Roadha Mihaaru

އެމްބާޕޭ ވިދާލިއިރު މޮނާކޯ އަށް ތިން ޕޮއިންޓުގެ ލީޑެއް

ޕެރިސް (މާޗް 6) - އުުއްމީދީ ސްޓްރައިކަރު ކިލިއަން އެމްބާޕޭގެ ދެ ލަނޑާ އެކު 4-0 އިން ނަންޓެސް ބަލިކޮށް މޮނާކޯ ފްރެންޗް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީީޑެއް ނަގައިފި އެވެ.

އެމްބާޕޭ ވިދާލިއިރު މޮނާކޯ އަށް ތިން ޕޮއިންޓުގެ ލީޑެއް
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

06 މާޗް 2017

ޕެރިސް (މާޗް 6) - އުުއްމީދީ ސްޓްރައިކަރު ކިލިއަން އެމްބާޕޭގެ ދެ ލަނޑާ އެކު 4-0 އިން ނަންޓެސް ބަލިކޮށް މޮނާކޯ ފްރެންޗް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީީޑެއް ނަގައިފި އެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ޕީއެސްޖީ އާއި ނީސް ވަނީ މޮނާކޯއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. އެހެން ނަމަވެސް ރޭގެ މޮޅާ އެކު މޮނާކޯ ވަނީ އަލުން ލީޑު ނަގައިފަ އެވެ.

މޮނާކޯ އެއް ވަނައިގައި އޮތީ 28 މެޗުން 65 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އާއި ތިން ވަނައިގައި އޮތް ނީސް އަށް ލިބިފައިވަނީ 28 މެޗުން 62 ޕޮއިންޓެވެ. ޕީއެސްޖީ އަށް ކުރިލިބެނީ ލަނޑުގެ ގޮތުންނެވެ.

މޮނާކޯ ރޭގެ މެޗު ކުޅުނީ އަނިޔާގެ ސަަބަބުން ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ނުލަ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ރޭގެ މެޗުގައި ވެސް ފެނުނީ ތަފާތުކޮށެވެ. ދެ ލަނޑު ޖެހުމުގެ އިތުރުން އޭނާ ވަނީ ނަންޓެސް ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުޖެހީ ވެލައިރީ ޖާމެއިން އާއި ފަބީނިއޯ އެވެ.

ފްރާންސްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އެމްބާޕޭ ވަނީ ސީޒަނުގެ މިހާތަނަށް 15 ލަނޑު ޖަހައިފަ އެވެ. އޭނާ ހޯދުމަށް ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްބާޕޭ ބުނީ ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އަދި ނެތް ކަމަަށެވެ.

"އަހަރެންގެ ފޯކަސް ހުރީ މޮނާކޯ އަށް މި ފަހަރު ލީގު ހޯދައިދިނުމަށް. ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް ނެތް. މޮނާކޯގައި އަހަރެން ބޭނުންވާ ޓާގެޓްތައް ހާސިލްކުރެވޭނެ،" އެމްބާޕޭ ބުންޏެވެ.

މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ބުނީ މެޗަކަށް ފަހު މެޗެއްގައި އެ ޓީމަށް ޕްރެޝަރު ބޮޑުވަމުން އައި ނަމަވެސް އެކަމާ ކަންބޮޑުނުވާ ކަމަށެވެ.