23 އޮކްޓޯބަރ 2024
މީގެ ކުރިން ދުވަހަކު ވެސް ބޭސިސްޓެއްގެ އިންޓަވިއުއެއް ނުނަގަމެވެ. އަބަދުވެސް އަހަރެމެން ލިޔުނީ ފްރޮންޓްމަނުންގެ ވާހަކަ އެވެ. އެ ލައިވް ޝޯގައި ނުވަތަ އެންމެ ހިމަނާރުތަކާ ކުޅެލި ލަވައިގެ ބޭސް ކުޅުނީ ކާކުތޯ ބަލަން ޝައުގުވެރިއެއް ނުވެސް ވަމެވެ. އެކަމަކު މިއީ އެ ޝައުގުވެރިކަން އުފައްދައިދިން އާޓިސްޓާ އެންމެފަހުން ގޮސް ބައްދަލުވި އިންޓަވިއު އެވެ.
މީގެ ކުރިން ދުވަހަކު ވެސް ބޭސިސްޓެއްގެ އިންޓަވިއުއެއް ނުނަގަމެވެ. އަބަދުވެސް އަހަރެމެން ލިޔުނީ ފްރޮންޓްމަނުންގެ ވާހަކަ އެވެ. އެ ލައިވް ޝޯގައި ނުވަތަ އެންމެ ހިމަނާރުތަކާ ކުޅެލި ލަވައިގެ ބޭސް ކުޅުނީ ކާކުތޯ ބަލަން ޝައުގުވެރިއެއް ނުވެސް ވަމެވެ. އެކަމަކު މިއީ އެ ޝައުގުވެރިކަން އުފައްދައިދިން އާޓިސްޓާ އެންމެފަހުން ގޮސް ބައްދަލުވި އިންޓަވިއު އެވެ.
'ފަސީލައިވް' ބޭންޑްގެ ބޭސިސްޓްގެ ގޮތުގައި ދިވެހި މިއުޒިކްގެ އުދަރެހަށް އަރައިގެން ދިޔަ އަބްދުﷲ އަރަފާތު ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ، އައްޑޮ އަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ބޭސިސްޓް ކަމާ މެދަކު އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ.
އެހެންވީމަ އައްޑޮއާ ބައްދަލުވުމުން އަހަރެން ހިތަށް އެރީ މިހެންނެވެ. މިއުޒިކްގެ ތޫނު ކަންފަތެއް ނެތް މީހަކު މި އިންޓަވިއު ފަށަން ޖެހޭނީ 'ބޭހުގެ އަލިފު ބާ' އިންނެވެ.
އައްޑޮ އިނީ އޭނާގެ 'އެން9' ސްޓޫޑިއޯގެ ރަންއަލީގަ އެވެ. ހިނިގަނޑަކާ އެކު އޭނާ ދެން ފަށައިގަތީ 24 އަހަރުވީ ދިގު ކެރިއަރުގައި ވެސް އޭނާ ނުކުރާ ކަމަކުންނެވެ. މިއުޒިކާ ބީރައްޓެހި އަހަރެންގެ ސިކުނޑި އަށް އޭނާ "ބޭސްކޮށް ދިނީ" މިހެންނެވެ.
"މިއުޒިކަލީ ބުނަންޏާމު ޑްރަމްސް އަކީ ފައުންޑޭޝަން. އެ ފައުންޑޭޝަންއާ ބޭންޑްގެ އެހެން ހުރިހާ މެމްބަރުންނާ [ލީޑް ގިޓަރިސްޓާއި ވޯކަލިސްޓާ] ގުޅުވައިދޭ ބްރިޖަކީ ބޭސް ގިޓާ. އެހެންވީމަ ބޭސް އެތަނުން ނަގައިފިއްޔާމު ވާނެ ގޮތަކީ އެންމެ ފުރަތަމަ ކަމަކަށް އެ ލަވައެއް ވަރަށް "ހިމަވާނެ" އަޑުއިވޭއިރު،" ކައިރީގައި ހުރި ކޮފީތައްޓަށް އޭނާގެ ހަމަ އެއްވެސް ޝައުގުވެރިކަމެއް މިހާރަކު ނެތެވެ.
ސަބަބަކީ މި 'ބޭހުގައި' އޭނާ އަށް ހިތި އެއްވެސް ރަހައެއް ނުދޭތީ އެވެ.
"ބައެއް މީހުން ބުނޭ ބޭސް ގިޓާ އަކީ މުޅި ލަވައިގެ ބޮޑީއޭ ވެސް. މިސާލަކަށް އިންސާނެއްގެ ހިތަކީ ޑްރަމް ސެޓް ނަމަ އެ ހިތުން މުޅި ގަޔަށް ލޭ ފޮނުވައި އެ ދެނީ ބޭސް ގިޓާ،" އައްޑޮ ކިޔައިދިނެވެ.
"އެއީ އަހަރެންނަށް ގަބޫލުކުރެވޭ ގޮތުގައި ބޭސްގެ ރޯލަކީ. އެކަމަކު އާންމުކޮށް ލަވަ އަޑުއަހާ މީހުންނަށް ވެސް ނޭނގޭނެ ބޭސް ވަކިކުރާކަށް އެ އިވޭ ހުރިހާ އަޑުތަކެއްގެ ތެރެއިން. ނަމަވެސް އެންމެނަށް ވެސް ބޭސް ފީލްވާނެ."
އެއީ ކިހިނެތް ހެއްޔެވެ؟
އައްޑޮ އޭނާގެ މިއުޒިކީ ތަޖުރިބާތައް 'މިހާރު ލައިޓް' އަށް ކިޔައި ދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މިސާލަކަށް ލަވައެއް އަޑުއިވުނީމަ، ބޭއިހުތިޔާރުގައި ވެސް އެ ބީޓަކާ އެއް ވަރަކަށް ފައި ތަޅުވާލާ، ބޯތަޅުވާލެވެއެއް ނުން. އެހެން އެ ވަނީ ބޭސްގެ ސަބަބުންނޭ އަސްލު."
އޯކޭ އެވެ. ބޭސްގެ އަލިފުބާ ނިމުނީ އެވެ. މި ބޭސިސްޓްގެ ވާހަކަ ސުމަކުން ފަށަމާ ހިނގާށެވެ. އެންމެ ކުޑައިރު، މިއުޒިކް އަދި ނުވެސް އެނގެނީސް ވެސް އޭނާގެ ސިކުނޑި ގޮސް ހުޅުވުނީ މި ބޭހަކަށެވެ.
"މިހާރު ވެސް ކިތަންމެ ދުރުން ލަވައެއްގެ އަޑު އިވުނަސް އެންމެ ބާރަށް އަހަރެންގެ ކަންފަތަށް އިވޭނީ އޭގެ ބޭސްގެ އަޑު. ބޭސް ގިޓާ. އެކަމަކު އޭރަކު ނޭނގޭ މި އިވެނީ، ފާހަގަކުރެވެނީ ބޭސް ގިޓާގެ އަޑު ކަމެއް،" އައްޑޮ ކިޔައިދިނެވެ.
"ބޭސްގިޓާ ދަސްވީމަ އެނގުނީ އެ އިވޭ އަޑަކީ ބޭސްކަން."
އޭނާ އުޅެ ބޮޑުވީ މާލޭގެ އާދައިގެ އާއިލާއެއްގަ އެވެ. ކުޅޭ އެއްޗެހިތަކުގެ ދުނިޔެ އަކަށް ގެއްލި އޮތްއިރު އޭނާގެ އެ މާހައުލުން އިވެމުން ދިޔައީ ބޮލީވުޑްގެ ކްލެސިކް ލަވަތަކާއި މައިކަލް ޖެކްސަނާއި ބެކްސްޓްރީޓް ބޯއިޒްގެ އަޑެވެ.
އޭނާގެ ގޭގައި ލަވަޖަހަނީކީ ނޫނެވެ. މަޖީދީ މަގުގައި ގެ ހުރި ހިސާބަކީ ލަވަ ރޯލު ފިހާރަތަކުގެ ބޮޑު ބާޒާރެކެވެ. އެއީ 90ގެ ރަންޒަމާނެވެ. ރޯލުވިއްކާ ހުރިހާ ފިހާރަތަކެއްގެ ބޭރަށް ހުންނާނީ ސްޕީކަރު ސެޓުތައް ނެރެ ވޮލިއުމް އެންމެ މައްޗަށް ނަގައި ދުވަސް ފެށިގެން ނިމެންދެން ލަވަތައް ޖަހައި ރަށު ތެރެ ގުގުމާލައިފަ އެވެ.
"ހިސާބުގަނޑުން އިވޭހާ ލަވަތަކެއް ހުންނާނީ ބޮލަށް ރިކޯޑް ކުރެވިފައި. ލިރިކްސްތައް ހިތު ދަސްވެފައި،" އައްޑޮ ކިޔައިދިނެވެ.
"އޭރުން ފެށިގެން އަބަދުވެސް މިއުޒިޝަނުންގެ ސްޓައިލާއި އެ މީހުންގެ ކަންކަމަށް ވަރަށް ބޮޑަށް ހިތްޖެހިފައި ހުރީ. އެހެންވީމަ ވަކި ވައްތަރެއްގެ މިއުޒިކެއް ކަމު ގޮސްގެނެއް ނޫޅެން އެއްވެސް އިރަކު. ރީތިއްޔާ ރީތީ ހަމަ ކޮންމެ ކަހަލަ މިއުޒިކެއް ވެސް. ހިންދީ ވިޔަސް ތަމަޅަވިޔަސް."
އެކަމަކު އެ ހުރިހާ މިއުޒިކަކުން ވެސް އޭނާގެ ހިތް ދަމައިގެން ގޮސް ގެއްލުވާލީ ބޭސްގެ ދުނިޔެއަކަށެވެ. މިއުޒިކްގެ ދުނިޔެ އަށް ވަދެ އަލަށް ވެސް އޭނާ ނެގި އާލާތަކީ ބޭސް ގިޓާއެވެ.
އައްޑޮ ސްޓޫޑިއޯ ސެޝަންއެއްގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އެހެން އުޅެނިކޮށް ބޭބެ އަހަންނަށް ތައާރަފްކޮށްދެނީ އަޔަން މެއިޑެން އާއި މެޓާލިކާ. މާސްޓާ އޮފް ޕަޕެޓްސް އާއި ޕީސް އޮފް މައިން އެ ދެ އަލްބަމް،" އައްޑޮ ބުންޏެވެ.
ދެބެއިން ވެސް އޭރު ކިޔަވަމުން ދިޔައީ މަޖީދިއްޔާގަ އެވެ.
"އޭރު އެ މީހުން ބޭންޑެއް ހަދައިގެން ޕްރެކްޓިސް ކުރާނީ ސްކޫލްގައި. ދެން މެޓާލިކާ އާއި އަޔަން މެއިޑެންވީ އޭރު ދުވަހަކު ވެސް އަޑުނީވޭ ކަހަލަ މިއުޒިކްތަކަކަށް. އޭރަކު އަދި މިއުޒިކެއް ނުކުޅެން. ގިޓައެއް ނެތް،" އައްޑޮ ކިޔައިދެމުންދިޔަ އެވެ.
"ދުވަހަކުވެސް ބޭސް ގިޓައެއް ލޮލަކަށް ނުދެކެން. ހިޔާލަކަށް ވެސް ނުގެނެވޭ އެއީ ކިހާ ބޮޑު ގިޓައެއް ކަމަކަށް. އަލަށް ގޮސް އެ ގިޓާ އަތަށް ނެގި ދުވަހު ހިތަށް އެރީ ހާދަ ބޮޑޭ މީތި."
އޭރު އައްޑޮ އަށް ވާނީ 14 އަހަރެވެ. ގޭގައި އޮވެ ފޫހިވެފައި ވަނިކޮށް އޭނާ އަށް މިއުޒިކްގެ އެ ދުނިޔެ ހުޅުވައިދިނީ އައްޑޮ ބުނާ ގޮތުން ނަމަ އޭނާގެ ބޭބެ އެވެ. ބޭބެ އޭނާ އަށް ދިނީ އެ މީހުން އޭރު އެކުލަވާލައިގެން އުޅުނު ބޭންޑުގައި ބޭސިސްޓަކަށް ވުމުގެ ފުރުސަތެވެ.
"ބޭބެ ބުނީ އެ މީހުންނަށް މަދުވަނީ ބޭސް ގިޓަރިސްޓެކޯ. ދެން ގެންގޮސްފި ބޭންޑަށް. މަށަށް ވުރެ އޭޖުން ބޮޑެތި މީހުންތައް ހުސް އެތަނުގައި ތިބީ. ދެން އެ މީހުން ބުނެފި މެޓަލިކާގެ ނަތިން އެލްސް މެޓާސްއޭ ޝޯގައި ކުޅޭނީ،" މިހެން ކިޔާފައި އައްޑޮ ލައިގެން ޖޭމިން ސެޝަނެއް އެ މީހުން ފަށައިގަތެވެ.
"އެ ފުރަތަމަ ޕްރެކްޓިހަކީ، އަލަށް ބޭސް ގިޓާއެއް ނެގި ދުވަސް. އެކަމަކު އެ މީހުން ގާތަކު ނުބުނަން އެ ވާހަކަ. ދެން މަށަކަށް ނޭނގުނު އެކައްޗެއް ވެސް އެ ދުވަހު،" ވީގޮތް އައްޑޮ ކިޔައިދިނެވެ.
"އެކަމަކު އޭރު ވެސް މީހަކު ކުޅޭތަން މިހެން ބަލަން އިނދެފައި ހަމަ ވަގުތުން އެ ސީކުއެންސް ބޮލަށް ނަގައިގަނެ ކުޅެލަން އެނގޭ. ނޯޓުން ނޯޓަށް. ކުޅެވެނީ ކޮން ނޯޓެއްކަން ނޭނގުނަސް. އެކަމަކު ކޮޕީ ކޮށްލަން އެނގޭނެ ވަގުތުން. ފެންނަ އެއްޗިއްސާއި އިވޭ އަޑުތައް"
"އެންމެ ކުޑައިރު ވެސް އަހަންނަށް ވަރަށް ފަސޭހަ ކަންފަތަށް އިވޭ އަޑުތައް ނަގައިގަނެ އިމިޓޭޓްކުރަން."
އައްޑޮގެ މި ދަތުރުގައި އޭނާ ދަސްކުރީ ރާއްޖޭގެ މިއުޒިކީ ދާއިރާގެ އެންމެ މުހިންމު އާޓިސްޓުންނާ އެކު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ޖޭމަށް ފަހު 'ނަތިން އެލްސް މެޓާސް' ނަގައި ދަސްކުރަން އެ މީހުން އޭނާ އަށް ދިނީ އެންމެ ދުވަހެކެވެ. އޭރު އެ ބޭސް ގިޓާ ކުޅެން ބޭންޑުން ފުރުސަތު ހޯދަން އައިސް ފޫކޮޅުގައި ވިއްދާލާފައި ހުރި އެހެން ގިޓަރިސްޓަކު އައްޑޮ އަށް ފެނެ އެވެ. އެހެންވީމަ އޭނާ އަށް އެއް ދުވަސް ތެރޭގައި އެ ލަވަ ނަގައިނުގަނެވިއްޖެ ނަމަ ވާނެ ގޮތް އައްޑޮ އަށް އެނގެ އެވެ.
"ދެން ގެއަށް ގޮސް ބޭބެގެ އެކޯސްޓިކް ހިފައިގެން، މެޓަލިކާގެ ލައިވް ޝޯއެއް ޓީވީން ބަލައިގެން ނަތިން އެލްސް މެޓާ ކުޅެން ދަސްކުރީ،" އައްޑޮ ކިޔައިދިނެވެ.
"ޖެހިގެން އައި ދުވަހު ބޭންޑުން އޭނާ އަށް ފުރުސަތު ލިބިއްޖެ އެވެ. އަދި ބޭސް ގިޓާ އޭނާގެ ރަސްމީ މިއުޒިކް އާލާތުގެ ގޮތުގައި ސެޓުވެ ނިމިއްޖެ އެވެ.
"އެ ހިސާބުން ފެށިގެން އަދި އަދަށް ވެސް އެހެން މިއުޒިކް އިންސްޓްރުމަންޓެއް މިގޮތަކަށް ނުކުޅެން. އަހަންނަށް ހަމަ ޔަގީންވީ ބޭސް އަކީކަން މަގޭ އެއްޗަކީ،" އައްޑޮ ބުނެލިއެވެ.
އެކަމަކު މިއީ، ހުސް ކުޑައިރުގެ ހަނދާންތަކެވެ. ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ރޮކް ބޭންޑް "ފަސީލައިވް" އިން އޭނާ އަށް ފުރުސަތު ލިބުނު ގޮތާއި އެ ބޭންޑާ ނުލައި އޭނާ މިހާރު ތަޖުރިބާ ކުރަމުން އަންނަ ދަތުރަކީ އައްޑޮގެ ޕްރޯ ކެރިއަރުން ކޮންމެހެން ވެސް ކިޔަން ޖެހޭ ވާހަކަތަކެވެ.
ސްކޫލް ލައިފުގައި މިއުޒިކަށް ވަދެވި، އެ އަށް ހިތްޖެހުނުވަރު ބޮޑުކަމުން ކިޔެވުން އޭނާ އެހާ ސީރިއަސްކޮށެއް ނުނަގަ އެވެ.
"ސްކޫލުން ފާސްނުވީމަ އަހަރެން އަބަދުވެސް ބުނި ވާހަކަ އަކީ އަހަރެން މަސައްކަތް ކުރާނަމޭ އަމިއްލަ ދިރިއުޅުމުގައި މީހެއްގެ އެހީ އަށް ނޭދި ކުރިއަށް ދާން. މަންމަ ބައްޕަ ކައިރީގައި ދުވަހަކު ވެސް ލާރިއަކަށް ނާހާނަމޭ. އޭރުން ފެށިގެން އަދިއަދަށް ވެސް ނާހަން،" އައްޑޮ ކިޔައިދިނެވެ.
"މަންމަ ބައްޕަ ކީއްކުރަން ފެމިލީގެ އެހެން މެމްބަރެއްގެ އަތުން ވެސް ނީންނާނެ ގިޓައެއްގެ ނަރެއްހާ މިންވަރު ގަންނަން ވެސް ލާރިއެއް ހޯދާފައި. އަދިއަދަށް ވެސް،" ފަހުރުވެރިކަމާ އެކުގައި އައްޑޮ ބުނެލި އެވެ.
ޒީރޯ ޑިގްރީ ބޭންޑްގެ ފައުންޑާ އަދި ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް މިއުޒިޝަން ކަމުގައިވާ ފްލޫނާޝިދުގެ ފޮޓޯގަނޑެއް ކައިރީގައި އައްޑޮ މަޑުކޮށްލައިގެން: އައްޑޮ މިހާރު ހިންގާ އެން9 ސްޓޫޑިއޯ ހިންގަނީ ފްލޯނާޝިދުގެ ކުރީގެ ސްޓޫޑިއޯގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އެ ދަތުރު އޭނާ ފުރަތަމަ ފެށީ ފޮޓޯކޮޕީ ނަގައިދޭ ތަނަކުންނެވެ. ހެނދުނު އަށަކުން ރޭގަނޑު 11 އަށް އެ ތަނުގައި މަސައްކަތްކޮށްގެން އޭނާ އަށް ލިބުނީ މަހަކު 500 ރުފިޔާ އެވެ. އެކަމަކު ވެސް އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެ ވަޒީފާގެ ހަވާސާގައި ކޮންމެ ދުވަހަކުވެސް އޭނާގެ ޑްރީމް ބޭންޑަކާ ބައްދަލުވެ، އެ ބޭންޑްގެ ލެޖެންޑަރީ ފްރޮންޓްމޭންއާ އަނގަތަޅާލުމުގެ ފުރުސަތު އޭނާ އަށް ލިބުނީތީ އެވެ.
"އޭރު ފޮޓޯކޮޕީނަގައިދޭ ތާނގައި ހުރެފައި އަހަރެން ދާނީ އެ ހިސާބުގައި ހުންނަ ރައްޓެއްސެއްގެ ގެއަށް. ދެން އެ ގެއިން މަށަށް މި ފެންނަނީ އިލްސައިޓާއި އެ ބޭންޑްގެ ފައުންޑާ އަދި ލީޑް ގިޓަރިސްޓް ތާތަ،" އައްޑޮގެ އުނދަގޫ ބްރޭކުގައި ލިބުނު ހިތްހަމަޖެހުން އޭނާ ކިޔައިދިނީ މިހެންނެވެ.
"މާލޭގައި ލައިވްކޮށް ކުޅެނިކޮށް އަހަންނަށް އަލަށް ވެސް ފެނުނު ފުރަތަމަ ބޭންޑަކީ އިލްސައިޓް. އެ ހިސާބުން ފެށިގެން އަހަންނަކީ އެ މީހުންގެ ވަރަށް ބޮޑު ފޭނެއް އަބަދުވެސް."
އެންމެ ފަހުން އޭރު އިލްސައިޓުގައި އޮތް ލައިންއަޕް ރޫޅި އާ ލައިންއަޕަކާ އެކު ތާތަ ބޭންޑު އަލުން އެކުލަވައިލިއިރު އައްޑޮ ވީ އެންމެ މުހިންމު އެކަކަށެވެ.
"އެ ހިސާބުން އަސްލު އަހަރެން އުފެދުނީ ބޭސިސްޓެއްގެ ގޮތުގައި. އިލްސައިޓަކީ އަހަރެންގެ ފުރަތަމަ ބޭންޑް. ތާތަ އެ ކޮށްދިން ކަމަށް އަހަންނަކަށް ހީނުވޭ ދުވަހަކު ވެސް އެކަމަށް ފުދޭ ވަރަށް ޝުކުރު އަދާކުރެވޭނެހެނެއް،" އައްޑޮ ބުންޏެވެ.
އޭނާ ބުނީ އެ ބޭންޑާއެކު، އެންމެ މުހިންމު ކަމެއް ދިނީ ތާތަގެ އޮރިޖިނަލް ލަވަތައް ރިކޯޑްކޮށް އާންމުންނާ ހަމައަށް ގެންގޮސްދިނުމަށް ކަމަށެވެ.
"އޭރު އަހަރެމެން ގޮސް ތަރަބެ ސްޓޫޑިއޯ އަށް ވަދެ ހަތަރު ލަވަވަރު އަޅާލެވޭނީ. މާލޭގެ ގިނަ މީހުންނަށް އިލްސައިޓް އެނގޭނީ އަހަރެމެންގެ ލައިންއަޕްގައި. އެއީ އަހަރެމެންގެ ލައިނަޕުންވިއްޔަ ބޭންޑްގެ ލަވަތައް އާންމުންނާ ހަމަ އަށް ނުކުތީ. ބޭންޑް އެސްޓަބްލިޝްކުރީ އަހަރެމެން."
އައްޑޮ އެން9 ސްޓޫޑިއޯގައި ފޮޓޯއަކަށް ހުއްޓިލައިގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނަމަވެސް އެންމެ ފަހުން 'އިލްސައިޓް' ގެ ވަގުތު ޖެހި އައްޑޮގެ މިއުޒިކީ ހަޔާތުގެ މިސްރާބު ބަދަލުވީ އެވެ. އެ ހިސާބުގަނޑުގައި އޭނާގެ ގާތްއެކުވެރިޔާ އަދި ގިޓަރިސްޓް އަޔާއާ އެކުގައި އުފެއްދި "ވަލުއިލްމު" ބޭންޑް ވެސް ފާހަގަކޮށްލެވެ އެވެ. އެ އަށް ފަހު ޖެހުނު ބަޔަކާ އެކު ކުޅެމުން ދަނިކޮށް އެއް ދުވަހަކު އޭނާ އަށް ގުޅަނީ 'ފަސީލައިވް' ގެ ފައުންޑާ އަދި ލީޑް ގިޓަރިސްޓް، އެފަދަ ދެ ވަނައެއް ނެތް ލެޖެންޑް އަހުމަދު ފަސީހެވެ.
"ބުނާނެ އެއްޗެއް ވެސް ނޭނގުނު ފުރަތަމަ. އޭގެ ހަފުތާއެއްހާ ކުރިން ވިއްޔަ ފަސީލައިވުން އަލަށް މާލޭގައި ކުޅުނު ޝޯއެއް އަހަރެން ބެލީ. އަހަރެން ހަނދާންވޭ އެ ރޭ ޝޯ ބަލަން ހުރެފައި، ޖެހިގެން ހުރި މީހާ ކައިރީގައި އަހަރެން ބުނިން އިރާދަކުރެއްވިއްޔާ ދެން މަށޭ ހުންނާނީ އެ ސްޓޭޖުގައި. އައި ވޯޒް ޑްރީމިން،" އައްޑޮ ކިޔައިދިނެވެ.
އޭގެ ހަފުތާއެއްހާ ދުވަސް ފަހުން އޭނާގެ އެ ހުވަފެން ހަގީގަތަކަށްވި އެވެ. އެ އޮޑިޝަނުން ފާސްވެ، ފަސީލައިވާ އެކު ފުރައިގެން އޭނާ ދިޔައިރު އުމުރުން 20 އަހަރެވެ. ބޭންޑާއެކު ހޭދަކުރި ތިން އަހަރު މެލޭޝިއާ އާއި ސިންގަޕޫރާއި ޔޫކޭގައި އެކި ފެންވަރުގެ ޝޯތައް ކުޅެ މުބާރާތްތަކުގައި ބައިވެރިވެ އައްޑޮގެ މިއުޒިކީ ހަޔާތް މުޅިން އެހެން ލެވެލްއަކަށް ޖެހިލި އެވެ.
"އަހަރެން އެ އޮޑިޝަނަށް ދިޔައީކީ އެއްވެސް ކަމެއް ހާސިލުވާނެ ކަމަކަށް ބަލައިގެން، ވިސްނައިގެނެއް ނޫން. އެ ތަނަށް ގޮސް ވެސް އަހަރެން ބުނީ ފަސީމެންނާ އެކު އެންމެ ޖޭމެއް ޖައްސާލަން ލިބުނަސް އަހަންނަށް ފުދެއޭ. އަހަރެންގެ ޑްރީމެއް ހާސިލުވީއޭ. މިވަރުން ވެސް ޝުކުރުކުރަމޭ. އިތުރު ކަންކަމެއް ބޭނުމެއް ވެސް ނުވެއޭ. ހޮވުނަސް ނުހޮވުނަސް މަށަށް ހެވޭ،" ކެރިއަރު ބަދަލުކޮށްލި އޮޑިޝަނުގައި އައްޑޮ ބުނީ މިހެންނެވެ.
ނަމަވެސް ފަސީލައިވާ އޭނާ ގުޅުން ވެގެންދިޔައީ ހަމައެކަނި އޭނާ އަށް ލިބުނު ކުރިއެރުމެއް ނޫނެވެ. ފަސީލައިވްގެ އިތުރުން ދިވެހި މިއުޒިކް ސީނަށް އެފަދަ ދެ ވަނައެއް ނެތް ބޭސިސްޓަކު ތައާރަފްކޮށްދިން ބޮޑު ބަދަލަކަށް ވެސް މެ އެވެ.
އައްޑޮ ރިކޯޑިން ސެޝަންއަކަށް ތައްޔާރުވުމުގެ ތެރޭގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އައްޑޮ އޭނާގެ މި ކެރިއަރު ފެށީ އައިޑޮލުންގެ ގޮތުގައި އޭނާ އަބަދުވެސް ބެލި މިއުޒިޝަނުންނާއި ބޭންޑްތަކުންނެވެ. އަބަދުވެސް ކުރިއަށް ދިޔައީ ލެޖެންޑުންގެ ފިޔަވަޅުމަތިންނެވެ. އެކަމަކު އައްޑޮ ބޭނުންވީ އަބަދުވެސް އޭނާގެ ސްޓައިލްގައި ކުރިއަށް ދާށެވެ.
"އަހަންނަށް ހަމަ އެންމެ މުހިންމީ އަހަރެމެން ކުޅޭ މިއުޒިކް. ޔޫ ހޭވް ޓު ބީ ޓްރޫ ޓް ޔުއާސެލްފް ދޯ،" ފަސީލައިވާ އެކު ހޭދަކުރި ކާމިޔާބު ދުވަސްތައް ނިމުމަކަށް އައި ހަނދާނުން އޭނާ ކިޔައިދިނީ މިވަރަށެވެ.
"ފަސީލައިވް ދޫކޮށްލުމަކީ މަށަށް ނެގުނު އެންމެ ރަނގަޅު އެއް ޑިޒިޝަން ކެރިއަރުގައި. ނޯ ރިގްރެޓްސް. އެ ނިންމުމާ ހެދިހެން ހީވަނީ އަނެއްކާވެސް އަހަންނަށް އަހަރެންގެ އަމިއްލަ ސްޓައިލާއި ގޮތްތައް ހޯދުނީ."
އައްޑޮ އަށް އަބަދުވެސް އޭނާގެ އަމާޒުތައް ވަރަށް ވެސް ސާފެވެ. ބޭސް ގިޓަރިސްޓެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. އާދައިގެ ލަވަތައް ރިކޯޑްކޮށް، މިކްސިން އާއި މާސްޓަރިން ހެދުމަކީ އޭނާގެ ހިތުގައި އޮތް އަނެއް ޝައުގުވެރިކަމެވެ. އޭނާ އިށީނދެލައިގެން އެ އިން 'އެން9' ސްޓޫޑިއޯ އުފެދުނީ ވެސް މި ސަބަބަށެވެ.
ބޭސް އާއި ބޭސިސްޓް މުހިންމުވާ ގޮތް ކިޔައިދެމުން ގޮސް އޭނާ ބުނި ވާހަކައިގެ ދެކޮޅު ގޮސް ގުޅޭ ހިސާބަކީ މިއެވެ. އައްޑޮ އަކީ އެންމެ މުހިންމު ބްރިޖެވެ. ލަވަކުޅޭ މީހާ އާއި ލަވަ އަޑުއަހަން ތިބޭ މީހުން ގުޅުވައިދޭ ހަވާސް އެވެ.
"އަބަދުވެސް ފެށުނީއްސުރެން ވެސް ކުރަން ބޭނުންވި ކަމެއް ރިކޯޑިން އެންޑް މިކްސިން އަކީ. މިހާރުގެ ގޯލަކީ ވީހާ ވެސް ގިނަ ޒުވާން އާޓިސްޓުންނަށް އެ މީހުންގެ އޮރިޖިނަލް ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ހޯދައިދިނުން. އެ މެޓީރިއަލްސް ރިކޯޑްކޮށްގެން ނެރެވޭނެ މަގުފަހިކޮށްދޭން މިހާރު ބޭނުންވަނީ."
އައްޑޮގެ ވާހަކަ މުޅިން އައު ފެށުމަކުން މި ފެށުނީ އެވެ.
އުފާވެރި ފޮޓޯގަނޑެއް، އެކަމަކު ހާލު ކިހިނެއް؟
ހަމްދާ ޕޯޑިއަމްގައި ކިޔައި ނުދިން ހުރިހާ ވާހަކައެއް
ވެމްކޯގައި އައްޒަ ސާފުކޮށްދިނީ މުޅިން އެހެން މަންޒަރެއް
މި ބާޒާރުގައި "ހަމަ" އެއް ކަމެއް ވެސް ނެތް
ސަޅި ކަމެއް، ސަޅި ތަނެއް އަދި މާ ސަޅި ލޯތްބެއް
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
މި ދެބެއިން ބެލި ހުވަފެނުގައި ޖެއްސި ކުލަތައް
ޖިމަށް ވަދެ ދިރިއުޅުން ބަދަލުކޮށްލައިފި
އެންމެން ބުނި އެތި ކެންސަލް: ކާއްޓޭ މިހާރު އުދުހެނީ
ޑޮކްޓަރު ދޮންތުއްތުގެ ވާހަކަ އަޑު އެހިންތަ؟