Roadha Mihaaru

ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރެއް ނުކުރެވުނު

ސިޔާސީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ދެކުނު ކޮރެއާގައި އެ ގައުމުގެ ރައީސް ޔޫން ސުކް ޔޯލް އަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކުރަން އިދިކޮޅު ޕާޓީން ކުރި މަސައްކަތް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރެއް ނުކުރެވުނު

ސިޔާސީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ދެކުނު ކޮރެއާގައި އެ ގައުމުގެ ރައީސް ޔޫން ސުކް ޔޯލް އަށް އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކުރަން އިދިކޮޅު ޕާޓީން ކުރި މަސައްކަތް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބުވީ އެގޮތަށް ފާސްވުމަށް މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި ނުވަތަ 200 މެންބަރުންގެ ވޯޓު ބޭނުންވާއިރު އެ ޖަލްސާއަށް ކޯރަމް ހަމަނުވުމުންނެވެ. އެއީ ރައީސް ޔޫންގެ ޕީޕަލްސް ޕަވަ ޕާޓީގެ މެންބަރުން ވޯޓުގެ ވަގުތު ޖެހުމާ އެކު ޖަލްސާ ދޫކޮށް ވަޑައިގަތުމުންނެވެ.

މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 192 ގޮނޑި ލިބިފައިވަނީ އިދިކޮޅު ޕާޓީތަކަށެވެ. ޕީޕަލްސް ޕަވަ ޕާޓީއަށް އޮތީ 108 ގޮނޑި އެވެ.

ސަރުކާރުގެ މެންބަރުން ޖަލްސާ ދޫކޮށް ވަޑައިގަންނަވަން ފެށުމުން ޖަލްސާ ހޫނުވެ ބަހުގެ ހަމަލާތައް ބަދަލުކުރި އެވެ. ނޭޝަނަލް އެސެމްބްލީގެ ރައީސް ވޫ ވޮން-ޝިކް ވެސް ވަނީ މެންބަރުން އެގޮތަށް އަމަލު ނުކޮށް ގާނޫނީ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. މިކަން ހިނގަމުން ދިޔައިރު ދޮޅު ލައްކައަށްވުރެ ގިނަ މީހުން މަޖިލިސް ބޭރަށް އެއްވެ ރައީސްގެ އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް. -- ފޮޓޯ: އޭއެފްޕީ

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް. -- ފޮޓޯ: އޭއެފްޕީ

"ޖުމްލަ 195 ވޯޓާ އެކު، ވޯޓު ދިން މެންބަރުންގެ އަދަދު ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަށް ނާދެވުނު. އެހެންވީމާ، އަޅުގަނޑު މި އިއުލާނު ކުރަނީ މިކަމުގައި ނަގާ ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަމަށް،" ނޭޝަނަލް އެސެމްބްލީގެ ރައީސް ވޫ ވޮން-ޝިކް ވިދާޅުވި އެވެ.

ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހު ހޫނުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމުންނެވެ. ނަމަވެސް ގާނޫނު މަޖިލިސް ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ނުދީ މެންބަރުން އެތަނަށް ވަދެގަނެ، ރައީސްގެ ގަރާރު ބާތިލްކުރުމަށް ވޯޓު ދިނުމަށް ހަމަ އެ ރޭ ކުއްލި ނުރައްކާ އުވާލި އެވެ.

އޭގެ ފަހުން ރައީސް ޔޫންގެ ހިލަމެއް ނުވެ ހުންނެވުމަށް ފަހު މިއަދު ޔޫން ގައުމާ މުހާތަބުކުރައްވަމުން ވިދާޅުވީ އެގޮތަށް ކަންތައް ކުރެއްވުނީތީ މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިދިކޮޅުގެ ކޮންޓްރޯލް އޮތް މަޖިލީހުންގެ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން އުޅުނަސް އަލުން ކުއްލި ނުރައްކާ އިއުލާނު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމާ މުހާތަބުކުރައްވަމުން ޔޫން މިހެން ވިދާޅުވި ފަހުން އޭނާގެ ޕާޓީގެ ވެރިޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ރައީސް ކޮންމެ ވަގުތަކު ވެސް އިސްތިއުފާ ދެއްވަފާނެ ކަމަށެވެ.

"މިހާރު މި އޮތީ ރައީސް އާންމު ޒިންމާތައް އަދާކުރެއްވޭ ފަދަ މާހައުލެއް ނޫން. އެހެންވެ ކޮންމެ ވަގުތަކު ވެސް އިސްތިއުފާ ދެއްވަފާނެ،" ޕީޕަލް ޕަވާ ޕާޓީގެ ލީޑަރު ހާން ޑޮންގް-ހޫން ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ ރޭ ޓީވީން ގައުމާ މުހާތަބު ކުރައްވައި ދެއްވި ކުއްލި ހިތާބުގައި ޔޫން ކުރެއްވި ބޮޑު އިއުލާނަކީ 52 މިލިއަނުގެ އާބާދީއެއް އޮންނަ އެ ގައުމުގައި 40 އަހަރު ތެރޭ ވެސް ކޮށްފައި ނެތް ކަމެކެވެ.

މަދަނީ ވެރިކަން ވަގުތީ ގޮތުން ހުއްޓުމަކަށް ގެންދަނީ ހަތުރުވެރި އުތުރު ކޮރެއާގެ ކޮމިއުނިސްޓް ބާރުތަކުގެ ނުރައްކަލުން ދެކުނު ކޮރެއާ ސަލާމަތްކުރުމަށާއި ރައްޔިތުންގެ މިނިވަންކަމާއި އުފާވެރިކަމާއި ދައުލަތާ ދެކޮޅު ފަރާތްތަކުގެ ކިބައިން ރައްޔިތުން ހިމާޔަތްކުރުމަށް ކަމަށް ޔޫން ވިދާޅުވި އެވެ.

އެކަމަކު ފަހަތުގައި އޮތީ ސިޔާސީ ކަންކަމަށެވެ. ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ (ޑީޕީ) އަށް އަޣުލަބިއްޔަތު ލިބުމާ އެކު މި އަހަރުގެ ކުރީކޮޅުން ފެށިގެން ޔޫންގެ ބާރެއް ނެތެވެ. އަންނަ އަހަރަށް ލަފާކޮށް ޔޫންގެ ސަރުކާރުން ހުށަހެޅި ބަޖެޓުން ގާތްގަނޑަކަށް 4.1 ޓްރިލިއަން ވޮން (2.8 ބިލިއަން ޑޮލަރު) އިދިކޮޅު ފަރާތްތަކުން އުނިކުރުން ވެސް ޔޫން އަށް ބޮޑު ގޮންޖެހުމަކަށްވި އެވެ. އެހެން ހެދުމުން ޔޫން ވަނީ "ގައުމުގެ އަސާސީ ކަންކަން ހިންގުމަށް ބޭނުންވާ ފައިސާ ވެސް އުނިކުރަނީ" ކަމަށް ވިދާޅުވެފަ އެވެ.

ދެކުނު ކޮރެއާގައި، ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް 180 ދުވަހުގެ ތެރޭގައި ދުސްތޫރީ ކޯޓުން މި ނިންމުމާ ގުޅޭ ގޮތުން ހުކުމެއް އިއްވަން ޖެހޭނެ އެވެ. އެ ހުކުމް އަންނަންދެން ރައީސް ސަސްޕެންޑް ކުރާނެ އެވެ. އަދި އެ މުއްދަތުގައި ވަގުތީ ރައީސްގެ ގޮތުގައި ބޮޑުވަޒީރު މަސައްކަތް ފައްޓަވާނެ އެވެ. މިކަމަށް ބަލާއިރު ދުސްތޫރީ ކޯޓުގައި ތިއްބަވަންޖެހޭ ނުވަ ފަނޑިޔާރުންނެއް މި ވަގުތަކު ނެތެވެ. މި ވަގުތު މަދުވާ ދެ ފަނޑިޔާރުން ވެސް އައްޔަން ނުކުރެވި ވަނީ ސަރުކާރާއި މަޖިލީހުގެ ތަޅާފޮޅުމާ ހެދި އެވެ.