Roadha Mihaaru
ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމުގެ ނިޔަތެއް ނެތް: މިފްކޯ

ސަރުކާރުގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމުގެ ނިޔަތެއް ނެތް: މިފްކޯ

27 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމުގެ ނިޔަތެއް ނެތް ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމުގެ ނިޔަތެއް ނެތް ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ބައެއް ކެންޑިޑޭޓުން މިފްކޯގެ ރަސްމީ "އެކްސް" އެކައުންޓުން ޕްރޮމޯޓު ކުރި މައްސަލާގައި އޭނާ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީނއަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

މިފްކޯ އިން އެ ދުވަސްވަރު ކުރި ޕޯސްޓުތަކުގައި ބުނެފައި ވަނީ ސަރުކާރުގެ ކެންޑިޑޭޓަށް މިފްކޯގެ ސީއީއޯ މަރުހަބާ ދަންނަވާފައިވާ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހެޔޮ ފިޔަވަޅު އަޅުއްވާ ކަންކަން ފަހި ކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ.

އެގޮތަށް ޓުވީޓުކޮށް ކެންޑިޑޭޓުންނަށް ހަދިޔާ އަރުވާ ފޮޓޯތައް ވަނީ ޕޯސްޓު ކޮށްފަ އެވެ.

ނަމަވެސް އެ މައްސަލާގައި ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މިފްކޯ އިން ވަނީ ހުރިހާ ޕޯސްޓެއް ޑިލީޓް ކޮށްލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމުން މިފްކޯގެ ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޖީއެމް މުއާޒް އަލީ ވިދާޅުވީ، މިފްކޯ އަށް ވަޑައިގަންނަވާ މެހެމާނުންނާއި އިއްޒަތްތެރިން އެ ކުންފުނިން އާންމު އުސޫލުން "ގިފްޓް ހެމްޕާ" އެއް އަރުވާ ކަމަށެވެ.

"އެއީ މާކެޓިން ގޮތުގައި ކުރާ ކަމެއް ކާޓަސީއެއް ގޮތުގައި. ޒަމާނުއްސުރެ އޮތް ސަގާފަތެއް. ހާއްސަކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލު ކުރާއިރު ފޮޓީ ނަގާ ހާދިޔާ ބަދަލު ކުރުން،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ޝަމާހު ވިދާޅުވީ އެ ޕޯސްޓުތައް ކޮށްފައި ވަނީ މަތިން އެޕްރޫވަލް ނުލިބި ކަމަށާއި ބަލަންވީ ވަރަށް ނުބަލައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުހިނގާނެ ކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ނިޔާތެއް ނެތް މިފްކޯގެ ވަސީލަތްތައް ބޭނުން ކޮށްގެން ވަކި ކެންޑިޑޭޓަކު ޕްރޮމޯޓް ކުރުން. އެއީ ވިސްނާފައި އޮތް ގޮތެއް ނޫން އަދި ބޭނުންވާ ގޮތެއް ވެސް ނޫން،" ޝަމާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަކީ ރައްޔިތުންގެ އެތައް ތާއީދާއި ލޯބި އޮންނަ ބައެއް ކަމަށާއި އެހެންވެ އެ ބޭފުޅުން މެދުވެރިކޮށް މިފްކޯގެ އުފެއްދުންތައް އިޝްތިހާރު ކުރުމަކީ ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ.

ނަމަވެސް އެގޮތަށް އަމަލު ކުރުމުން މީހުންގެ ފީޑް ބެކް ލިބުނު ގޮތުން އެކަން އިތުރަށް ނުކުރަން ނިންމާފައިވާ ކަމަށް ވެސް ޝަމާހު ވިދާޅުވި އެވެ.

އެ މައްސަލާގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން (ޕީސީބީ) އާ ސުވާލު ކުރުމުން އެ ބޯޑުގެ ރައީސް ހަމްދީ އަގީލް ވިދާޅުވި ގޮތުގައި، މިފްކޯ އޮތީ ސަރުކާރު ހިންގާ ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާގަ އެވެ. އެހެންވެ، އެ ކުންފުނީގެ ކޮމްޕޮޒިޝަނާއި ހިންގާ ގަވައިދު ވެސް އަދި ނުލިބޭ ކަމަށް ވިދާޅުވި އެވެ.

މިފްކޯ ޓްރާންސްފާ މަރުހަލާއެއްގައި އޮތުމުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ހަމްދީ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިއަދު ހެނދުނު [މިފްކޯ] އާ ބައްދަލު ކުރުމުން ހަމަ އެ ޖަވާބު ލިބިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.