Roadha Mihaaru

ކުށް ސާބިތެއް ނުވި، ގާޒީގެ ސުވާލަކީ ބެހެންދެން ކުއްޖާ ހުރީ ކީއްވެހޭ؟

ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކާ މެދު އެހެން ފިރިހެނަކު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، މެޖިސްޓްރޭޓަކު ކުރި ހުކުމުގައި އެ ކުއްޖާގެ އަމަލުތަކާ މެދު އުފެއްދި ސުވާލުތަކެއްގެ މައްސަލަ ބޮޑުވެއްޖެ އެވެ.

ސާބިތެއްނުވި، ގާޒީގެ ސުވާލަކީ ބެހެންދެން ހުރީ ކީއްވެހޭ
ނާޒިމް ހަސަން
ނާޒިމް ހަސަން

21 އޮކްޓޯބަރ 2024

ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކާ މެދު އެހެން ފިރިހެނަކު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، މެޖިސްޓްރޭޓަކު ކުރި ހުކުމުގައި އެ ކުއްޖާގެ އަމަލުތަކާ މެދު އުފެއްދި ސުވާލުތަކެއްގެ މައްސަލަ ބޮޑުވެއްޖެ އެވެ.

މި މައްސަލައިގައި، ދައުވާ ލިބުނު މީހާ ވަނީ ކުއްޖާގެ ފޮޓޯތަކެއް ނަގަން، އޭނާ މަސައްކަތްކުރާ ތަނަށް އެތަން އާންމުކޮށް ހުޅުވާފައި ނުހުންނަ ވަގުތެއްގައި ކުއްޖާ ގެންގޮސްފަ އެވެ. އެ ކުއްޖާ ޝަރީއަތަށް ކިޔައިދިން ގޮތުގައި އެ މީހާ ވަނީ ކުއްޖާގެ ޖިންސު ތެރެއިން އަތްލައި .... ހިފައިފަ އެވެ. އަދި އެ ކުއްޖާ އެ މީހާއާ މެދު ވެސް އެގޮތަށް އަމަލު ކުރުމަށް ބުނި ކަމަށް ދައުވާގައިވެ އެވެ.

އެ ވަގުތު ވަރަށް ބިރުގަތް ކަމަށާއި އެ ތަނުން އަވަހަށް ނުކުމެގެން ދިޔައީ ކަމަށް ކުއްޖާ ބުނެފައިވެ އެވެ. މިކަން އޭނާ ވަނީ އެކުގައި ކިޔަވާ ބައެއް ކުދިންނަށް ވެސް ކިޔައިދީފަ އެވެ. ސްކޫލްގެ ކައުންސިލަރަށް ވެސް ކިޔައިދިނެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ އާއި ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ދައުވާ ދައުލަތުން އުފުލި އެވެ. މި ދައުވާތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، ދިފާއުގައި އެއްވެސް ހެއްކެއް ހުށައެއްނާޅަ އެވެ. އެކަމަކު ހުކުމްކުރީ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށެވެ.

ރަށު ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަށް ސްކޫލްގެ ކައުންސިލަރާއި ކުއްޖާގެ މަންމަ އާއި ފެމެލީ އެންޑް ޗިލްޑްރެންސް ސާވިސްގެ ކޭސް ވޯކަރާއި ސައިކޮލޮޖިސްޓް އަދި އެކުވެރިއެއް ހެކިބަސް ދީފައިވެ އެވެ. ކުއްޖާ ތަހުގީގަށް ކިޔައިދިން ހާދިސާއާ ބެހޭގޮތުން ހެކިބަސް ދެމުން މި އެންމެން ކިޔައިދިން ކަންކަމުގައި ފުށުއެރުންތަކެއް ހުރި ކަމަށް ހުކުމުގައިވެ އެވެ. އަދި ކުއްޖާ ތަހުގީގަށް ދިން ބަޔާނާއި ޝަރީއަތުގައި ހެކިބަސް ދެމުން ދެއްކި ވާހަކަތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެ އެވެ.

ހުކުމްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ތަހުގީގަށް ދިން ބަޔާނުގައި، ދައުވާ ލިބޭ މީހާ އެ ކުއްޖާގެ ކިބައިން އެދުނު ޖިންސީ ބައެއް ކަންކަމުގެ ވާހަކަ ޝަރީއަތުގައި ހެކިބަސް ދެމުން ބުނެފައެއް ނުވެ އެވެ. އަދި ޖިންސީ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި ކަމަށް ވެސް ކުއްޖާ ޝަރީއަތުގައި ނުބުނާ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، ކުއްޖާ ތަހުގީގަށް ދިން ބަޔާނާއި ސައިކޮލޮޖިސްޓްގެ ހެކި ބަހުގައި އެކަން ފާހަގަ ކޮށްފައިވެ އެވެ.

ޝަރީއަތަށް ހުށަހަޅާފައިވާ ބަޔާންތަކުގައިވާ ގޮތުން، އަނިޔާ ލިބުނު ކުއްޖާއަކީ މަންމައާ އެކުގައި ނޫނީ ބޭރަށް ގޮސް އުޅޭ ކުއްޖެއް ވެސް ނޫނެވެ. އެކަމަކު ހާދިސާ ހިނގި ރޭ އެކަނި ދިޔައީ ކަމަކާ ހިތްހަމަނުޖެހިފައި ހުރުމުން ކަމަށް ކުއްޖާ ބުނެފައިވެ އެވެ.

"ކުއްޖާ ހާދިސާ ކިޔައިދީފައިވާ ކިޔައިދިނުމުގައި ފުށުއެރުންތަކެއް ހުރިކަމާއި އެކި މީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުމުގައި ބޭރު ފުށުން ބޮޑެތި ތަފާތުތަކެއް ހުރި ކަމަށް އަހަރެންނަށް ބުރަވެވެ އެވެ." ހުކުމްގައި މެޖިސްޓްރޭޓް ލިޔުއްވާފައިވެ އެވެ.

އެހެންވެ ކުއްޖާގެ ބަހަކީ މި މައްސަލާގައި ވަރުގަދަ ހެއްކެއްގެ ގޮތުގައި ބެލެން ނެތްކަން ގާޒީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއީ ކުއްޖާގެ ވާހަކަތަކާއި ހެކިބަސްތަކުގައި ހުރީ ބޮޑެތި ފުށުއެރުންތަކެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހުކުމްގައިވެ އެވެ.

ކުއްޖާގެ އަހުލާގާއި އުޅުން ހުންނަ ގޮތް ބެލުމަށް އެސެސްމެންޓެއް ހަދާފައިވާއިރު، އޭގައި އޮތީ ކުއްޖާއަކީ އުޅުމާއި އަހްލާގުގައި މައްސަލަތަކެއް ހުރި ކުއްޖެއްކަން އެނގެން ނެތް ކަމަށެވެ. އެހެންވެ، ގާޒީ ދެން ބެއްލެވީ ތުހުމަތުވާ މީހާއާ ގުޅޭ ގޮތުން ކުއްޖާ އެ ވާހަކަތައް ދެއްކީ ނުނިޔަތެއް އޮވެގެންތޯ އެވެ.

ހުކުމްގައި ބުނީ ކުއްޖާ ނުބައި ނިޔަތެއްގައި ވަކި ކަމެއް ހާސިލް ކުރަން ދައުވާ ލިބޭ މީހާއޭ ކިޔައިގެން ވާހަކައެއް ދައްކަފާނެ ކަމަށް ތުހުމަތުވާ މީހާ ބުނެފައިނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާފާނެ ކަމަށް ގަބޫލު ކުރެވޭ ކަހަލަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ޝަރީއަތަށް ނުބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް، ކުއްޖާގެ ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތު ނުވުމަކީ ކުއްޖާގެ ވާހަކަ އާދަޔާ ހިލާފަށް ތެދު ކަމަށް ގަބޫލު ކުރެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމްގައި ބުންޏެވެ. އެކަން ސާބިތުކޮށްދޭން ގާޒީ ވަނީ ދިފާއުގައި ފާހަގަކޮށްފައިނުވާ ކަންތައްތަކާ ގުޅޭ ގޮތުން ކުއްޖާއާ މެދު ސުވާލުތަކެއް އުފައްދާފަ އެވެ.

ގާޒީ އުފެއްދެވި ސުވާލުތައް:

● ހިދުމަތް ހޯދަން ދިއުމުން ކުއްޖާގެ ޖީންސުގެ ތެރެއަށް އަތްލައިގެން ... ތުހުމަތު ކުރެވޭ މީހާގެ ޖިންސު ބޭލުމަށް ފަހު، .... .... ކުއްޖާ އެ ތަނުގައި މަޑުކުރީ ކީއްވެ ހެއްޔެވެ؟

● ކުއްޖާގެ ޖީންސުގެ ތެރެއަށް ތުހުމަތު ކުރެވޭ މީހާ އަތްލައިގެން ކުއްޖާގެ .... އަތްލައި ނުވަތަ ނުވަތަ ފިތާލެވުނީ ކުއްޖާ ލައިގެން ހުރި ޖީންސު ދޫކަމުން އެދޭތެރެއަށް އަތްވަދެވޭ ވަރުގެ ޖާގަ އޮތީމާ ހެއްޔެވެ؟

● ގަދަކަމުން ކުއްޖާ އޮބާބަހައްޓައިގެން ޖީންސުގެ ތެރެއަށް އަތްލައިގެން .... އަތްލީ ހެއްޔެވެ؟

މެޖިސްޓްރޭޓް ވިދާޅުވީ އެއީ ކުއްޖާގެ ބަހުން ސާފު ނުވާ ކަންކަން ކަމަށާއި އާންމު އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ވެސް ކުޑަކުއްޖަކު ނުރުހޭ އަމަލެއް ކޮށްފި ނަމަ ނުރުހުން ފާޅުކުރާނެ ކަމަށެވެ. އަދި ނުރުހުން ފާޅުކުރުމުގެ ގޮތުން ހަޅޭއްލަވައި އެތަނަކުން ދާނެ ކަމަށާއި ބަލަން ބޭނުން ނުވާ ތަނެއް ދައްކައިފި ނަމަ ނުވެސް ބަލާނެ ކަމަށެވެ.

"އާންމު ގޮތެއްގައި ކުދިން ޖީންސު ލާނީ އުނަގަނޑަށް ހެޔޮވަރު ނުވަތަ ހެޔޮވަރު ނޫން ނަމަ ބެލްޓް ފަދަ އެއްޗެއް އަޅައިގެން ވިއަސް އުނަގަނޑަށް ބާރުވާ ގޮތަށް ހެޔޮވަރު ކޮށްގެންނެވެ. ހަމަ ހުރެފައި މީހަކަށް އެހާ ފަސޭހަކަމާ އެކު މި އުމުރުގެ ކުއްޖަކު އެއްވެސް ރިއެކްޓެއް ނުކޮށް ހުއްޓައި ޖީންސުގެ ތެރެއަށް އަތްލައިގެން --- އަތްލައި ފިތާ ހެދިދާނެ ކަމަށް އާންމު މީހަކު ވެސް ގަބޫލެއް ނުކުރާނެ އެވެ،" ހުކުމްގައިވެ އެވެ.

"އެހެންކަމުން ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގުނު ގޮތް ކަމަށް ބުނެ ކިޔައިދިން ގޮތަކީ ހަމަޖެހޭ ގޮތް ކަމަށް ބެލެވޭކަށް ނެތެވެ."

ފޮޓޯ ޕްރިންޓް ކުރާ ތަނަށް ކުއްޖާ ގެންދިއުމަށާއި އެ ކުއްޖާއާ ރައްޓެހިކަން ބޭއްވުމަށް ތުހުމަތުވާ މީހާ ކުއްޖާއަށް ކޮށްފައިވާ މެސެޖްތަކެއް ވެސް ދައުލަތުން ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހެޅި އެވެ. އެއީ އެ ކުއްޖާ އެ ތަނަށް ގެންގޮސް ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތް އެ މީހާގެ އޮތްކަން ސާބިތުކޮށްދޭށެވެ. ކުއްޖާގެ ފޯނު އެނަލައިޒްކޮށް ފުލުހުން ހެދި ރިޕޯޓްގައި ބުނެފައިވަނީ ތުހުމަތުވާ މީހާ ކުއްޖާއާ މުއާމަލާތްތައް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އަންހެން މެޖިސްޓްރޭޓްގެ ހުކުމްގައި ބުނީ ފޯނުން ފެނުނު މުއާލަމާތްތަކުގައި ބަދުއަހްލާގީ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ޑިޖިޓަލް އެވިޑެންސް އެނަލައިސް ރިޕޯޓް ތައްޔާރުކުރި ފަރާތުން ބުނި ނަމަވެސް އެ މެސެޖްގައި ވާހަކަ ދައްކާފައިވަނީ ތުހުމަތުވާ މީހާކަން ޔަގީން ނުވާ ކަމަށެވެ. ވާހަކަ ދައްކާފައިވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް މެދުވެރިކޮށް ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް މީހުންގެ ނަމުގައި ވާހަކަ ދައްކަން ފުރުސަތު އޮންނަ ޕްލެޓްފޯމެއް ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، އެ ކުއްޖާ ވަނީ ވާހަކަ ދެއްކީ ތުހުމަތު ކުރާ މީހާއާ ކަމަށް ބުނެފަ އެވެ. އެ ބުނުމުގެ މައްޗަށް ބެލޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މައްސަލައެއް ނޫން ކަމަށް މެޖިސްޓްރޭޓް ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި ނިންމުމުގައި އަނިޔާ ލިބުނު ކަމަށް ތުހުމަތުވާ ކުއްޖާއާ މެދު ގާޒީ އުފައްދަވާފައިވާ ސުވާލުތަކާ ގުޅިގެން ގާޒީގެ ސުލޫކީ މައްސަލައެއް މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފަ އެވެ. މި އަހަރު ޖުލައި މަހު ނިންމި މައްސަލައާ ގުޅޭ ގޮތުން ޖޭއެސްސީން މިހާތަނަށް ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.