Roadha Mihaaru
މައްޔިތުން އުފުލާ ފެރީ ހަލާކުވެ އިތުރު ބުރައެއް

މައްޔިތުން އުފުލާ ފެރީ ހަލާކުވެ، އިތުރު ބުރައެއް އުފުލަން ޖެހިއްޖެ

07 މާޗް 2017

މާލޭގައި މަރުވާ މީހުން އުފުލުމަށް ބޭނުން ކުރާ އެމްޓީސީސީގެ ހާއްސަ ފެރީ ހަލާކުވުމާ ގުޅިގެން މައްޔިތުން އުފުލުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި މަރުވާ މީހުން އުފުލުމަށް ބޭނުން ކުރާ އެމްޓީސީސީގެ ހާއްސަ ފެރީ ހަލާކުވުމާ ގުޅިގެން މައްޔިތުން އުފުލުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މައްޔިތުން އުފުލާ ފެރީގައި މައްސަލަ ޖެހިގެން މަރާމާތަށް ތިލަފުއްޓަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު ކަމަށްވެ އެވެ. އެ ފެރީގެ ބަދަލުގައި މިހާރު އާންމުކޮށް ބޭނުން ކުރަނީ ހުޅުމާލެ އާއި މާލެއާ ދެމެދު ސައިކަލް އުފުލުމަށް ހާއްސާކޮށްފައި އޮންނަ ފެރީ އެވެ.

ސައިކަލް އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީގައި މައްޔިތުން ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ނެތުމުން އާންމުންގެ ގިނަ ބައެއްގެ ޝަކުވާ ވަނީ އަމާޒުވެފަ އެވެ. އަދި ގަބުރު އުފުލުމަށް ހާއްސަކޮށްފައި އޮންނަ 40 މީހުންގެ ޖާގައިގެ ފެރީ އަލުން ހިދުމަތަށް ނެރެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި ސައިކަލް އުފުލާ ފެރީގައި ގަބުރު ގެންދަން ޖެހެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ފެރީގެ ތައްޓު މަތީގައި ގަބުރު ބާއްވަން ޖެހޭ އިރު، ގަބުރު ހިފެހެއްޓޭނެ އިތުރު ގޮތެއް ނެތުމުން، ކައިރީގައި އާއިލާ މެމްބަރުން ތިބެގެން ނޫނީ ގަބުރު ހިފެހެއްޓޭ ގޮތެއް ނެތެވެ.

"އާއިލާ މީހުން ތިބެން ޖެހެނީ ތައްޓު މަތީގައި ވަށައިގެން ގަބުރުގައި ބާރަށް ހިފަހައްޓައިގެން، ފެރީގައި ޖަހާފައި ހުންނަނީ ވެސް ވަރަށް މަދު ގޮނޑިތަކެއް،" އެމީހާ ބުންޏެވެ.

އޭނާ ބުނީ ވިއްސާރަވެގެން ކަނޑުގަދަ ދުވަހަކާ ދިމާވެއްޖެނަމަ، މައްޔިތުން އުފުލުމަކީ މާލޭގައި އުޅޭ މީހުންނަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ. މައްޔިތުން އުފުލާ ފެރީ މައްސަލަ ޖެހިގެން އުޅޭ އިރު، މިކަމަށް ހާއްސަ އިތުރު ފެރީއެއް އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މައްޔިތުން އުފުލުމަށް ހާއްސަ ފެރީ މި މަހުގެ އެއް ވަނަ ދުވަހު ހަލާކުވުމާ ގުޅިގެން އެ މުއްދަތުގެ ފަހުން މަރުވި ދިހަ ވަރަކަށް މީހުންގެ ހަށިގަނޑު ގެންދަން ޖެހުނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ބުންޏެވެ.

މައްޔިތުން ބޭއްވުމަށް އަށްޓެއް ގޮތަށް ހަދާފައި އޮންނަ ތަން.- ފޮޓޯ: މިހާރު

މައްޔިތުން ބޭއްވުމަށް އަށްޓެއް ގޮތަށް ހަދާފައި އޮންނަ ތަން.- ފޮޓޯ: މިހާރު

މައްޔިތުން އުފުލުމަށް ހާއްސަކޮށްފައި އޮންނަ ފެރީގައި އެއް ފަހަރާ ދެ މައްޔިތުން ބޭއްވުމަށް ހާއްސަ އަށްޓެއް ހަދާފައި ހުރެ އެވެ. އަށިމަތީގައި މައްޔިތުން ބާއްވާފައި އޮންނަ އިރު، ގަބުރު ހިފެހެއްޓުމަށްޓަކައި ބެލްޓެއް އެޅުވޭނެ ގޮތް ހަދާފައި ހުރެ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައްޔިތުން އުފުލާ ފެރީ ތިލަފުއްޓަށް ގެންދިޔައީ މަރާމާތެއް ކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އަދި ފެރީ މަރާމާތު ކުރުމަށް ފަހު، އަލުން ހިދުމަތަށް ނެރެވޭނެ ދުވަހެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

"ފެރީތައް ދޭތެރެ ދޭތެރެ އިން މަރާމާތު ކުރޭ، އެކަމަކު މައްޔިތުން އުފުލުމުގެ ކަންކަން ހުއްޓުމަކަށް ނާދޭ، އަޅުގަނޑުމެންގެ ފެރީތަކުގައި މައްޔިތުން އުފުލަމުން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފެރީ މަރާމާތު ކުރުމަށްފަހު މިއަދު ހިދުމަތަށް ނެރެނޭ ކަމަށްވެ އެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންގޮސް ވަޅުލާން ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. އެކަމަކު އިންތިޒާމްތައް ދޯދިޔާވުމާއި އާންމުން އުފުލަން ޖެހުނު ބުރަ ބޮޑުވުމުން، އެންމެ ފަހުން އާއިލާތަކުން އަމިއްލަ އަށް އަލުން އާ ސަހަރާގައި ވަޅުލާން ފެށުމުން، ހުޅުމާލެ އަށް ގަބުރު އުފުލުން ހުއްޓުމަކަށް އަ އެވެ. އޭގެ ފަހުން ހުޅުމާލެ އަށް ގަބުރު ގެންގޮސް ވަޅުލަން ފެށީ މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެންނެވެ.