Roadha Mihaaru

ފްލެޓު ލިސްޓުގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތް: މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރީއިވިއުލޭޝަންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް މިނިސްޓްރީން ބުނެފި އެވެ.

"ފްލެޓު ލިސްޓުގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތް"
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

26 ނޮވެމްބަރ 2024

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރީއިވިއުލޭޝަންގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނެތް ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް މިދިޔަ މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށް ކުރިން އިއުލާންކުރި އެވެ. އޭގެ ފަހުން، މި މަހުގެ ފުރަތަމަ ދެ ހަފުތާގައި އާންމު ކުރާނެ ކަމަށް ބުނިނަމަވެސް، ލިސްޓް އާއްމުކުރުން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފްލެޓު ލިސްޓު އަލުން ބެލުމުގެ މަސައްކަތަށް މަޖިލިސް މެންބަރުންނާއި ސިޔާސީ ވެރިންގެ ނުފޫޒު އޮތް ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށެވެ.

"މި ސްކީމާ ގުޅިގެން ކުރިއަށް ދާ ރީއިވިއުލޭޝަންގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ." މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މަސައްކަތް ކުރަމުން އަންނަނީ ބޯހިޔާވަހިކަން އެންމެ ހައްގުވެރި ފަރާތްތަކަށް ފްލެޓު ދިނުމަށް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމުން އެ މަސައްކަތްތައް ނިންމަން ގިނަ ވަގުތު ބޭނުންވާ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ގާތްގަނޑަކަށް މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ އެ ފްލެޓުތަކަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލި 20،697 މީހުންގެ ތެރެއިން 18،167 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީގެ ސަރުކާރުން އޮތީ ބުނެފަ އެވެ.

އެކަމަކު، ފްލެޓުތަކާ ގުޅިގެން އޭސީސީ އަށް ހުށަހެޅި ޝަކުވާތަކާ ހެދި ކުރި ދެ މަސް ދުވަހުގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. އެއީ ހައްގުވެރިންނެއް ނޫން ކަމަށް އޭސީސީން ބުނެފައި ވެ އެވެ.

އެހެންވެ، އޭރު އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ފްލެޓް ލިސްޓު އަލުން މުރާޖައާ ކުރާށެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، އެ ކަމަށް ހައްލެއް ހޯދުމަށް ހުޅުވާލި މި ފްލެޓްތަކަށް ދޭނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް އެކަންޏެވެ. މި ތަނުގައި ހިމެނެނީ ތިން ކޮޓަރީގެ 2،712 ފްލެޓާއި ދެ ކޮޓަރީގެ 1،188 ފްލެޓްގެ އިތުރުން އޭރު ކަސްޓަމްސް އަށް ހާއްސަކުރި 100 ފްލެޓެވެ.