Roadha Mihaaru
މާލެއިން ބޯފެން ލިބުން ދަތިވެއްޖެ!

މާލެއިން ބޯފެން ލިބުން ދަތިވެއްޖެ!

07 މާޗް 2017

މާލޭގެ ފިހާރަތަކުން ފަސް ލީޓަރުގެ މިނަރަލް ވޯޓާ ފުޅި މުޅިންހެން ހުސްވެ، އެހެން ބައެއް ސައިޒްތަކުގެ ފެން ވެސް ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ ފިހާރަތަކުން ފަސް ލީޓަރުގެ މިނަރަލް ވޯޓާ ފުޅި މުޅިންހެން ހުސްވެ، އެހެން ބައެއް ސައިޒްތަކުގެ ފެން ވެސް ލިބުން ވަރަށް ބޮޑަށް ދަތިވެއްޖެ އެވެ.

މި މައްސަލަ މިދިޔަ އާދިއްތަދުވަހުން ފެށިގެން ވަނީ ކުރިމަތިވެފަ އެވެ. އެންމެ ބޮޑު ސަބަބަކީ ތާޒާ ބްރޭންޑްގެ ފަސް ލީޓަރުގެ ބައެއް ފެންފުޅީގައި ވަހެއް ހުރުމުން، އެ ފެންފުޅިތައް ފިހާރަތަކުން ނެގުމާއި އެ ކުންފުނިން ފަސް ލީޓަރުގެ ފެން ސަޕްލައި ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމެވެ. ހަމައެއާ އެކު، އެ ދުވަހު މުޅި މާލެއިން ފެެން ކެނޑުމާ އެކު ފިހާރަތަކުގައި ހުރި ގިނަ އަދަދެއްގެ ފެން އާންމުން ގަނެ، ގޭގޭގައި ވަނީ ރައްކާކޮށްފަ އެވެ.

"ރޭގައި ވެސް ދިހަ ވަރަކަށް ފިހާރައަށް ދިޔައިން ފަސް ލިޓަރުގެ ފެން ގަންނަން. ތާޒާގެ އިތުރުން ލައިފް އާއި ބޮނަކުއާގެ ވެސް ފަސް ލީޓަރުގެ ފެނެއް ގަންނާކަށް ނުލިބުން،" އާދިއްތަ ދުވަހުން ފެށިގެން ގެއަށް ވޯޓާ ސަޕްލައި ފެން ނުލިބޭތީ ފެން ގަންނަން ދިޔަ މީހަކު ބުންޏެވެ.

"އެންމެ ފަހުން ގެއަށް ދިޔައީ ކުދި ފުޅި ގަނެގެން."

ދެތިން ފިހާރައަކުން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި އާދިއްތަ ދުވަހު ފެން ކެނޑިގެން ދިއުމާ ހަމައަށް އެއްވެސް ދަތިކަމެއް ނެތި ފެން ލިބުނެވެ. އެކަމަކު އޭގެ ފަހުން ފެން ގަންނަ މީހުންގެ އަދަދު އިތުރުވެ، ވަރަށް އަވަހަށް ފެންފުޅިތައް ވިކި ހުސްވެއްޖެ ކަމަށް އެތަންތަނުން ބުންޏެވެ.

"މިހާރު މީހުންނަށް މި ވިއްކަނީ 1.5 ލީޓަރުގެ ފެންފުޅި،" ފިހާރައެއްގެ ސޭޓަކު ބުންޏެވެ. "އެ ވެސް މިއަދު ނުލިބޭ. ހަމަ އެއްވެސް ވަރަކަށް ފެނެއް ނެތް. މި ހިސާބުގަނޑުގެ އެއްވެސް ފިހާރައެއްގައި ވެސް އެއްވެސް ވަރަކަށް ފެނެއް ނެތް."

ފެން އުފައްދާ ކުންފުނިތަކުގެ ތެރެއިން އެމްޑަބްލިޔުއެސްސީ އާއި މާލޭ އެރޭޓެޑްވޯޓާ ކޮމްޕެނީ އަދި ހެޕީ މާކެޓުން މިކަމާ ބެހޭ ގޮތުން ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެ އެވެ.