިސްކޮށް އުޅެން ފެށުމުން ވެސް ސުވާލު އުފެއްދި،" އައްޒަ ބުންޏެވެ.

"ޕާސަނަލް ލެވެލްގައި އެޓޭކްކޮށް ފާޑުކީ މީހުންނާ ވެސް ދިމާވި. ނަމަވެސް ވެމްކޯގެ މުޅި މި ތަޖުރިބާ އަޅުގަނޑު ނެގީ އަޅުގަނޑުގެ އަމިއްލަ ނަފުސާއި ހުނަރު ވެސް އެހެން ލެވެލްއަކަށް ތަރައްގީ ކުރުމަށް. އެހެންކަމުން ވެމްކޯ އުފެދި ފުރިހަމަ ވެގެން ދިޔަ ދަތުރަކީ އަޅުގަނޑު ވެސް އިތުރަށް ތަރައްގީވާން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް."

އައްޒަ ބުނި ގޮތުގައި، އޭނާގެ މި ދަތުރުގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް ގޮސް ގުޅިފައި އޮތީ އޭނާއާ އެކުގައި މަސައްކަތްކުރާ ޓީމާ އެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެޗީވްމަންޓަކީ އަޅުގަނޑުގެ ޓީމު އަދި އެމީހުން ނެރޭ ނަތީޖާ. އެކަމަކު އެ ނަތީޖާ ނެރުމަށް އަޅުގަނޑު މަސައްކަތްކުރާއިރު އަބަދުވެސް އިސްކުރާ ވަކި އުސޫލުތަކެއް ހުރޭ،" އައްޒަ ކިޔައިދިނެވެ.

"އެގޮތުން؛ މީހުން ހިފަހައްޓައިގެން، ގަދަކަމުން، ނުވަތަ ކުރަން ބޭނުން ނުވާ މަސައްކަތް ވެސް ދީގެން އުޅުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. މަސައްކަތުގެ ވޯކް ފްލެކްސިބިލިޓީ ދިނުމާއި އެމްޕަތީ އަކީ އަނެއް ސިފަ. އަދި މުވައްޒަފުން ގޮވައިގެން އުޅޭއިރު އެ މީހުންނާ އަޅުގަނޑު ހަވާލެއް ނުކުރާނަން އަޅުގަނޑު ނުކުރާނެ ހަމަ އެއްވެސް ކަމެއް. އަޅުގަނޑު އަމިއްލަ އަށް ވެސް އެންމެ އާދައިގެ މަސައްކަތް ވެސް އެ މީހުންނާ ގުޅިގެން ކުރަމޭ. އެ މީހުންނާ އެކު އެ މީހުންގެ ސްޓޭޝަންތަކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް."

އައްޒަ ބުނީ އޭނާގެ މަސައްކަތުގެ މާހައުލުގައި ތަންފީޒުކުރާ އިލްމާއި ހިލްމު އޭނާ އަށް އެންމެ ބޮޑަށް ދަސްވީ އަމިއްލަ މައިންބަފައިންގެ ފަރާތުން ކަމަށެވެ.

އައްޒަ އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އައްޒަ އޮފީހުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެމްޕަތީ އަކީ އެޗްއާރުގައި މަސައްކަތްކުރާ މީހަކަށް އެންމެ މުހިންމު އެއް ސިފަ. އަޅުގަނޑަށް އިހުސާސްވޭ، އަދި އެނގޭ އެއްވެސް މީހަކު ޖަޖުނުކޮށް އޭނާގެ އިހުސާސްތައް އަޑުއަހައި އޭނާ ބޭނުންވާ ކަންކަމަށް ހައްލު ހޯދައިދޭން. މަސައްކަތުގައި ތިބޭ މީހުންގެ އިހުސާސްތައް ނޭނގި، އެ މީހުންގެ ހާލު ނުބަލައި އެއްވެސް ނަތީޖާއެއް ނުނެރެވޭނެ،" އައްޒަ ބުންޏެވެ.

"މި ދާއިރާއިން ކުރިއަށް ދާއިރު އަޅުގަނޑަށް އެންމެ މުހިންމު ފިލާވަޅެއް ނަގައިދިނީ މައިންބަފައިން. އެއީ އެހެން މީހުންނަށް އިހުތިރާމް ކުރުމާއި ކަމޭހިތުމާއި އެހެން މީހުންގެ އުދާސްތަކަށް އަބަދުވެސް ކަންފަތެއް ދިނުމުގެ މުހިންމުކަން."

އައްޒަ ދެން ފާހަގަކުރީ އޭނާގެ ދާއިރާއާ މެދުގައި މީހުން ދެކޭ ގޮތް ބަދަލުކުރުމުގެ މުހިންމު ވާހަކަ އެވެ. މި ދާއިރާ އިން ކިޔަވައިގެން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް ދާއިރާގެ މުސްތަގުބަލުގައިވީ ފުރުސަތާއި ގާބިލުކަމުގެ ވާހަކަ އެވެ.

"އެޗްއާރުއާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރަން އަޅުގަނޑު މިހާރު ބޭނުންވަނީ. އެޗްއާރު އަކީ ފޫހި ދާއިރާއެއް ނޫންކަން ސާބިތުކޮށްދޭން ބޭނުންވަނީ މި ދާއިރާ އަށް ޝައުގުވެރިވާ ކުދިންނަށް. އަދި ރާއްޖޭގެ އެމްޕްލޯއިމަންޓް އެކްޓަށް ޒިންމާދާރު ޕޮޒިޓިވް ބަދަލުތަކެއް އަންނަތަން ބަލަން ބޭނުންވަނީ މިހާރު،" އައްޒަ ބުނެލި އެވެ.

"އަޅުގަނޑު މިތަނަށް އައިއިރު ވެސް ވަރަށް ގިނަ މީހުން އެޗްއާރަކަށް އިތުބާރެއް ނުކުރޭ. އެކަމަކު މިއަދު އެ މަންޒަރު އެއްކޮށް ބަދަލުވެއްޖެ. އަދި ވެމްކޯގެ މުވައްޒަފުންނާ މެދު މުޅި ރާއްޖެ ދެކޭ ގޮތް ވެސް އެންމެފަހުން ބަދަލުވެއްޖެ."