Roadha Mihaaru

ރުވާންޑާގެ އިސްތިހާރާ ހެދި އާސެނަލް ޕްރެޝަރަށް

ލަންޑަން (ފެބްރުއަރީ 11) – ރުވާންޑާ ޕްރޮމޯޓް ކުރަން އާސެނަލްގެ ޖޯޒީގައި ޖަހާފައިވާ އިސްތިހާރާ ހެދި އެ ކްލަބް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

ރުވާންޑާގެ އިސްތިހާރާ ހެދި އާސެނަލް ޕްރެޝަރަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

11 ފެބުރުއަރީ 2025

ލަންޑަން (ފެބްރުއަރީ 11) – ރުވާންޑާ ޕްރޮމޯޓް ކުރަން އާސެނަލްގެ ޖޯޒީގައި ޖަހާފައިވާ އިސްތިހާރާ ހެދި އެ ކްލަބް ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

ކޮންގޯގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޖީ ހަތެއްގެ ބައެއް ގައުމުތަކުގެ ހާރިޖީ ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ފްރާންސް، ޖަރުމަނު އަދި އިޓަލީގެ ހާރީޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮންގޯގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ރުވާންޑާ އަޑީގައި އޮވެގެން ހިންގަމުންދާ ހަމަނުޖެހުންތަކެއް ކަމަށެވެ.

ދުނިޔޭގެ ބާރުގަދަ އެ ހަ ގައުމުގެ ހާރިޖީ ވަޒީރުން ނެރުނު ބަޔާނުގެ ސަބަބުން އާސެނަލް އަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ.

އާސެނަލްގެ ޖޯޒީގެ އަތު ކުރީގައި ރުވާންޑާގެ އިސްތިހާރު ޖެހީ 2018 ގަ އެވެ. އެ އިސްތިހާރުގެ އަގަކީ 30 މިލިއަން ޑޮލަރެވެ. އެ ގައުމުގެ ރައީސް ޕޯލް ކަގަމާ އަކީ އާސެނަލްގެ ސަޕޯޓަރެކެވެ.

މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލުން 5-1 ން ހޯދި ބޮޑު މޮޅާ އެކު ކަގަމާ ވަނީ ސޯޝަލް މީޑީއާގައި އާސެނަލް އަށް މަރުހަބާ ވިދާޅުވެ ޕޯސްޓް ކުރައްވައިފަ އެވެ. ބާރުގަދަ ހަ ގައުމުގެ ހާރިޖީ ވަޒީރުން، ރުވާންޑާގެ އަމަލުތައް ކުށްވެރިކޮށް ބަޔާން ނެރުނީ ވެސް ހަމަ އެދުވަހު އެވެ.

އދ. އިން ލަފާ ކުރާ ގޮތުގައި ކޮންގޯގެ ސިޓީ، ގޯމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 3،000 ހާ މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެ އިދާރާގެ އޮފިޝަލް ވިދާޅުވީ އެ ސިޓީގެ އެކި ހިސާބުތަކުން މަރުވެފައިވާ 2،000 މީހުންގެ ހަށިގަނޑު، އިންސާނީ އެހީ ދޭ އޮފިޝަލުން ހޯދައިފައިވާ ކަމަށެވެ.

އިނގިރޭސި ފުޓްބޯޅަ ކޮލަމިސްޓް ސޭމް ޑީން އޭނާގެ އެންމެ ފަހުގެ ކޮލަމްގައި ލިޔެފައި ވަނީ އާސެނަލްގެ ސަޕޯޓަރުން އިހްތިޔާރު ކުރުމަކީ އެ ކްލަބަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ކްލަބްގެ ޕާޓްނަރުން ކަނޑައެޅުމުގެ ހުރިހާ ހައްގެއް އާސެނަލް އަށް ލިބިގެންވާ ކަމަށް ލިޔެ އޭނާ ވަނީ އެ އިސްތިހާރު ދޫކޮށްލަން ގޮވާލައިފަ އެވެ.

ރުވާންޑާގެ އިސްތިހާރު ދޫކޮށްލުމަށް ގޮވާލައި މީގެ ކުރިން އޮންލައިން ޕެޓިޝަނެއް ވެސް ހެދި އެވެ. އަދި އާސެނަލްގެ ބައެއް ސަޕޯޓަރުން ވަނީ 2022 ގައި ވެސް އާސެނަލް އާއި ރުވާންޑާގެ ޕާޓްނާޝިޕާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ކޮށްފަ އެވެ.