Roadha Mihaaru

ސިޓީ ކުޅުންތެރިންގެ އިތުބާރެއް ނެތް

އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެފައިވާ މެންޗެސްޓާ ސިޓީން ރޭ ޗެމްޕިއަންސް ލީގުގައި ފެޔަނޫޑް ކޮޅަށް ތިން ގޯލު ޖަހައި ހާލަތު ބަދަލުކުރުމާ ދާދި ގާތަށް ގޮސްފައިވަނިކޮށް އެ ޓީމުން ފަހަތުން އަރައި ތިން ގޯލު ޖަހައި މެޗު އެއްވަރުކޮށްފި އެވެ.

ސިޓީ ކުޅުންތެރިންގެ އިތުބާރެއް ނެތް

އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެފައިވާ މެންޗެސްޓާ ސިޓީން ރޭ ޗެމްޕިއަންސް ލީގުގައި ފެޔަނޫޑް ކޮޅަށް ތިން ގޯލު ޖަހައި ހާލަތު ބަދަލުކުރުމާ ދާދި ގާތަށް ގޮސްފައިވަނިކޮށް އެ ޓީމުން ފަހަތުން އަރައި ތިން ގޯލު ޖަހައި މެޗު އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު ސިޓީގެ މޮޅުނުވުމުގެ ސިލްސިލާ މިވަނީ ހަ މެޗަށް އިތުރުވެފަ އެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައި އެންމެ ނާކާމިޔާބު ދުވަސްކޮޅެވެ. އޭނާ ބުނީ ކައިރިކައިރީގައި ދަށް ނަތީޖާތަކެއް ނުކުތުމުން ކުޅުންތެރިންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

"އަހަރެމެން ކޮޅަށް މިހާ ބައިވަރު ގޯލު މިވަނީ ޓީމު ހަމަޔަކަށް ނޭޅި، ހާސްކަމުގައި ކުޅޭތީ،" ގާޑިއޯލަ ބުންޏެވެ. "އަހަރެމެން ތިން ލަނޑުގެ ލީޑެއްގައި އޮތްއިރު އިތުބާރާ އެކު ރަނގަޅަށް ކުޅުނީ. އެކަމަކު ފުރަތަމަ ގޯލު ވަނުމާ އެކު އެ ހުރިހާ ކަމެއް ބަދަލުވެއްޖެ."

ސިޓީ އޮތީ 8 ޕޮއިންޓާ އެކު ލީގު ބުރުގެ 15 ވަނައިގަ އެވެ. ބާކީ އޮތް ތިން މެޗުގެ ތެރޭގައި ޔުވެންޓަސް އާއި ޕީއެސްޖީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުތައް ވެސް އޮތުމާ އެކު، އަނެއް ބުރުން ފުރުސަތު ހޯދަން ސިޓީ އަށް އޮތީ އުނދަގޫ މަސައްކަތެކެވެ.

ޕްރިމިއާ ލީގުގައި ސިޓީ ދެން ކުޅެން ޖެހޭނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެވެ. މި ނަތީޖާގެ ސަބަބުން އެ މެޗާ ކުރިމަތިލާއިރު ކުޅުންތެރިންގެ އިތުބާރު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު 44 ވަނަ މިނެޓުގައި ވައްދާލީ ޕެނަލްޓީއަކުން އާލިން ހާލަންޑެވެ. ދެ ވަނަ ގޯލު 50 ވަނަ މިނެޓުގައި ވައްދާލީ އިލްކޭ ގުންޑޮގާން އެވެ. އޭގެ ތިން މިނެޓު ފަހުން ތިން ވަނަ ގޯލު ޖެހީ ހާލަންޑެވެ.

ފެޔަނޫޑުގެ ފުރަތަމަ ގޯލް ޖެހީ 75 ވަނަ މިނެޓުގައި އަނިސް ހަޖީ-މޫސާ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ 82 ވަނަ މިނެޓުގައި ސަންޓިއާގޯ ޖިމެނޭޒް އެވެ. އަދި އެއްވަރުކުރީ 89 ވަނަ މިނެޓުގައި ޑޭވިޑް ހަންކްކޯ އެވެ.