Roadha Mihaaru
ފުރަތަމަ މެޗުގައި ފެބްރިގާސް އަށް ރަތެއް

ފުރަތަމަ މެޗުގައި ފެބްރިގާސް އަށް ރަތެއް

10 އޯގަސްޓް 2019

މޮނާކޯ (އޮގަސްޓް 10) - ފްރެންޗް ލީގު ވަން ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ލިޔޯން އަތުން 3-0 އިން އަމިއްލަ ދަނޑުގައި މޮނާކޯ ބަލިވިއިރު އެ ޓީމަށް ކުޅޭ ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ސެސް ފެބްރިގާސް އަށް ރަތް ކާޑު ދައްކައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މޮނާކޯ (އޮގަސްޓް 10) - ފްރެންޗް ލީގު ވަން ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ލިޔޯން އަތުން 3-0 އިން އަމިއްލަ ދަނޑުގައި މޮނާކޯ ބަލިވިއިރު އެ ޓީމަށް ކުޅޭ ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ސެސް ފެބްރިގާސް އަށް ރަތް ކާޑު ދައްކައިފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީ ދޫކޮށް މޮނާކޯ އަށް ބަދަލުވި އުމުރުން 32 އަހަރުގެ ފެބްރިގާސް އަށް މެޗުގެ 30 ވަނަ މިނިޓްގައި ސީދާ ރަތް ކާޑު ދެއްކީ ލިއޯ ޑުބޯއިސް އަށް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުންނެވެ. ރޭގެ މެޗުގެ ރެފްރީ ރޫޑީ ބުކޭ، ފަބްރެގާސް އަށް ރަތެއް ދައްކަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

މޮނާކޯގެ ކޯޗު ލިއޮނާޑޯ ޖާޑިމް ވަނީ ފެބްރިގާސް އަށް ދެއްކި ރަތް ކާޑަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމަކީ މެޗުން ބަލިވުމުގެ އެއް ސަބަބު ކަމަށެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ލިޔޯނަށް ލީޑުނަގައިދިނީ މޫސާ ޑެމްބެލޭ އެވެ. ފަބްރެގާސަށް ރަތް ކާޑު ދެއްކިތާ ހަ މިނިޓް ފަހުން ލިޔޯނަށް ލީޑުފުޅާކޮށްދިނީ މެމްފިސް ޑިޕާއި އެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ލިޔޯނުގެ ފަހު ގޯލު ޖެހީ ލޫކަސް ޓޫސާޓް އެވެ.

މިިދިޔަ މެއި މަހު ލިޔޯނުގެ ކޯޗުކަމާ ހަވާލުވި ކުރިން ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ އަށް ކުޅުނު ބްރެޒިލްގެ ސިލްވީނިއޯ އަށް މިއީ އުއްމީދީ ފެށުމެކެވެ. ލިޔޯނުގެ މުހިއްމު ތިން ކުޅުންތެރިޔަކު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައިވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. އެއީ ރެއާލް މެޑްރިޑަށް ބަދަލުވި ފޭލަންޑް މެންޑީ އާއި ޓޮޓެންހަމަށް ސޮއިކުރި ޓަންގުއީ އެންޑޮމްބެލޭ އަދި ރެއާލް ބެޓިސް އަށް ސޮއިކުރި ލިޔޯނުގެ ކުރީގެ ކެޕްޓަން ނަބީލް ފެކީރް އެވެ.

މެޗަށް ފަހު ސިލްވީނިއޯ ބުނީ މިއީ އުފާވެރި ނަތީޖާ އެއް ކަމަށާއި އެކަަމަކު އޭނާގެ ނަޒަރުގައި ރަނގަޅު ފެށުމެއް ކަމަށް ގަބޫލުކުރަންޖެހޭނީ ތިން މެޗެއް ވަރު ނިމުމުން ކަމަށެވެ.