Roadha Mihaaru
މަސީހާ ދެކޮޅު ވޯޓު ނާކާމިޔާބު ކޮށްލާނަން: ނިހާނު

މަސީހާ ދެކޮޅަށް ނަގާ ވޯޓު ފަސޭހަކަމާ އެކު ނާކާމިޔާބު ކޮށްލާނަން: ނިހާނު

08 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބު ކޮށްލާނީ ފަސޭހަކަމާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބު ކޮށްލާނީ ފަސޭހަކަމާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މަޖިލިސް އިތުރަށް ހަލަބޮލި ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

"ޕީޕީއެމުން އެ މަސައްކަތް (މަސީހާ ދެކޮޅަށް ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ މައްސަލަ) ވަރަށް ފަސޭހަ ކަމާ އެކު ނާކާމިޔާބު ކޮށްލާނަން،" ނިހާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ.

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އިސްކޮށް ތިއްބެވި އިދިކޮޅު މެމްބަރުން، މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މަޖިލިހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އިސްކޮށް ތިއްބެވި އިދިކޮޅު މެމްބަރުން، މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނިހާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން އަބަދުވެސް މަސައްކަތް ކުރައްވަ އެވެ. އެކަމަކު އެ އިން ކޮންމެ ފަހަރަކު ވޯޓު ނާކާމިޔާބުވާނެ ކަން އެނގޭތީ އެ މައްސަލަ އަނބުރާ ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން މަޖިލީހަށް ހުށަހެޅުއްވި 26 މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

ނިހާނު ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ޕާޓީ ތަމްސީލް ކުރައްވާ ގޮތުންނާއި ޕާޓީގެ ވިޕާ ހިލާފުވެ ވަޑައިގަންނަވާ ނަމަ، އެ މެމްބަރެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެކަމަކު މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން މެންބަރަކު ސޮއި ކުރެއްވުމަކީ "މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން ވޯޓު ދޭން ނިންމެވުން" ނޫން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތިއްބެވީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކީ އެއްގަލަކަށް އަރާފައި ތިބި ބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެއް އަޒުމެއްގައި ތިބި ޕީޕީއެމް މެމްބަރުންގެ މައްޗަށް ކުރި ހޯދަން ފަސޭހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ކުރިން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފެ އެވެ. ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު މެމްބަރުންނަށް އޮންނަ އިރު، ސުވާލުތައް ހުންނަނީ ގިއުގަނޑުން ބޭރުން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިދިޔަ އަހަރުގެ މާޗު މަހު ވެސް ހުށަހެޅި އެވެ. އެކަމަކު މަޖިލީހުގެ 22 މެމްބަރެއްގެ ސޮޔާއެކު ހުށަހެޅި އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ މައްސަލަ އަށް މެމްބަރުންގެ މެދުގައި ބަހުސްކޮށް ވޯޓަށް އަހާފައެއް ނުވެ އެވެ.