Roadha Mihaaru

ގެދޮވެރިޔާ ފްލެޓު ދޫކޮށްލައްވަން ހައިދަރު ނިންމަވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމަނާފައި އޮތުމުން، އޭނާގެ ޝަރުތު ހަމަވި ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.

ގެދޮވެރިޔާ ފްލެޓު ދޫކޮށްލައްވަން ހައިދަރު ނިންމަވައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް އޭގެ ތެރެއިން ޝަރުތު ހަމަވެ ލިބޭ މީހުންގެ ލިސްޓުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހިމަނާފައި އޮތުމުން، އޭނާގެ ޝަރުތު ހަމަވި ގޮތާ މެދު ސުވާލު އުފައްދަމުން ދަނިކޮށް، ފްލެޓު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.

ހައިދަރު ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާ އާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ އަށް ވުރެ ބޮޑަށް އެ ސްކީމުން ފްލެޓު ހައްގުވާ އެތައް އާއިލާއެއް ތިބޭނެ ކަަމަށެވެ.

"ވީމާ މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފްލެޓް ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ތާއަތާއި އިހުތިރާމާ އެކު ދެންނެވީމެވެ،" އެންމެ ފަހުން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ހައިދަރުގެ ބަޔާނުގައި ވެ އެވެ.

ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅިގެން އޭސީސީން ވެސް ތަހުގީގުކޮށް، ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ލިސްޓު ރިވިއު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ނަމަވެސް، ރިވިއު ކުރުމަށް ފަހު ނެރުނު ލިސްޓުގައި ހައިދަރުގެ ނަން އޮތުމުން ސޯޝަލް މީޑިއާގައި ވެސް އައީ ސުވާލު އުފައްދަމުންނެވެ. ގެދޮވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވުމަކީ އަސާސީ ޝަރުތެކެވެ.

ނަމަވެސް ހައިދަރު ވަނީ އޮސްޓްރޭލިއާގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވައިފަ އެވެ.

އެކަމާ މެދު ސުވާލު އުފައްދަމުން ގެންދަނިކޮށް، ހައިދަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން، ފްލެޓު ލިބިވަޑައިގެންނެވުމަށް އުޒުރުވެރިވާ ކަމަށެވެ. ހައިދަރު ވިދާޅުވީ، ފްލެޓް ލިސްޓުގައި އޭނާ ކޯއެޕްލިކަންޓަކަށް ހުންނަވައި، އަނބިކަނބަލުންނަށް ތިން ކޮޓަރީގެ ފްލެޓެއް ލިބޭނެ ކަމަށް އޮތީ ކަނޑައަޅާފައި ކަމަށެވެ.

މި ސަރުކާރުން ރިވިއުކޮށް މިއަދު އާންމުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

ފްލެޓް މަޝްރޫއުއާ ގުޅޭ ގޮތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ބަލާފައި ވަނީ ކުރީ ސަރުކާރުން ނެރެފައިވާ ލިިސްޓުގައި ހިމެނޭ 4000 މީހުންނަކީ ޝަރުތު ހަމަވެފައި ތިބި މީހުންތޯ ކަމަށެވެ.

އެގޮތަށް ބެލީ އޭރު ސަރުކާރުން ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ބަލައި، އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގާ ގޮތަށަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާނީ 73 ޕޮއިންޓު ލިބިގެން ކަމަށް އޭރު އޮތީ ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި އެންމެ ހައްގުވެރިންނަށް ފްލެޓް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ އެވެ.

މި މަޝްރޫއުގައި އެންމެ ބޮޑަށް ފާހަގަވި މައްސަލަތަކަށް އަލިއަޅުއްވާލަމުން އޭނާ ވިދާޅުވި ގޮތުގައި މާލޭގައި 15 އަހަރު ދުވަހު އުޅުނު ކަމުގެ ލިޔުން ހޯދުމަށް ގޭގެ ވެރިފަރާތުންނާއި ކައުންސިލުތަކުން ސައްހަ ނޫން ލިޔުން ހޯދާފައިވެ އެވެ.

އެ މަޝްރޫއު އޭރު ހުޅުވާލީ މާލޭގައި މެދުކެނޑުމެއް ނެތި ދިރިއުޅެމުން އަންނަތާ 15 އަހަރަށް ވުރެ ދުވަސްވެފައިވާ މީހުންނަށެވެ. އެހެންވެ ގިނަ ބަޔަކު ސައްހަ ނޫން ލިޔުންތައް ހޯދި ކަމަށް ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ފަހު ވެސް ބުނެފައިވެ އެވެ.