Roadha Mihaaru

ކޮމިޝަނަރު އެންގެވުމުން ވެސް ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދެއް ނުދިން

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އައްޔަން ކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ މިނިސްޓްރީތަކުން ދިން ނަމަވެސް ފޮރިން މިނިސްޓްރީން އެ މައުލޫމާތު ނުދީ ހިފަހައްޓައިފި އެވެ.

ފޮރިން މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ނުދިން
ނާޒިމް ހަސަން
ނާޒިމް ހަސަން

21 ނޮވެމްބަރ 2024

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އައްޔަން ކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ މިނިސްޓްރީތަކުން ދިން ނަމަވެސް ފޮރިން މިނިސްޓްރީން އެ މައުލޫމާތު ނުދީ ހިފަހައްޓައިފި އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ވަކިވަކި މިނިސްޓްރީތަކުން ހޯދުމަށް ރައީސް އޮފީހުން މީޑިއާއަށް ދިން އިރުޝާދުގެ ދަށުން "މިހާރު" އިން ވާނީ ހުރިހާ މިނިސްޓްރީތަކުގައި ވެސް ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދިނުމަށް އެދިފަ އެވެ.

އެ ހުށަހެޅުމުގެ ދަށުން ގިނަ މިނިސްޓްރީތަކުން އެ މައުލޫމާތު ދިން ނަމަވެސް، ފޮރިން މިނިސްޓްރީން އެ މައުލޫމާތެއް ނުދެ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހޯދަން އެދުނު މައުލޫމާތު ފޮރިން މިނިސްޓްރީން ނުދިނުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅީ އެވެ.

އެ ހުށަހެޅުމާ ގުޅިގެން ބޭއްވި އަޑުއެހުންތަކުގައި، ޖަވާބު ދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެއީ ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށް ކަނޑައަޅައި، ފަސް ދުވަސް ތެރޭގައި މައުލޫމާތު ހާމަކުރަން އަމުރު ކުރައްވައިފަ އެވެ. އެއީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

ނަމަވެސް، އެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް މިނިސްޓްރީން މައުލޫމާތެއް ނުދެ އެވެ. އަދި މައުލޫމާތު ފޯރުކޮށް ނުދޭ ސަބަބު ވެސް ބަޔާނެއް ނުކުރެ އެވެ.

އޭގެ ފަހުން ދެވަނަ ފަހަރަކަށް ވެސް، މައުލޫމާތު ހޯދަން އެދި ގާނޫނުގެ ދަށުން ހުށަހެޅުމުން، މުއްދަތު ހަމަވި އިރު ވެސް މައުލޫމާތެއް ނުދެ އެވެ.

މި މައްސަލަ ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މިހާރު ހުށަހަޅާފައި ވާއިރު ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަޑުއެހުންތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެބަ ކުރިއަށް ގެންދެ އެވެ.

ސިޔާސީ މުވައްޒަފުން ހޯދަން "މިހާރު" އިން އެދުމުން ހަތަރު މިނިސްޓްރީއެއް ފިޔަވައި އެހެން ހުރިހާ މިނިސްޓްރީއަކުން ވަނީ އެ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. ރައީސް އޮފީސް ހިމެނޭ ގޮތަށް 16 އިދާރާއަކުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު ޖުލައި މަހުގެ ނިޔަލަށް 1،249 ސިޔާސީ މުވައްޒަފުން ތިއްބެވެ.

ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ އެ އޮފީހުގެ މުވައްޒަފުން ވެސް ހިމަނައިގެން ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށެވެ.