Roadha Mihaaru
ފަސް ލީޓަރުގެ ފެން ފުޅި ލިބުން ދަތިވެއްޖެ

ޑިމާންޑު ބޮޑުވެ ފަސް ލީޓަރުގެ ފެން ފުޅި ލިބުން ދަތިވެއްޖެ، އުފެއްދުމުގައި މައްސަލައެއް ނޫޅޭ

09 އޮކްޓޯބަރ 2016

ފަސް ލީޓަރުގެ ފެން ފުޅި އަށް އޮތް ޑިމާންޑު ބޮޑުވެ، މާލޭގެ ބައެއް ފިހާރަތަކުން ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ފަސް ލީޓަރުގެ ފެން ފުޅި އަށް އޮތް ޑިމާންޑު ބޮޑުވެ، މާލޭގެ ބައެއް ފިހާރަތަކުން ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

ގަލޮޅުގައި ހުންނަ ފިހާރައެއްގެ ސޭޓަކު މިއަދު ބުނި ގޮތުގައި ފަސް ލީޓަރުގެ ފެން ފުޅި މިދިޔަ ހަފުތާގެ ފަހުކޮޅު އެއްވެސް ވަރަަކަށް ނުލިބެ އެވެ. ނަަމަވެސް، މިހާރު ކޮންމެވެސް ވަރަކަށް ލިބެން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

މާލޭގެ ބޮޑު ސުޕަމާޓަކުން ވެސް ބުނީ "ލައިފް" ފެނުގެ ފަސް ލީޓަރު ފުޅި ލިބުމުގައި ދަތިތަކެއް މިދިޔަ ހަފުތާއިން ފެށިގެން ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެއިގެ ސަބަބުން "ތާޒާ" ފެން އިތުރަށް ބޭނުންވި ކަމަށާއި އެހެންވެ "ތާޒާ" ފެން ލިބުމުގައި ވެސް ފަހުން ދަތިތަކެއް ކުރިމަތިވި ކަމަށް އެ ތަނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"ފެން އުފެއްދުމުގައި މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ބުނަނީ. ސީދާ ވަކި ސަބަބެއް ނޭނގެ،" އޭނާ ބުންޏެވެ.

ނަމަވެސް، ކ. ހިންމަފުށީގައި ހުންނަ "ލައިފް" ފެން އުފައްދާ ފެކްޓަރީގެ މެނޭޖަރު މުހައްމަދު އިމްތިޔާޒު "މިހާރު" އަށް ވިދާޅުވީ ފެން އުފެއްދުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. ފަސް ލީޓަރުގެ ފެން ފުޅި ވެސް ކޮންމެ ދުވަހަކު ކަނޑައަޅާފައިވާ މިންވަރަށް އުފައްދައި ސަޕްލައި ކުރުމަށް ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަޕްލައިގައި ވެސް އެއްވެސް މައްސަލައެއް ނޫޅޭ،" އިމްތިޔާޒު ވިދާޅުވި އެވެ.

"ތާޒާ" ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން އުފައްދާ ފަސް ލީޓަރުގެ ފެން ފުޅި އަށް އޮންނަ ޑިމާންޑް މި ދުވަސްވަރު މައްޗަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ސަބަބެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީގައި ކޮންމެ ދުވަހަކު ވެސް، ކުރިއެކޭ އެއްގޮތަށް ފެން ފޯރުކޮށްދެމުން މިދަނީ. ފެން އުފެއްދުމުގައި އަޅުގަނޑުމެން ކޮޅުން އެއްވެސް މައްސަލައެއް ނޫޅޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފެން އުފެއްދުމުގައި މައްސަލައެއް ކުރިމަތިވެފައި ނެތް ކަމަށް ކުންފުނިތަކުން ބުނާއިރު ވެސް ފަސް ލީޓަރު ފެން ފުޅިއަށް އޮތް ޑިމާންޑް ބޮޑުވި ސަބަބެއް ނޭނގެ އެވެ. އެކަމަކު، މާލޭގެ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފެން އުފެއްދުމުގައި މައްސަލަތަކެއް ކުރިމަތިވެގެން އުޅޭ ކަމަށް އަޑު ފެތުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ފެން ގަތުމަކީ ފެން ލިބުން ތާށިވުމުގެ ސަބަބެއް ކަމަށް ވެދާނެ އެވެ.

އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ އެއް ބްރޭންޑް، "ލައިފް" ފެން އުފެއްދުން މިދިޔަ ޖުލައި މަހު މެދުކަނޑާލަން ޖެހުނެވެ. އެއީ ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކްސްކަވޭޓަރަކުން ޖެހިގެން، ފެން ޕްލާންޓަށް ލޮނު ނެގުމަށް ގުޅާފައިވާ މައި ހޮޅި ފަޅައިގެން ދިއުމުންނެވެ. އެކަމަކު، އެ މައްސަލަ ހައްލުކޮށް، އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ފެން އުފައްދަން ވަނީ ފަށައިފަ އެވެ.