Roadha Mihaaru
މި ފަހަރު ވެސް މެޑްރިޑް ސަލާމަތްކޮށްދިނީ ރޮނާލްޑޯ

މި ފަހަރު ވެސް މެޑްރިޑް ސަލާމަތްކޮށްދިނީ ރޮނާލްޑޯ

19 އެޕްރީލް 2018

މެޑްރިޑް (އޭޕްރިލް 19) – މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ 42 ވަނަ ގޯލް ޖަހައި ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްކޮށްދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (އޭޕްރިލް 19) – މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ 42 ވަނަ ގޯލް ޖަހައި ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްކޮށްދީފި އެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ހަފުތާގައި އިޓަލީގެ ޔުވެންޓަސް އަތުން ވެސް މެޑްރިޑް ސަލާމަތްވީ ފަހު ވަގުތު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލުންނެވެ.

ރޭގެ މެޗުގެ 14 ވަނަ މިނެޓުގައި އިނާކީ ވިލިއަމްސްގެ ގޯލުން ބިލްބާއޯ އިން ކުރި ހޯދާފައިވަނިކޮށް ރޮނާލްޑޯ ލަނޑު ޖަހައި މެޑްރިޑް ސަލާމަތްކޮށްދިނީ 87 ވަނަ މިނެޓުގަ އެވެ. ލޫކާ މޮޑްރިޗް ފޮނުވާލި ބޯޅައެއް ރޮނާލްޑޯ ގޯލަށް ވައްދާލީ ފުންނާބުން ޖަހަ އެވެ. މިއި އޭނާ 16 މެޗުން ޖެހި 26 ވަނަ ގޯލެވެ.

މި މެޗުން ބަލިވި ނަމަވެސް މެޑްރިޑް އޮތީ 68 ތިން ވަނައިގަ އެވެ. އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކީ ހަތަރު ވަނައިގައި އޮތް ވެލެންސިއާ ރޭ ގެޓަފޭ އަތުން 2-1 އިން ބަލިވުމެވެ. ވެލެންސިއާ އަށް 65 ޕޮއިންޓް ލިބިފައިވާއިރު ރޭ މޮޅުވި ނަމަ ޕޮއިންޓުގެ ގޮތުން މެޑްރިޑާ ހަމަކުރެވުނީހެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް، ތާވަލުގެ ތިން ވަނައިގައި 71 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑް ނުކުންނައިރު އެ ޓީމަށް މޮޅުވުން ވަރަށް މުހިއްމެވެ. މޮޅުވެއްޖެ ނަމަ އެއް ވަނައިގައި 83 ޕޮއިންޓާ އެކު އޮތް ބާސެލޯނާއާ ނުވަ ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. އަދި ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑުގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް އެތުލެޓިކޯ އަށް ނެގޭނެ އެވެ.